ޕަންޖާބު ސަރުކާރުގެ ހުއްދައެއް ނުނަގައި ސްޓޭޖް ޕްލޭތަކާއި ތިއޭޓަރު ޝޯތައް ބޭއްވުން މަނާކޮށް، އެފަދަ އަމަލުތައް ކުރާ ފަރާތްތަކަށް 6 މަސްދުވަހުގެ ޖަލު ހުކުމަކާއި އެކު އެކެއް މިލިއަން ރުޕީސްއާ ހަމައަށް ބޮޑެތި ޖޫރިމަނާތަކެއް ކަނޑައަޅާ ބިލެއް ޕާކިސްތާނުގެ ޕަންޖާބު އެސެމްބްލީގެ އިންފޮމޭޝަން އެންޑް ކަލްޗަރ ސްޓޭންޑިންގ ކޮމިޓީން ފާސްކޮށްފިއެވެ.
ސަރުކާރަށް ފާޑު ކިޔުން އިތުރުވެފައިވާ ދަނޑިވަޅެއްގައި ސަރުކާރުން މަސައްކަތް ކުރަނީ އިދިކޮޅު މީހުންގެ އަޑު ކަނޑުވަލުން ކަމަށް އިދކޮޅު ފަރާތްތަކުން ބނެއެވެ.
"ޕަންޖާބު ޑްރާމެޓިކް އެންޑް ތިއޭޓްރިކަލް ޕާފޯމަންސަސް ބިލް 2026″ ގެ ނަމުގައި ފާސްކުރި މި ބިލްގެ މަޤްޞަދަކީ އާންމު މުނިފޫހިފިލުވުމުގެ ހަރަކާތްތައް ސަރުކާރުގެ ފުރިހަމަ ބެލުމުގެ ދަށަށް ގެނައުމާއި، 1876 ވަނަ އަހަރު ހަދާފައިވާ "ޑްރާމެޓިކް ޕާފޯމަންސަސް އެކްޓް" އުވާލައި، ޒަމާނީ އުޞޫލުތަކެއް ޤާއިމުކުރުމެވެ. މި ބިލު ޤާނޫނަކަށް ވުމުން، ޕަންޖާބު ކައުންސިލް އޮފް ދި އާޓްސްގެ އެގްޒެކެޓިވް ޑިރެކްޓަރުގެ ރަސްމީ ހުއްދައާއި ލައިސަންސް ނުނަގައި އެއްވެސް އާންމު ތަނެއްގައި ސްޓޭޖް ޕްލޭތައް ބޭއްވުން ޤާނޫނީ ގޮތުން މަނާވާނެއެވެ.
އަލަށް އެކުލަވާލި އުޞޫލުތަކުގެ ދަށުން، ޑްރާމާ ނުވަތަ ކުޅިވަރުތައް ސްޓޭޖްކުރުމުގެ ކުރިން އޭގެ ސްކްރިޕްޓް ޚާއްސަ "ސްކްރިޕްޓް ރިވިއު ކޮމިޓީ" އަކަށް ހުށަހަޅައިގެން ފާސްކުރަންޖެހެއެވެ. އަދި ތިއޭޓަރުތަކުގައި ހަރަކާތްތެރިވާ އާޓިސްޓުންނާއި، ޑިރެކްޓަރުންނާއި، ކްރޫ މެންބަރުންގެ އިތުރުން މޭކަޕް އާޓިސްޓުންވެސް ސަރުކާރުގައި ރަޖިސްޓްރީވުން ވަނީ ލާޒިމުކޮށްފައެވެ. ރަޖިސްޓްރީ ނުވެ ތިއޭޓަރު ހަރަކާތްތަކުގައި ބައިވެރިވުމަކީ ކުށެކެވެ.
އަޚްލާޤީ މިންގަނޑުތަކާ ޚިލާފު ބަސްމަގާއި، އަބުރަށް ހުތުރުވާފަދަ ވާހަކަތަކާއި، އަދި ދައުލަތާ ދެކޮޅު ނަފްރަތު އުފެދޭފަދަ ބައިތައް ހުއްޓުވުމަށްޓަކައި ޑިސްޓްރިކްޓް މޮނިޓަރިންގ ޓީމުތަކާއި ސެންސަރު ކޮމިޓީތަކަށް ޚާއްސަ ބާރުތަކެއް ދީފައިވެއެވެ. އެގޮތުން، ފުލް ޑްރެސް ރިހާސަލްތައް ބަލައި ފާސްކުރުމުގެ ބާރާއި، ކޮންމެ ޝޯއެއްގެ އަންއެޑިޓެޑް އޯޑިއޯ އަދި ވީޑިއޯ ރެކޯޑިންގ މަދުވެގެން 30 ދުވަހުގެ މުއްދަތަށް ރައްކާތެރިކޮށް ބެހެއްޓުން އިންތިޒާމުކުރާ ފަރާތްތަކަށް ވަނީ ލާޒިމުކޮށްފައެވެ.
ޤާނޫނާ ޚިލާފަށް ސްކްރިޕްޓް ބޭނުންކުރުމާއި، ރަޖިސްޓްރީ ނުކުރާ މީހުން ބޭނުންކޮށްގެން ޝޯތައް ބޭއްވުމުގެ މައްސަލަތައް ފަސްޓް ކްލާސް ޖުޑީޝަލް މެޖިސްޓްރޭޓް މެދުވެރިކޮށް އަވަސް ނިޔާއިން ނިންމައި، އިދާރީ އަދި ޖިނާއީ އަދަބުތައް ދެވޭނެއެވެ. ނަމަވެސް، ފިޔަވަޅު އެޅޭ ފަރާތްތަކަށް ޕަންޖާބުގެ ޗީފް ސެކްރެޓަރީއާ ހަމައަށް އިސްތިއުނާފު ކުރުމުގެ ޙައްޤު ލިބިދީފައިވެއެވެ.




