ޕާކިސްތާނުގެ ޚައިބަރު ޕަޚްތޫންޚުވާ ޕްރޮވިންސްގައި ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތްތައް ވަރުގަދަކުރުމުގެ ގޮތުން، ފަނޑިޔާރުންނާއި ޕްރޮސެކިއުޓަރުން އަދި ހެކިންގެ މޫނު ނުފެންނަ ޚާއްސަ އެންޓި-ޓެރަރިޒަމް ކޯޓުތަކެއް (ފޭސްލެސް ކޯޓު) ގާއިމުކުރުމަށް އެ ޕްރޮވިންސްގެ ސަރުކާރުން ނިންމައިފިއެވެ. އަދި ސަލާމަތީ ބާރުތަކުގެ ގާބިލުކަން އިތުރުކުރުމަށް އަހަރަކު 70 ބިލިއަން ރުޕީސް ހޭދަކުރުމަށް ވަނީ ރޭވިފައެވެ.
ޚައިބަރު ޕަޚްތޫންޚުވާގެ ގަވަރުނަރު ފައިސަލް ކަރީމް ކުންޑީ ބައިވެރިވެވަޑައިގެންނެވި ބްރީފިންގއެއްގައި، އެ ޕްރޮވިންސްގެ ހޯމް ސެކްރެޓަރީ އަމަޖަދު އަލީ ޚާން ވިދާޅުވީ ޓެރަރިޒަމްގެ މައްސަލަތަކުގައި ހެކިދޭން މީހުން ޖެހިލުންވަނީ އެމީހުންގެ ވަނަވަރު ހާމަވެދާނެތީ ކަމަށެވެ. އެހެންކަމުން މޫނު ނުފެންނަ ކޯޓުތައް ގާއިމުކުރުމަށް ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ސަރުކާރަށް ފޮނުވާފައިވާ ކަމަށާއި، މީގެ ސަބަބުން ހެކިންގެ އިތުރުން ފަނޑިޔާރުންނާއި ދައުލަތުގެ ވަކީލުންގެ ރައްކާތެރިކަން ކަށަވަރުވެގެންދާނެ ކަމަށް އޭނާ ހާމަކުރެއްވިއެވެ.
މީގެ އިތުރުން، ސިފައިންނާއި ފުލުހުންގެ ކައުންޓަރ-ޓެރަރިޒަމް ޑިޕާޓްމަންޓް (ސީޓީޑީ) ގެ ގާބިލުކަން އިތުރުކުރުމަށް އަހަރަކު 70 ބިލިއަން ރުޕީސް ޚަރަދުކުރުމަށް ވަނީ ނިންމާފައެވެ. މީގެ ތެރެއިން 59.8 ބިލިއަން ރުޕީސް ފުލުހުންގެ ވަސީލަތްތައް ތަރައްގީކުރުމަށް ހަމަޖެހިފައިވާއިރު، 10.3 ބިލިއަން ރުޕީސް ސީޓީޑީއަށް ވަނީ ހަމަޖައްސާފައެވެ. ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ދެވުނު ހަމަލާތަކުގައި ސިފައިންގެ 1,003 އޮފިޝަލުންނާއި 627 ފުލުހުންގެ އިތުރުން 808 އާންމުން ވަނީ މަރުވެފައެވެ.
އެ ޕްރޮވިންސްގައި ޓެރަރިސްޓުން ޑްރޯން ޓެކްނޮލޮޖީ ބޭނުންކުރަމުންދާތީ، އެކަމާ ދެކޮޅަށް އެންޓި-ޑްރޯން ސިސްޓަމްތައް ގާއިމުކުރުމާއި، ސެޓެލައިޓް ކޮމިއުނިކޭޝަން ނިޒާމުތައް ބޭނުންކުރުން ފަދަ ޒަމާނީ ސްޓްރެޓެޖީ ތައް ވަނީ އެކުލަވާލާފައެވެ. އަދި ޓެރަރިސްޓުންނާ ދެކޮޅަށް މީސް މީޑިއާ މޮނިޓަރުކުރުމަށް އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ގަވަރުނަރު ފައިސަލް ކަރީމް ކުންޑީ ވިދާޅުވީ، ސަރުކާރުގެ އެންމެ ބޮޑު އިސްކަމަކީ ހަމަޖެހުން ގާއިމުކުރުމާއި ސިފައިންނާއި ފުލުހުންގެ ބާރު ވަރުގަދަކުރުން ކަމަށެވެ. އަދި ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ ހަނގުރާމައިގައި ސިޔާސީ ވެރިން ސީދާ ޒިންމާ ނަގައި، ސަލާމަތީ ބާރުތަކާއެކު ގާތުން މަސައްކަތްކުރަންޖެހޭ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.




