އިޓަލީގެ މިލާންގައި ދިރިއުޅޭ ޗައިނާގެ އިދިކޮޅު ފަރާތްތަކާއި އެކްޓިވިސްޓުންނަށް ފާރަލައި، އެމީހުންނަށް ބިރުދެއްކުމަށް ޗައިނާގެ ރަސްމީ އިދާރާތަކާ ގުޅިގެން ހަރަކާތްތަކެއް ހިންގި ކަމުގެ ތުހުމަތުގައި، އިޓަލީގައި ހަރަކާތްތެރިވާ ޗައިނާގެ ޖަމްޢިއްޔާތަކެއްގެ އިސް ބޭފުޅުންތަކެއްގެ މައްޗަށް އިޓަލީގެ ޕްރޮސެކިއުޓަރުން ޖިނާއީ ދައުވާ އުފުލައިފިއެވެ.
މި މައްސަލައިގެ ތަޙުޤީޤީ ފައިލްތަކުން ހާމަވާ ގޮތުގައި، ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ޔުނައިޓެޑް ފްރަންޓް ވޯކް ޑިޕާޓްމަންޓުގެ އިރުޝާދުގެ މަތިން އިޓަލީގައި ތިބި ޗައިނާގެ ރައްޔިތުންނަށް ފާރަލުމުގައި އިޓާލިއަން އެސޯސިއޭޝަން އޮފް ފުޖިއާން ޗައިނީޒް އެންޓްރަޕްރިނިއާސްގެ ރައީސް ލިއު ޒެންގާންގް ވަނީ އަމަލީ ގޮތުން ބައިވެރިވެފައެވެ. ސީސީޕީގެ މި ޑިޕާޓްމަންޓަކީ ބޭރު ގައުމުތަކުގައި ތިބޭ ޗައިނާގެ ރައްޔިތުން ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ކަންކަން ކުރުމަށް ބޭނުންކުރާ މުހިންމު ވަސީލަތެކެވެ.
ޕްރޮސެކިއުޓަރުން ބުނާ ގޮތުގައި، ޒެންގާންގްގެ އިތުރުން ވާންގް ސޮންގްކިއަންގް ވަނީ އަމިއްލައަށް މީހުން ހޯދައި ފާރަލުމުގެ އޮޕަރޭޝަންތަކުގައި ބައިވެރިވެފައެވެ. މީގެ އިތުރުން، މި މައްސަލައިގައި ތުހުމަތުކުރެވޭ ޒާއޯ ޖިއާންބިން ނަމަކަށް ކިޔާ މީހަކު ވަނީ އިޓަލީގައި ތިބި ޗައިނާ މީހުންނަށް ފާރަލުމަށް އެހެން ޗައިނާ ރައްޔިތުން ރެކްރޫޓްކޮށްފައެވެ. ޒާއޯ ވަނީ ވީޗެޓް ގްރޫޕެއް މެދުވެރިކޮށް އިންފޯމަރުންގެ މައުލޫމާތު އެއްކޮށްފައެވެ. އެ ގްރޫޕުގައި 2025 ވަނަ އަހަރުގެ މާރިޗު މަހުން ފެށިގެން "ލީ" ނަމަކަށް ކިޔާ މީހަކު ހޯދައި ފާރަލުމުގެ މަޝްވަރާތައް ކުރިއަށްދިޔަކަން ވަނީ ފާހަގަކުރެވިފައެވެ. މައްސަލައިގައި ތުހުމަތުކުރެވޭ އިތުރު ހަ މީހަކު ވަނީ ދާއިމީ މެންބަރުންގެ ގޮތުގައި ނުވި ނަމަވެސް، ފާރަލުމާއި ފަހަތުން ހިނގުމުގެ އަމަލުތައް ހިންގާފައެވެ.
މި ހާދިސާއަކީ މިފަދަ މައްސަލަތަކުގެ ސިލްސިލާގެ ބައެކެވެ. 2022 ވަނަ އަހަރު އެންޖީއޯ ސޭފްގާޑް ޑިފެންޑާސްއިން ނެރުނު ރިޕޯޓެއްގައި، ޗައިނާގެ ޒިޖިއަންގް އަދި ފުޖިއާން ޕްރޮވިންސްގެ ފުލުހުންގެ އިދާރާތަކުން ބޭރު ގައުމުތަކުގައި، ޚާއްސަކޮށް އިޓަލީގައި، "ސާވިސް ސްޓޭޝަންތައް" ގާއިމުކޮށްފައިވާކަން ވަނީ ހާމަކޮށްފައެވެ. މިއީ ގައުމުން ބޭރުގައި ތިބޭ އިދިކޮޅު ފަރާތްތަކަށާއި ސަރުކާރަށް ފާޑުކިޔާ މީހުން އަނބުރާ ގައުމަށް ގެންދިއުމަށް ބޭނުންކުރާ ތަންތަނެވެ. އެއާއެކު އިޓަލީގެ އިދާރާތަކުން ތަޙުޤީޤުތައް ފެށިއިރު، އެމެރިކާއާއި ނެދަރލޭންޑްސް ފަދަ ގައުމުތަކުގައިވެސް މިފަދަ މައްސަލަތައް ވަނީ ކޯޓުތަކަށް ހުށަހެޅިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، 2016 އިން 2019 އަށް އިޓަލީން ވަނީ ފަތުރުވެރިން ގިނައިން އުޅޭ ސަރަހައްދުތަކުގައި އިޓަލީއާއި ޗައިނާގެ ފުލުހުން ގުޅިގެން ޕެޓްރޯލްކުރުމުގެ ފުރުސަތު ދީފައެވެ.
މިލާންގައި ކުރިއަށްދާ ޝަރީޢަތުގެ މަރުޙަލާގެ ތެރެއިން، ޗައިނާގެ ކޮމިއުނިސްޓް ޕާޓީން މިލިއަނުން މީހުން ފޮލޯކުރާ ސޯޝަލް މީޑިއާ އެކައުންޓެއް އޮތް އާޓިސްޓަކާ ދެކޮޅަށް ހިންގި ސްޓްރެޓެޖީ އަކީ އިންތިޒާމުވެގެން ހިންގާފައިވާ ޖިނާއީ ކުށެއްކަން ކަނޑައެޅުމުގެ ފުރުސަތު އިޓަލީގެ ފަނޑިޔާރުންނަށް ލިބިގެންދާނެއެވެ.







