އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނުކުރެއްވި ގޮތުގައި އިރާނާއެކު ކުރިއަށްދާ އަސްކަރީ ކުރިމަތިލުންތައް މިހާރު ވަނީ "އަމަލީ ގޮތުން ނިމުމަކަށް" އައިސްފައެވެ. މިއީ އަސްކަރީ ހަރަކާތްތައް މަޑުޖައްސާލުމާ މެދު އެނާ މިހާތަނަށް ދެއްވި އެންމެ ސާފު އެއް ބަޔާނެވެ.
ގަތަރުގެ ބޮޑުވަޒީރާއެކު ބޭއްވެވި ބައްދަލުވުމަށްފަހު، ވައިޓް ހައުސްގެ ބްރީފިންގ ރޫމަށް ކުއްލި ގޮތަކަށް ވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، "އަސްކަރީ ގޮތުން އިރާން މިހާރު ވަނީ އަމަލީ ގޮތުން ނިމިފައެވެ. އަޅުގަނޑުމެން މިހާރު ކުރާ ކަމަކީ މިހާރު އޮތް ހާލަތު ދެމެހެއްޓުމެވެ."
ޓްރަމްޕް އިތުރަށް ވިދާޅުވީ، އިރާނުގެ ލީޑަރޝިޕްގެ އޮޅުންތައް ބޮޑުވެ "ބޯ ބުރިކޮށްލެވިފައި" ވީނަމަވެސް، ތެހެރާނުގެ ނިއުކްލިއަރ ޕްރޮގްރާމްގެ ނުރައްކާ ނައްތާލުމަށްޓަކައި ދިގު މުއްދަތުގެ ޑިޕްލޮމެޓިކް ހައްލެއް ހޯދުމަށް ސަރުކާރުން އަދިވެސް ސަމާލުކަން ދެމުންދާ ކަމަށެވެ.
ޓްރަމްޕަށް މި ކަން އިއުލާން ކުރަން މަޖުބޫރުވީ އަރަބިންނަށް ގެއްލުންތައް ލިބެމުން ދިއުމުން އެމީހުން ޓްރަމްޕަށް ފިއްތުމުންނެވެ.
ޓްރަމްޕްގެ އުދުވާނީ ސިޔާސަތަށް ބަދަލުއައިސްފައި ވަނީ އެމެރިކާގެ މިޑްޓަރމް އިންތިޚާބު ނިމުނު ތަނާއެވެ. އެ އިންތިޚާބުގައި ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީއަށް ވަނީ ކޮންގްރެސްގެ ދެ މަޖިލީހުގެ މެޖޯރިޓީވެސް ގެއްލިފައެވެ.
އިންތިޚާބުގެ ނަތީޖާއަށް ބޮޑު ނުފޫޒެއް ފޯރުވީ 8 މަސް ދުވަސްވީ ހަނގުރާމައާމެދު ވޯޓުދިން ފަރާތްތަކުގެ ނުރުހުމެވެ. މިއީ ދުނިޔޭގެ ތެލުގެ އަގު އިންތިހާއަށް އުފުލި، އިގްތިސާދުގެ ތަފާތު ދާއިރާތަކަށް އޭގެ ނޭދެވޭ އަސަރުކުރި ހަނގުރާމައެކެވެ.
އަސްކަރީ ގޮތުން ހަނގުރާމަ ބޮޑުބައެއް ނިމިފައިވާ ކަމަށް އިއުލާނު ކުރެއްވި ނަމަވެސް، ސީއެންއެން އަށް އާދީއްތަ ދުވަހު ދެއްވި ފޯނު އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވި ގޮތުގައި، އަލުން ހަމަލާތައް ދޭންޖެހިއްޖެ ހާލަތެއްގައި ހަމަލާދޭނެ އުމްރާނީ 38 ތަނެއް އެމެރިކާއިން ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް، "ވަރުގަދަ އެއްބަސްވުމަކަށް" އައުމަށް ކުރެވޭ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބެމުންދާ ނަމަ، އިތުރު އަސްކަރީ ހަރަކާތްތަކެއް ހިންގުމަކީ "ވަރަށް ނާދިރު" ކަމެއް ކަމަށް ނޫސްވެރިންނަށް ވިދާޅުވިއެވެ.





