އެމެރިކާ ސިފައިންނަށް ކްރިސްމަސްގައި ވެސް އާއިލާތަކާއެކު ނުތިބެވޭނެ!

އީރާނާ ދެކޮޅަށް އަޅާފައިވާ ކަނޑުގެ ހިސާރު ތަންފީޒުކުރުމަށް މެދުއިރުމަތީގެ މައިދާން ގައި ހަރަކާތްތެރިވަމުންދާ އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރު، "ޔޫއެސްއެސް ޖޯޖް އެޗް.ޑަބްލިޔު. ބުޝް" ގެ ފަޅުވެރިންނަށް އާއިލާއާއެކު ޗުއްޓީ ހޭދަ ކުރުމަށް ނުދެވޭނެ ކަމަށް ބުނެފިއެވެ. އެކަމާ ގުޅިގެން އާއިލާތަކުގެ ނުރުހުން ވަނީ އިންތިހާއަށް ބޮޑު ވެފައެވެ.

އެމެރިކާގެ "އެމްއެސް ނައު" ނެޓްވޯކަށް ލިބިފައިވާ އޯޑިއޯ ރެކޯޑިންގއަކާ ހަވާލާދީ ބުރާސްފަތި ދުވަހު ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމެރިކާގެ ކަނޑުގެ ސިފައިންގެ ފްލީޓް ކޮމާންޑަރު ވަނީ 500 އެއްހާ ސިފައިންގެ އާއިލާތަކާ ބައްދަލުކުރައްވައި، އީރާން ހިސާރުކުރުމުގެ މަސައްކަތަކީ ނުހަނު ބުރަ އަދި އުނދަގޫ ޚާއްސަ މިޝަނެއް ކަމަށް ވިދާޅުވެފައެވެ. އަދި އީރާނާ ދެކޮޅަށް އަޅާފައިވާ ހިސާރުގެ ނަތީޖާ ފެންނަން ވަގުތު ނަގާނެ ކަމަށާއި، ހިސާރު ތަންފީޒުކުރާ އެމެރިކާގެ އުޅަނދުތަކަށް އީރާނުން އަދިވެސް ހަމަލާ ދެމުންދާކަން ކޮމާންޑަރުން ވަނީ އާއިލާތަކަށް ކަށަވަރުކޮށްދެއްވާފައެވެ.

މި ބައްދަލުވުމުގެ ދެފަރާތް ދެމެދު ބަހުސްކުރެވި ބަހުގެ ހަމަލާތައް ހޫނުވެފައިވާއިރު، ހާޒިރުވެ ތިބި އާއިލާތަކުގެ މެންބަރުން ވަނީ ކަނޑުގެ ސިފައިންގެ ވެރިންނާ ކުރިމަތިލައި، އަޑުހަރުކޮށް ދެކޮޅަށް ވާހަކަ ދައްކާފައެވެ. އާއިލާތަކުން ތުހުމަތުކުރި ގޮތުގައި، ސިފައިންގެ ވެރިން ގެންދަވަނީ ސީދާ ޖަވާބު ދެއްވުމުގެ ބަދަލުގައި ވާހަކަ އޮޅުވާލައްވައި، ކަންކަމުން ރެކިވަޑައިގަތުމަށް މަސައްކަތް ކުރައްވަމުންނެވެ.

އީރާނާއެކު އޮތް ކުރިމަތިލުން އިތުރު "ދާއިމީ ހަނގުރާމައަކަށް" ބަދަލުވިޔަ ނުދިނުމަށްޓަކައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ފިއްތުންތައް ކުރިމަތިކުރުމަށް ކަނޑުގެ ސިފައިންގެ ފަރާތުން އަޅަމުންދަނީ ކޮން ފިޔަވަޅުތަކެއްތޯ ބައްދަލުވުމުގެ ބައިވެރިއަކު ވަނީ ސުވާލު އުފައްދާފައެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން އީރާނާ ދެކޮޅަށް ކަނޑުގެ ހިސާރު އެންމެ ފުރަތަމަ އިއުލާނުކުރީ 2026 ވަނަ އަހަރުގެ އެޕްރީލް 13 ވަނަ ދުވަހުއެވެ. ޖޫން 18 ގައި އެ ހިސާރު ވަގުތީގޮތުން މެދުކަނޑާލުމަށްފަހު، ޖުލައި 14 ވަނަ ދުވަހު ވަނީ އަލުން ފަށާފައެވެ. އެމެރިކާއިން އިއުލާނުކޮށްފައިވާ ސްޓްރެޓެޖީގެ ދަށުން، ކޮންމެ ޤައުމެއްގެ ދިދަ ޖަހާފައި އޮތް ނަމަވެސް، އީރާނުގެ ބަނދަރުތަކަށް ވަންނަ އަދި އެ ބަނދަރުތަކުން ފުރާ ހުރިހާ އުޅަނދުތަކެއް މި ހިސާރުގެ ތެރޭގައި ހުއްޓުވުން ހިމެނެއެވެ.

މި ނޮވެމްބަރު މަސް ފެށުނީއްސުރެ ވޮޝިންގޓަނާއި ތެހެރާނާ ދެމެދު ނުރަސްމީ ހަނގުރާމައެއްގެ ސިފަތައް ދަނީ އިތުރަށް ވަރުގަދަވަމުންނެވެ. އިނގިރޭސިވިލާތުގެ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫކޭއެމްޓީއޯ) އާއި ސެޓެލައިޓް ފޮޓޯތަކުން ކަށަވަރުވާ ގޮތުގައި، ފާއިތުވި 11 ދުވަހުގެ ތެރޭގައި އޮމާންގެ އައްސޭރިފަށާ ދިމާލުން 11 އާގުބޯޓަކާއި ތެޔޮ ޓޭންކަރަކަށް ވަނީ މައިންތަކާއި މިސައިލްތަކުން ހަމަލާ ދީފައެވެ. މި ހަމަލާތަކުގެ ސަބަބުން ބައެއް އުޅަނދުތަކުގައި އަލިފާން ރޯވެ، ކަނޑަށް ތެޔޮ ލީކުވުމުގެ ހާދިސާތައް ވަނީ ހިނގާފައެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާއާއި އިސްރާއީލުން އިސްވެ އީރާނަށް ދިން ފުރަތަމަ ހަމަލާތަކާއެކު ފަށާފައިވާ މި ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި ޑިޕްލޮމެޓުންގެ މަސައްކަތްތައް ފާއިތުވި ދުވަސްތަކުގައި ވަނީ އިތުރުކޮށްފައެވެ.

ހިއްސާ ކުރައްވާ!