އެންވީޑިއާގެ ސީއީއޯ ޖެންސެން ހުއާންގް މަޤާމުން ވަކިކުރަނީ

ދުނިޔޭގެ އެންމެ އަގުބޮޑު އެއް ޓެކްނޮލޮޖީ ކުންފުނި ކަމަށްވާ އެންވީޑިއާގެ ބާނީ އަދި ސީއީއޯ ޖެންސެން ހުއާންގް، ކައިވެނިން ބޭރުން ދެ ލޯބީގެ ގުޅުމެއް ބޭއްވި މައްސަލަ ބޭޒާރު ވުމާ ގުޅިގެން އޭނާ މަޤާމުން ވަކިކުރުމަށް އެ ކުންފުނީގެ ބޯޑުން ތައްޔާރުވަމުންދާ ކަމަށް ރިޕޯޓުކޮށްފިއެވެ. މި ދަނޑިވަޅުގައި، ޓެސްލާއާއި ސްޕޭސްއެކްސްގެ ވެރިޔާ އީލޮން މަސްކް ވިދާޅުވެފައިވަނީ ޖެންސެން ހުއާންގް އޭނާގެ ކުންފުންޏަކަށް ގެންދިއުމަކީ ލިބިވަޑައިގަންނަވާނެ ޝަރަފެއް ކަމަށެވެ.

ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޖެންސެން ހުއާންގްގެ އަޚްލާޤީ މައްސަލަތަކާއި ޤައުމީ ސަލާމަތާ ގުޅުންހުރި ކަންބޮޑުވުންތަކާ ހުރެ، އޭނާ ކުންފުނީގެ ވެރިކަމުން ދުރުކުރުމާ މެދު ގޮތެއް ނިންމުމަށްޓަކައި އެންވީޑިއާގެ ބޯޑުން ދަނީ ބައްދަލުވުމެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ. އެ ކުންފުނީގެ އުސޫލުތައް އޮންނަ ގޮތުން، ބޯޑުގައި ހިމެނޭ 11 ޑިރެކްޓަރުންގެ އަޣުލަބިއްޔަތުން ސީއީއޯ މަޤާމުން ވަކިކުރުމުގެ ބާރު ބޯޑަށް ލިބިގެންވެއެވެ.

މި މައްސަލަ އިތުރަށް ހޫނުވެގެންދިޔައީ، ޖެންސެން ހުއާންގް ޗައިނާގެ ޖާސޫސީ އިދާރާއަށް މަސައްކަތްކުރާ ކަމަށް އެމެރިކާއިން ތުހުމަތުކުރާ އަންހެނަކާއެކު ގުޅުން ބޭއްވިކަމަށް އިއުތިރާފުވެފައި ވަނިކޮށް، އެންވީޑިއާގެ އިސް އޮފިޝަލަކާއެކުވެސް އޭނާ ލޯބީގެ ގުޅުމެއް ބާއްވާފައިވާކަން ނިއުޔޯކް ޓައިމްސްއިން ހާމަކުރުމާ ގުޅިގެންނެވެ. ނިއުޔޯކް ޓައިމްސްގެ ރިޕޯޓުގައިވާ ގޮތުން، އުމުރުން 63 އަހަރުގެ ޖެންސެން ހުއާންގް ވަނީ އެ ކުންފުނީގެ ހެލްތު ކެއަރ ދާއިރާގެ ނައިބު ރައީސް، އުމުރުން 48 އަހަރުގެ ކިމްބަރީ ޕަވެލްއާއެކު ގާތް ގުޅުމެއް ބާއްވާފައެވެ. މިދިޔަ މާރިޗު މަހު ކެލިފޯނިއާގެ ސެން ހޯޒޭގައި ބޭއްވި ކޮންފަރެންސެއްގެ ތެރެއިން ހޮޓަލެއްގައި އެ ދެ ބޭފުޅުން ގައިގޯޅިވެ އުޅުނު މަންޒަރު ފެންނަ ވީޑިއޯ ހެކި ހުރިކަމަށް ކުންފުނީގެ މަސްދަރުތަކާ ހަވާލާދީ އެ ނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.

މީގެ ކުރިން ޖެންސެން ހުއާންގް ވަނީ ސިންގަޕޫރުގައި ހުންނަ ޑޭޓާ ސެންޓަރު ހިންގާ ކުންފުންޏެއް ކަމަށްވާ މެގަސްޕީޑްގެ އިސް އޮފިޝަލެއް ކަމަށްވާ އޭލިސް ހުއާންގްއާއެކު ލޯބީގެ ގުޅުމެއް ބޭއްވިކަމަށް އެއްބަސްވެފައެވެ. އެމެރިކާގެ ޖާސޫސީ އިދާރާތަކުން ތުހުމަތުކުރާ ގޮތުގައި އޭލިސް ހުއާންގްއަކީ ޗައިނާގެ މިނިސްޓްރީ އޮފް ސްޓޭޓް ސެކިއުރިޓީގެ އެޖެންޓެކެވެ. 2024 އަދި 2025 ވަނަ އަހަރު ތައިޕޭއިން އެ ދެ މީހުން އެކުގައި ނަގާފައިވާ ފޮޓޯތައް އާންމުވެފައިވާއިރު، މި މައްސަލައިގައި ނޮވެމްބަރު 8 ވަނަ ދުވަހު ޖެންސެން ވަނީ ކުންފުނީގެ މުވައްޒަފުންނަށް އީމެއިލްއެއް ފޮނުއްވައި، އޭނާގެ އަންހެނުން ލޯރީއާއި އާއިލާގެ އިތުރުން މުވައްޒަފުންގެ ކިބައިން މަޢާފަށް އެދިވަޑައިގެންފައެވެ.

މި ޚަބަރުތަކާއެކު އެންވީޑިއާގެ ހިއްސާގެ އަގު ދަށްވެ، ޖެންސެން ހުއާންގްގެ މުސްތަޤުބަލާ މެދު ސުވާލު އުފެދިފައިވަނިކޮށް، މީސް މީޑިއާގެ މަންސަ 'އެކްސް' ގައި ޒީރޯހެޖް ނަމަކަށް ކިޔާ އެކައުންޓަކުން ވަނީ ޖެންސެންއަށް ވަޒީފާ ދިނުމަށް އީލޮން މަސްކުގެ ކިބައިން އެދިފައެވެ. އެ ޕޯސްޓަށް ރައްދުދެއްވަމުން މަސްކް ވިދާޅުވީ، "އެއީ ލިބޭނެ ވަރަށް ބޮޑު ޝަރަފެއް" ކަމަށެވެ. މަސްކްގެ ޓެސްލާއާއި އެކްސްއޭއައި ފަދަ ކުންފުނިތަކަކީ އެންވީޑިއާގެ ޗިޕްތައް އެންމެ ގިނައިން ގަންނަ އެއް ކުންފުނިތަކަށް ވާއިރު، ޖެންސެންއާއި މަސްކަކީ ވޭތުވެދިޔަ ދިހަވަރަކަށް އަހަރު ދުވަހު ގާތް ގުޅުމެއް ބާއްވަމުން އަންނަ ދެ ވެރިންނެވެ.

އަނެއްކޮޅުން، އެމެރިކާގެ ޑިމޮކްރެޓިކް ސެނެޓަރުން ކަމަށްވާ އެލިޒަބަތު ވޮރެންއާއި ކްރިސް ކޫންސް ވަނީ، ޗައިނާއަށް އެންވީޑިއާގެ ޗިޕްތައް އެކްސްޕޯޓްކުރުމާ ގުޅޭ ހުރިހާ ލިޔެކިޔުންތަކެއް ރައްކާތެރިކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިދާރާއަށް ގޮވާލައްވާފައެވެ. މި ހާދިސާގެ ސަބަބުން އެމެރިކާގެ ޤައުމީ ސަލާމަތަށް ނުރައްކާވެ، އެކްސްޕޯޓް ކޮންޓްރޯލް ޤާނޫނުތައް ތަންފީޒުކުރުމާ މެދު ބޮޑެތި ސުވާލުތަކެއް އުފެދިފައިވާ ކަމަށް އެ ބޭފުޅުން ވިދާޅުވެފައިވެއެވެ. ނަމަވެސް، ރައީސް ޓްރަމްޕް ވަނީ ޖެންސެން ހުއާންގްއަކީ މާތް ބޭފުޅެއް ކަމަށާއި އޭނާ ކުރައްވާފައިވަނީ އާދަޔާ ޚިލާފު މޮޅު މަސައްކަތްތަކެއް ކަމަށް ވިދާޅުވެ އޭނާގެ ދިފާޢުގައި ވާހަކަފުޅު ދައްކަވާފައެވެ.

ގާތްގަނޑަކަށް 4 ޓްރިލިއަން ޑޮލަރުގެ އަގުހުރި އެންވީޑިއާގެ ސީއީއޯގެ މަޤާމުން ޖެންސެން ހުއާންގް ވަކިކޮށްފިނަމަ، އެ ކުންފުނީގެ ލީޑަރޝިޕަށް ބޮޑު ހުސްކަމެއް އަންނާނެ ކަމަށް ބެލެވެއެވެ.

ހިއްސާ ކުރައްވާ!