ވިލާތުގެ އިއްތިޙާދަށް އަލުން ވަނުމުގެ ވިސްނުމެއް ނެތް: އިނގިރޭސި ބޮޑުވަޒީރު

އަންނަ ހަފްތާގައި ވިލާތުގެ އިއްތިޙާދު (އީ.ޔޫ) އާއެކު ބޭއްވުމަށް ހަމަޖެހިފައިވާ ޚާއްސަ ސަމިޓްގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ އިނގިރޭސިވިލާތަށް ޙަޤީޤީ މަންފާތަކެއް ހޯދައިދިނުމަށް ކަމަށާއި، ނަމަވެސް އެ އިއްތިޙާދަށް އަލުން ވަނުމުގެ އެއްވެސް މަޝްވަރާއެއް ނުކުރެވޭ ކަމަށް އިނގިރޭސި ބޮޑުވަޒީރު އޭންޑީ ބާނަމް ވިދާޅުވެއްޖެއެވެ.

ފައިނޭންޝަލް ޓައިމްސް ނޫހާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، ބޮޑުވަޒީރު ބާނަމް މިހެން ވިދާޅުވެފައިވަނީ އަޔަލޭންޑްގެ ވެރިރަށް ޑަބްލިންގައި ބުރާސްފަތި ދުވަހު ފެށި ޔޫރަޕިއަން ޕޮލިޓިކަލް ކޮމިއުނިޓީ (އީ.ޕީ.ސީ) ގެ ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ވަޑައިގެން ނޫސްވެރިންނާ ވާހަކަދައްކަވަމުންނެވެ. އަހަރަކު ދެފަހަރު ބާއްވާ މި ސަމިޓްގައި 50 އަކަށް ޤައުމުގެ ލީޑަރުން ބައިވެރިވެވަޑައިގަންނަވައެވެ. މި ދަތުރުފުޅުގައި ބާނަމް ވަނީ ޔުކްރޭނަށް އެހީތެރިވުމުގައި ވިލާތުގެ ބައިވެރިންނާއެކު އިނގިރޭސިވިލާތް ސާބިތުވެ އޮތްކަން ހާމަކުރެއްވުމުގެ ގޮތުން، ރަޝިޔާއާ ދެކޮޅަށް އައު ދަތިކުރުމުގެ ފިޔަވަޅުތަކެއްވެސް އިޢުލާން ކުރައްވާފައެވެ.

ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި ބާއްވާ އިނގިރޭސިވިލާތާއި ވިލާތުގެ އިއްތިޙާދުގެ ގުޅުން އަލުން ބަދަހިކުރުމުގެ "ރީސެޓް" ސަމިޓަށް ތައްޔާރުވުމުގެ ގޮތުން މަޝްވަރާތައް ހަލުވިކަމާއެކު ކުރިއަށްދާކަން ބާނަމް ފާހަގަކުރެއްވިއެވެ. އެ ސަމިޓްގައި ވެވޭ އެއްބަސްވުންތަކުގެ ސަބަބުން އިނގިރޭސި ރައްޔިތުންނަށް ޙަޤީޤީ ފައިދާތަކެއް ލިބިގެންދާނެ ކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.

"ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި އިނގިރޭސިވިލާތަށް މި ފައިދާތައް ކަށަވަރުކޮށްދިނުމަށް އަޅުގަނޑު ވަރަށް ބުރަކޮށް މަސައްކަތް ކުރާނަން. އެއްވެސް މީހަކު އަލުން އީ.ޔޫއަށް ވަނުމުގެ ވާހަކައެއް ނުދައްކާ. މުޅި މައްސަލަ ގުޅިފައިވަނީ ކުރިއަށް އޮތް ހަތް ދުވަހުގެ މަސައްކަތްތަކާއި، ވިލާތާއެކު މަސައްކަތްކުރުމުގެ ގާތް ގުޅުމެއް ޤާއިމުކުރުމަށް އެޅޭ ފިޔަވަޅުތަކާ،" ބާނަމް ވިދާޅުވިއެވެ.

މި މަޝްވަރާތައް ކުރިއަށްދާއިރު، ބްލޫމްބާގް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި އިނގިރޭސިވިލާތުގެ މާލީ ޚިދުމަތްތަކާ ބެހޭ ޤަވާއިދުތައް ވިލާތުގެ އިއްތިޙާދުގެ ޤާނޫނުތަކާ އެއްގޮތްކުރުމަށް ބާނަމްގެ ސަރުކާރުން ވަނީ ދެކޮޅު ހަދާފައެވެ. މީގެ ސަބަބުން ދެފަރާތުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން ގެންގުޅޭ ސްޓްރެޓެޖީއާ މެދު ބައެއް ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ.

އެހެންނަމަވެސް، 2016 ވަނަ އަހަރު ބޭއްވި ބްރެކްސިޓް ފެންނަ ނުފެންނަ ވޯޓުގައި އިނގިރޭސި ރައްޔިތުން ވޯޓު ދިން މަޤްޞަދާ ގާތްކުރާ ފަދަ އެއްބަސްވުމަކަށް އާދެވޭނެ ކަމަށް ޤަބޫލުކުރައްވާ ކަމަށް ބާނަމް ވިދާޅުވިއެވެ. "2019 ވަނަ އަހަރުގެ ނިމުމާ ހަމައަށް އައިއިރު ބްރެކްސިޓް ނިމިގެންދިޔަ ގޮތަށް، އެހާ ހަރުކަށި ގޮތަކަށް އެކަން ވެގެންދާނެ ކަމަށް އޭރު ރައްޔިތުން އުއްމީދުކޮށްފައި އޮންނާނެ ކަމަކަށް އަޅުގަނޑު ޤަބޫލެއް ނުކުރަން،" ޑަބްލިން ސަމިޓްގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވިއެވެ.

އިނގިރޭސި އިދިކޮޅު ކޮންޒަވޭޓިވް ޕާޓީން މީގެ ކުރިން ވަނީ، ވެރިކަންކުރާ ލޭބަރ ޕާޓީން ވިލާތުގެ އިއްތިޙާދާއެކު ގުޅުން ބަދަހިކުރުމުގެ ނަމުގައި "ވަގު ދޮރުން" އިނގިރޭސިވިލާތް އަލުން އެ އިއްތިޙާދުގެ ތެރެއަށް ވައްދަން މަސައްކަތްކުރާ ކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް 2024 ވަނަ އަހަރުގެ އިންތިޚާބީ މެނިފެސްޓޯގައި ލޭބަރ ޕާޓީން ވަނީ ވިލާތުގެ އެއްބައިވަންތަ ބާޒާރަށާއި، ކަސްޓަމްސް ޔޫނިއަނަށް އަދި މިނިވަންކަމާއެކު ދަތުރުފަތުރުކުރުމުގެ ނިޒާމަށް އަލުން ނުވަނުމަށް ވަޢުދުވެފައެވެ. ބާނަމް ވަނީ އެ ވަޢުދުތަކުގެ މަތީގައި ސާބިތުވެ ހުންނެވިކަން ތަކުރާރުކުރައްވާފައެވެ.

މީގެ ކުރިން 2025 ވަނަ އަހަރުގެ މެއި މަހު، ކުރީގެ ބޮޑުވަޒީރު ކިއަރ ސްޓާމަރ ވަނީ މަސްވެރިކަމާއި ވިޔަފާރީގެ ދާއިރާއިން ވިލާތުގެ އިއްތިޙާދާއެކު އެއްބަސްވުމަކަށް ވަޑައިގެންފައެވެ. އަންނަ ހަފްތާގެ ސަމިޓްގައި ބާނަމްގެ ސަރުކާރުން މަސައްކަތްކުރާނީ އެ އެއްބަސްވުންތަކަށް އިތުރު ކުރިއެރުންތަކެއް ހޯދައި، ދެފަރާތުގެ ދެމެދުގައި އޮތް ވިޔަފާރީގެ ހުރަސްތައް ކުޑަކުރުމަށެވެ.

ހިއްސާ ކުރައްވާ!