ބަހްރޭންގައި ޤާއިމުކޮށްފައި ހުރި އެމެރިކާ ސިފައިންގެ އާލީ ވޯނިންގ ރާޑަރު ނިޒާމަކަށް ހުކުރު ދުވަހުގެ ފަތިހު އީރާނުން ހަމަލާދީ އެ ނިޒާމު އެއްކޮށް ހަލާކުކޮށްލާފައިވާ ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން އިޢުލާންކޮށްފިއެވެ. އީރާނުގެ ރަސްމީ ނޫސް އެޖެންސީއާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަމަލާ ދީފައިވަނީ އީރާނުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ސިރީކްގައި ހުންނަ މުވާޞަލާތީ ޓަވަރަކަށް ވައިގެ މަގުން ދިން "ޢުދުވާނީ" ހަމަލާއަކަށް ބަދަލުހިފުމުގެ ގޮތުން ދިފއީ ހަމަލައެއްގެ ގޮތުގައެވެ.
އައި.އާރް.ޖީ.ސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ޖަމާޢަތުގެ ޖައްވީ އަދި ވައިގެ ބާރުތަކުން ރޭޑާ ސިސްޓަމަށް އަމާޒުކޮށް އެތަން އެއްކޮށް ހަލާކުކޮށްލާފައިވާ ކަމަށެވެ.
މި ހަމަލާއަކީ ހުރުމުޒު ކަނޑުއޮޅި ހުރަސްކޮށް ވަގަށް ތެޔޮ ބޭރުކުރުމާއި، އީރާނާ ދެކޮޅަށް ހިންގާ ހަމަނުޖެހުން އުފެއްދުމުގެ ޢަމަލުތައް ހުއްޓާލުމަށް އެމެރިކާއަށް ދިން ވަރުގަދަ އަދި ސީރިއަސް އިންޒާރެއް ކަމަށްވެސް އެ ބަޔާނުގައި ސިފަކޮށްފައިވެއެވެ.
މި ހާދިސާއާ ގުޅިގެން އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ވަނީ ކުރި މަގުގައި އިތުރު ހަމަލާތަކެއް ދީފާނެ ކަމުގެ އިންޒާރުވެސް ދީފައެވެ. އެ ބަޔާނުގައިވާ ގޮތުން، އެމެރިކާއާއި އެ ގައުމުގެ އުދުވާނަށް ވާގިވެރިވާ ފަރާތުން މިފަދަ ޢަމަލުތައް ތަކުރާރުވާނަމަ، އެއްވެސް ހިފެހެއްޓުމެއް ނެތި އަސްކަރީ ގޮތުން ކުރިމަތިލުމަށް އައި.އާރް.ޖީ.ސީގެ ވައިގެ ބާރުތައް އޮތީ އެންމެ މަތީ ދަރަޖައިގެ ތައްޔާރީ ޙާލަތުގައި ކަމަށް ބުނެފައި ވެއެވެ. މީގެއިތުރުން، ދުޝްމަނުންގެ ދަޅައިގައި ޖެހި ޤަވާއިދާ ޚިލާފަށް ޢަމަލުކުރާ ކުންފުނިތަކާ ދެކޮޅަށްވެސް މިއަށްވުރެ ހަރުކަށި އަދަބުދިނުމުގެ ފިޔަވަޅުތައް އަޅާނެ ކަމަށް އެ ފަރާތުން ވަނީ ބުނެފައެވެ.






