އަންނަ ޖެނުއަރީ މަހު އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ މަތިގެ ސެނެޓަށް ވަދެވަޑައިގަތުމަށް، މިޝިގަން ސްޓޭޓުން އިންތިޚާބުވެވަޑައިގެންނެވި ސެނެޓަރު ޢަބްދުއްރަޙްމާން މުޙައްމަދު އައްސައްޔިދު، މަޝްހޫރު ނަމުންނަމަ "އަބްދުލް" ތައްޔާރުވަމުންދާއިރު، ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި އޭނާ ގެނމްގުޅުއްވާނެ ޚަތިމާ މެދު ވަނީ ސުއާލުތައް އުފެދިފައެވެ. ހުވާކުރެއްވުމުގައި ކީރިތި ޤުރްއާން ބޭނުންކުރެއްވުމަށް އިސްކަންދެއްވާނެ ކަމަށް އަބްދުއްސައްޔިދު ވަނީ ވިދާޅުވެފައެވެ. ނަމަވެސް، ބޭނުންކުރައްވާނީ އެމެރިކާގެ ކުރީގެ ރައީސް ތޯމަސް ޖެފަސަން ގެންގުޅުއްވި ތާރީޚީ މުޞްޙަފްތޯ ނުވަތަ މިޝިގަން ޔުނިވަރސިޓީގައި ރައްކާކޮށްފައިވާ މުޞްޙަފްތޯ އާ މެދު އަދި ވަކިގޮތެއް ނުނިންމަވައެވެ.
އެމެރިކާގެ ނޭޝަނަލް ޕަބްލިކް ރޭޑިއޯ "އެން.ޕީ.އާރު" އަށް ދެއްވި ބަސްދީގަތުމެއްގައި އަބްދުލް ވިދާޅުވީ، 2007 ވަނަ އަހަރު ކުރީގެ މެންބަރު ކީތު އެލިސަން ރަމްޒީ ހުވާކުރެއްވުމަށް ބޭނުންކުރެއްވި ޖެފަސަންގެ މުޞްޙަފް، ނުވަތަ އެ ސްޓޭޓްގައި ހުރި އެންމެ ދުވަސްވީ ޚަތިމުތަކުގެ ތެރޭގައި ހިމެނޭ މިޝިގަން ޔުނިވަރސިޓީގެ މުޞްޙަފް ބޭނުންކުރައްވަފާނެ ކަމަށެވެ. އަދި ހުވާކުރުމުގެ އަސްލު ޖައުހަރަކީ މެންބަރު އަތްޕުޅު ބާއްވަވާ ފޮތެއް ނޫން ކަމަށާއި، އެއީ ގައުމަށް ވަފާތެރިވުމަށާއި ދިފާޢުކުރުމަށް ވަޢުދުވެވަޑައިގަންނަވާ އެމެރިކާގެ ޤާނޫނުއަސާސީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަބްދުއްސައްޔިދު ބޭނުންކުރެއްވުމަށް ވިސްނަވާ މުޞްޙަފްގެ ވާހަކަ ގުޅިފައިވަނީ 18 ވަނަ ޤަރުނާއެވެ. އެމެރިކާގެ ތިންވަނަ ރައީސް އަދި އެ ޤައުމު ބިނާކުރި ބާނީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ތޯމަސް ޖެފަސަން، ވާޖީނިއާ ސްޓޭޓްގެ ކޮލެޖް އޮފް ވިލިއަމް އެންޑް މޭރީގައި ޤާނޫނީ ދާއިރާއިން ކިޔަވާވިދާޅުވަމުން ގެންދެވި ދުވަސްވަރު، 1765 ވަނަ އަހަރު ވަނީ ކީރިތި ޤުރްއާނުގެ މާނައިގެ އިނގިރޭސި ތަރުޖަމާއެއް ބައްލަވައިގެންފައި ވެއެވެ.
އެއީ ތަރުޖަމާއެކެވެ. އަދި އެއީ އިނގިރޭސި މުސްތަޝްރިޤެއް ކަމަށްވާ ޖޯޖް ސޭލް ކުރެއްވި ތަރުޖަމާއެކެވެ. އޭގެ ފުރަތަމަ ޗާޕު 1734 ވަނަ އަހަރު ނެރުނުއިރު، ޖެފަސަން ގެންގުޅުއްވި ކޮޕީ ޗާޕުކޮށްފައިވަނީ 1764 ވަނަ އަހަރު ލަންޑަނުގައެވެ. އެއީ ދެ ވޮލިއުމްގެ މައްޗަށް އެކުލެވޭ ފޮތް ބައެކެވެ.
1812 ވަނަ އަހަރުގެ ހަނގުރާމައިގެ ތެރޭގައި ލައިބްރަރީ އޮފް ކޮންގްރެސްގައި އަލިފާން ރޯވެ އަނދައިގެން ދިއުމާ ގުޅިގެން، 1815 ވަނަ އަހަރު ޖެފަސަން ވަނީ އޭނާގެ އަމިއްލަފުޅު ލައިބްރަރީ އެމެރިކާ ސަރުކާރަށް ވިއްކަވާލައްވާފައެވެ. ގާތްގަނޑަކަށް 6،487 ފޮތް ހިމެނުނު އެ ލައިބްރަރީ ވެގެންދިޔައީ ކޮންގްރެސްގެ ލައިބްރަރީ އަލުން ބިނާކުރުމުގެ މައިގަނޑު އަސާސަށެވެ. މި ތަރުޖަމާ ޤުރްއާނަކީވެސް އެ ފޮތްތަކުގެ ތެރޭގައި ހިމެނުނު ފޮތެކެވެ. އަދި ފަހުން 1851 ވަނަ އަހަރު އެ ލައިބްރަރީގެ ބޮޑު ބައެއް އަނދައިގެން ދިޔަ އެހެން އަލިފާނުގެ ހާދިސާއަކުންވެސް މި ފޮތް ވަނީ ސަލާމަތްވެފައެވެ.
މި ތަރުޖަމާ މުޞްޙަފް އަލުން ސަމާލުކަމަށް އައީ 2007 ވަނަ އަހަރު، ކީތު އެލިސަން ކޮންގްރެސްގެ މެންބަރުކަމަށް އިންތިޚާބުވެވަޑައިގެންނެވި ފުރަތަމަ މުސްލިމަކަށް ވެވަޑައިގެން، އޭނާގެ ރަމްޒީ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ޖެފަސަންގެ މުޞްޙަފް ބޭނުންކުރެއްވުމަށް އެދިވަޑައިގަތުމުންނެވެ.
ލައިބްރަރީ އޮފް ކޮންގްރެސްއިން އޭނާގެ އެދިވަޑައިގަތުމަށް އިޖާބަދީ، އެ ތާރީޚީ މުޞްޙަފް ކެޕިޓަލް އިމާރާތަށް ގެނައެވެ. މިއީ ކީރިތި ޤުރްއާން ބޭނުންކުރުމާ މެދު ބައެއް ކޮންޒަވޭޓިވް ފަރާތްތަކުން ދެކޮޅުހަދަމުން ދަނިކޮށް، މީޑިއާގެ ވަރަށް ބޮޑު ސަމާލުކަމެއް ހުއްޓުނު މަންޒަރެކެވެ.
އަދި 2019 ވަނަ އަހަރުގެ ޖެނުއަރީ މަހު، މުސްލިމް ދެ އަންހެން މެންބަރުން ކަމަށްވާ ރަޝީދާ ތުލައިބްއާއި އިލްހާން ޢުމަރު ވަނީ އެ ދެބޭފުޅުންގެ ރަމްޒީ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ކީރިތި ޤުރްއާން ބޭނުންކުރައްވާފައެވެ. ތުލައިބް ޚިޔާރުކުރެއްވީ ރަޙްމަތްތެރިއަކު ހަދިޔާކުރެއްވި އަމިއްލަފުޅު މުޞްޙަފެކެވެ. އަދި ޢުމަރު ބޭނުންކުރެއްވީ އޭނާގެ ކާފާ ގެންގުޅުއްވި މުޞްޙަފެކެވެ. މިއީ ތުލައިބް ޖެފަސަންގެ މުޞްޙަފް ބޭނުންކުރައްވާނެ ކަމަށް ފުރަތަމަ ފެތުރުނު ރިޕޯޓުތަކާ ޚިލާފަށް ކަން ހިނގި ގޮތެވެ.

ނަމަވެސް، ހުވާކުރުމުގެ ރަސްމިއްޔާތުގައި ބޭނުންކުރާ ފޮތްތަކާ މެދު އުފެދޭ ޚިޔާލުތަފާތުވުންތަކުން ޤާނޫނުއަސާސީގެ އުޞޫލަކަށް ބަދަލެއް ނާދެއެވެ. އެހެނީ، ކޮންގްރެސްގެ މެންބަރުން ބައިބަލް ނުވަތަ އެހެންވެސް ދީނީ ފޮތެއް ބޭނުންކުރުމަށް އެމެރިކާގެ ޤާނޫނުއަސާސީން ލާޒިމެއް ނުކުރެއެވެ. އަދި އަސްލުގައި ފޮތެއްގެ މަތީގައި އަތްބޭއްވުންވެސް ޝަރުޠެއް ނުކުރެއެވެ. މެންބަރުން ރަސްމީ ހުވާކުރައްވަނީ ޤާނޫނުއަސާސީއަށް ވާގިވެރިވުމަށާއި ދިފާޢުކުރުމަށް ވަޢުދުވެވަޑައިގެންނެވެ. އޭގެ ފަހުން ބާއްވާ ވަކިވަކި ރަސްމިއްޔާތުތަކުގައި މުޞްޙަފް ނުވަތަ އިންޖީލު ނުވަތަ އެނޫންވެސް ފޮތެއް ބޭނުންކުރުމަކީ، އެ މެންބަރެއްގެ ޢަޤީދާއާއި ޝަޚްޞިއްޔަތު ދައްކުވައިދޭ އަމިއްލަ އިޚްތިޔާރެކެވެ.
އަބްދުއްސައްޔިދު ޚިޔާރުކުރައްވާނެ މުޞްޙަފާ ގުޅޭގޮތުން އަދި އެންމެ ފަހުގެ ނިންމެވުން އިޢުލާން ނުކުރެއްވި ނަމަވެސް، ހަމައެކަނި ޖެފަސަންގެ ނަން ގެންނެވުމުންވެސް، އެމެރިކާގެ މިނިވަންކަން އިޢުލާން ކުރުމުގެ ކުރިން އެ ޤައުމުގެ ބާނީންގެ ތެރެއިން ބޭފުޅަކު ހޯއްދެވި ފޮތެއްގެ ވާހަކަ އަލުން ފެންމަތިވެގެން ހިނގައްޖެއެވެ. އަދި އޭގެ ދެ ޤަރުނަށްވުރެ ގިނަ ދުވަސް ފަހުން، އެ ތަރުޖަމާ މިވަނީ އެމެރިކާގެ ސިޔާސީ ޙަޔާތުގައި މުސްލިމުންނާއި ރައްޔިތުކަމާއި ސިޔާސީ ޙައްޤުތަކަކީ ދީނީ ޢަޤީދާއާ ވަކިން އޮންނަ ކަމެއްކަން ބަޔާންކުރާ ޤާނޫނުއަސާސީގެ އުޞޫލުގެ ރަމްޒަކަށް ބަދަލުވެފައެވެ.






