ޕާކިސްތާނުގައި އައު ޕްރޮވިންސްތަކެއް އުފެއްދުމުގެ ބަހުސް އިތުރުވެއްޖެ

ޕާކިސްތާނުގެ އިޤްތިޞާދީ ޙާލަތާއެކު އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި، އެ ޤައުމުގައި އައު ޕްރޮވިންސްތަކާއި އިދާރީ ސަރަޙައްދުތަކެއް އުފެއްދުމާ ގުޅޭ ދުސްތޫރީ ބަހުސް އަލުން ފެށުމަކީ ވެރިކަން ހިންގުމުގައި ކުރިމަތިވެފައިވާ މައްސަލަތަކުން ރައްޔިތުންގެ ސަމާލުކަން އެހެން ދިމާލަކަށް އަނބުރާލުމަށް ސިޔާސީ ފަރާތްތަކުން ކުރާ މަސައްކަތެއް ކަމަށް މީޑިއާއާއި އިދިކޮޅު ފަރާތްތަކުން ބުނަން ފަށައިފިއެވެ.

250 މިލިއަނަށްވުރެ ބޮޑު އާބާދީއެއް އޮންނަ ޕާކިސްތާނުގެ މިހާރު ހުރި ބައެއް ޕްރޮވިންސްތަކަކީ ދުނިޔޭގެ އެހެން ބައެއް ޤައުމުތަކަށްވުރެވެސް ބޮޑު އަދި އާބާދީ ގިނަ ސަރަޙައްދުތަކެކެވެ. އައު ޕްރޮވިންސްތައް އުފެއްދުމަށް ވަކާލާތުކުރާ ފަރާތްތަކުން ބުނާގޮތުގައި، ކުދި އިދާރީ ސަރަޙައްދުތަކެއް އުފެއްދުމުން ރައްޔިތުންނާ ސަރުކާރު ގާތްވެ، އާންމު ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ހުރި ލަސްކަމާއި އިދާރީ ހިންގުމުގެ ބަލިކަށިކަން ހައްލުވެގެންދާނެއެވެ. ނަމަވެސް، މި ބަހުސް ހޫނުވެފައިމިވަނީ، މިހާރު ޤާއިމުކުރެވިފައިވާ ވެރިކަން ހިންގުމުގެ ނިޒާމުތައްވެސް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރާ މާޙައުލެއްގައެވެ.

ޕާކިސްތާނުގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މިލިއަނުން ގުނާލެވޭ ރައްޔިތުން އެދެމުންދަނީ ޤައުމުގެ ޗާޓަށް ބަދަލު ގެނައުމަކަށް ނުވަތަ އައު ޕްރޮވިންސްތަކެއްގެ އިމެއް ކަނޑައެޅުމަކަށް ނޫނެވެ. އޭގެ ބަދަލުގައި ރައްޔިތުން ބޭނުންވަނީ މެދުނުކެނޑި ކަރަންޓު ލިބުމާއި، ވަޒީފާގެ ފުރުޞަތުތަކާއި، އަތްފޯރާ ފަށުގައި ކާބޯތަކެތި ލިބުމާއި، ރަނގަޅު ތަޢުލީމާއި ޞިއްޙީ ޚިދުމަތުގެ އިތުރުން ސާފު ބޯފެނާއި ޒިންމާދާރު މުއައްސަސާތަކެކެވެ. މިއީ ޤާނޫނުއަސާސީއަށް ގެންނަ ބަދަލަކުން ހައްލުވާނެ ކަންކަމަށްވުރެ ބޮޑަށް، ވެރިކަން ހިންގުމުގެ ނިޒާމު ހަރުދަނާކޮށްގެން ހައްލުކުރަންޖެހޭ މައްސަލަތަކެކެވެ.

ޕާކިސްތާނުގެ ޤާނޫނުއަސާސީގައި ވެރިކަން ހިންގުމުގެ ތިންވަނަ ފަށަލައެއްގެ ގޮތުގައި ލޯކަލް ގަވަރމަންޓް ނުވަތަ ރަށު ކައުންސިލްތަކުގެ ނިޒާމު ކަނޑައަޅާފައި އޮތް ނަމަވެސް، ޕްރޮވިންޝަލް ސަރުކާރުތަކުން ވަނީ އެ ކައުންސިލްތަކަށް ބާރުތައް ދޫކޮށްލުމަށް ދެކޮޅު ހަދައި، ހުރިހާ ބާރެއް ޕްރޮވިންސްތަކުގެ ވެރިރަށްތަކުގައި ހިފަހައްޓާފައެވެ. އިންތިޚާބުކޮށްފައިވާ ލޯކަލް ކައުންސިލްތައް ބާރުވެރިކުރުވުމަށް ސަރުކާރުތައް ނުކުޅެދިފައިވާއިރު، ހަމައެކަނި އައު ޕްރޮވިންސްތަކެއް އުފެއްދުމުން ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ރަނގަޅުވާނެ ކަމުގެ ޔަޤީންކަމެއް ނެތް ކަމަށް ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ. މަޝްރޫޢުތައް ނުނިމި ދިގުލައިގެން ދިއުމަކީ ޕްރޮވިންސްތަކުގެ ބޮޑުމިނާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެއީ މުއައްސަސާތަކުގެ ހިންގުން ދޯހަޅިވުމުގެ ނަތީޖާ ކަމަށް އެ ފަރާތްތަކުން ބުނެއެވެ.

މި ބަހުސްގެ ތެރެއިން ސިޔާސީ ފަރާތްތަކުގެ ދެފުށް ދެގޮތް ކަންވެސް ވަނީ ހާމަވެފައެވެ. އައު ޕްރޮވިންސްތައް އުފެއްދުމަށް ތާއީދުކުރާ ފަރާތްތަކުން އެއީ ވެރިކަން ހިންގުމުގެ މައްސަލަތަކަށް އޮތް ހައްލެއް ކަމަށް ދައްކާއިރު، ފާއިތުވި އަހަރުތަކުގައި ލިބިފައިވާ ބާރާއި ވަސީލަތްތަކާއެކުވެސް މިހާރު ހުރި ޕްރޮވިންސްތަކަށް ރައްޔިތުންނަށް ޚިދުމަތް ނުދެވުނީ ކީއްވެގެންކަން ބުނެދެވިފައެއް ނުވެއެވެ. ހަމައެއާއެކު، އައު ޕްރޮވިންސްތަކާ ދެކޮޅު ހަދާ ފަރާތްތަކުން ތާރީޚީ އަދި ސަގާފީ އެއްބައިވަންތަކަމުގެ ވާހަކަ ދައްކާއިރު، މިހާރު އޮތް ނިޒާމުގެ ދަށުން ތަރައްޤީގެ މިންގަނޑުތައް ދަށްވެފައިވާ ސަބަބުތަކަށް އެކަށީގެންވާ ޖަވާބެއް ނުދެވެއެވެ.

ޕާކިސްތާންގެ ޤާނޫނުއަސާސީއަށް 28 ވަނަ އިޞްލާޙު ގެނައުމުގެ ނަމުގައި މި ބަހުސް ކުއްލިއަކަށް ފެންމަތިވެފައިވާއިރު، ސަރުކާރު ކޯލިޝަންގައި ހިމެނޭ ބޮޑެތި ޕާޓީތަކުގެ މަންދޫބުންވެސް ވަނީ މިކަމާ ގުޅޭގޮތުން ރަސްމީ އެއްވެސް މަޝްވަރާއެއް ނުވަތަ ދެލިކޮޕީއެއް ވެރިކަން ކުރާ ޕާޓީން ހިއްސާކޮށްފައިނުވާ ކަމަށް އެއްބަސްވެފައެވެ. މީޑިއާގެ ސުރުޚީތަކާއި ސިޔާސީ މަޝްވަރާތަކުގައި ދުސްތޫރީ ބަދަލުތަކުގެ ވާހަކައިގެ އަޑު ގަދަވެފައިވާއިރު، ޒުވާނުންނަށް ވަޒީފާ ނުލިބުމާއި، ތަކެތީގެ އަގު އުފުލުމާއި، ޞިއްޙީ އަދި ތަޢުލީމީ ނިޒާމު ހީނަރުވުމުގެ ވޭން ތަޙައްމަލު ކުރަމުންދަނީ އާންމު ރައްޔިތުންނެވެ.

ފެޑެރަލް ނިޒާމެއްގައި އިދާރީ އޮނިގަނޑުތައް މުރާޖަޢާ ކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ. ނަމަވެސް، އެފަދަ އިޞްލާޙުތަކެއް އަންނަންޖެހޭނީ ފުޅާ ދިރާސާތަކަކާއި ސިޔާސީ މަޝްވަރާތަކަށް ފަހު އިއްތިފާޤެއްގެ މައްޗަށް ބިނާކޮށް، ރައްޔިތުންގެ ދިރިއުޅުމަށް އޭގެ ސަބަބުން ލިބޭނެ ފައިދާ ސާފުކޮށް އެނގޭ ގޮތަށް ކަމަށް އެފަރާތްތަކުން ބުނެއެވެ. ލޯކަލް ކައުންސިލްތައް ބާރުވެރިކޮށް، ބަޖެޓުގެ ދެފުށް ފެންނަ ނިޒާމެއް ޤާއިމުކުރުމުގެ ބަދަލުގައި ހަމައެކަނި އައު ޕްރޮވިންސްތަކެއް އުފެއްދުމަކީ، ކުރީގެ ނާކާމިޔާބީތަކުގެ މައްޗަށް އިތުރު ބިއުރޮކްރަސީއެއް އުފެއްދުން ފަދަ ކަމެއް ކަމަށް އިދިކޮޅު ސިޔާސީ ލީޑަރުންނާއި މުހައްލިލުން ދެކެއެވެ.

ހިއްސާ ކުރައްވާ!