ހަރުކަށި ފިކުރު ފެތުރޭތީ ޓެލެގްރާމް ބޭނުން ކުރުން މަނާކޮށްފި

އުރުދުންގެ ދެކުނުގެ ކަރަކް ގަވަރުނޭޓްގައި ހުންނަ ފައްޅިއަކަށް ދިން ނުރައްކާތެރި ހަމަލާއަކާ ގުޅިގެން، ހަރުކަށި ފިކުރާއި ކުށްތައް ފެތުރުން ހުއްޓުވުމުގެ މަޤުޞަދުގައި މަޝްހޫރު މެސެޖިންގ އެޕްލިކޭޝަން ކަމަށްވާ ޓެލެގްރާމް އެ ޤައުމުގައި މަނާކޮށްފިއެވެ.

އުރުދުންގެ ސަލާމަތީ ޑިރެކްޓަރޭޓުން ހޯމަ ދުވަހު ނެރުނު ރަސްމީ ބަޔާނެއްގައި ބުނެފައިވަނީ، ޑިޖިޓަލް ސަލާމަތްތެރިކަން ވަރުގަދަކުރުމާއި، އާންމުން ޙިމާޔަތްކުރުމަށް އަޅާ ފިޔަވަޅުތަކުގެ ދަށުން ޓެލެގްރާމް އެޕް ބްލޮކްކުރުމަށް ނިންމާފައިވާ ކަމަށެވެ.

އަދި ސައިބަރ ކުށްތަކާއި، ބިރުދެއްކުމާއި، ބްލެކްމެއިލްކުރުމުގެ އިތުރުން ޤާނޫނާ ޚިލާފު ކޮންޓެންޓް ފެތުރުމަށް މަގުފަހިވާ ކަންކަމާ ދެކޮޅަށް ފިޔަވަޅުއެޅުމަކީ މި ނިންމުމުގެ މައިގަނޑު ސަބަބު ކަމަށް އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ.

ޚާއްސަކޮށް، ޤައުމީ ހާލަތާއި ސަލާމަތަށް ނުރައްކާވާފަދަ ގޮތަކަށް ހަރުކަށި ފިކުރު ފެތުރުމަށް ކުރާ މަސައްކަތްތައް ހުއްޓުވުމަށް މި ފިޔަވަޅު އެޅުން މުހިންމު ކަމަށް ބަޔާނުގައި ވެއެވެ.

މި ފިޔަވަޅު އަޅާފައިވަނީ ފާއިތުވި އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހު އުރުދުންގެ ދެކުނުގައި އޮންނަ ކަރަކް ގަވަރުނޭޓްގެ ފައްޅިއަކަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެންނެވެ. އެ ޙާދިސާގައި 9 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ.

މި ހަމަލާއާ ގުޅިގެން ހިންގި ޝަރީއަތަށް ފަހު، ހޯމަ ދުވަހު ކޯޓަކުން ވަނީ އެކަމުގައި ބައިވެރިވި ތިން މީހަކު މަރަން ޙުކުމކޮށްފައެވެ. ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި އެ މީހުންނަކީ ހަރުކަށި އިސްލާމީ ފިކުރަކަށް ތަބާ ވަމުންދިޔަ ބައެކެވެ.

މިއީ ޑިޖިޓަލް މަންސަތަކާ ދެކޮޅަށް އުރުދުންގެ ސަރުކާރުން އެޅި ފުރަތަމަ ހަރުކަށި ފިޔަވަޅެއް ނޫނެވެ.

މީގެ ކުރިން 2022 ވަނަ ޑިސެމްބަރު މަހުވެސް، މީހުން މެރުމާއި ހަމަނުޖެހުން އުފެއްދުމަށް ހިތްވަރުދޭ ވީޑިއޯތައް ފަތުރާ ކަމަށް ބުނެ އެ ޤައުމުގައި ޓިކްޓޮކް އެޕްލިކޭޝަންވެސް މަނާކޮށްފައިވެއެވެ. އެ ފަހަރު އެ ފިޔަވަޅު އަޅާފައިވަނީ ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ނުކުމެ ކުރި މުޒާހަރާތަކެއްގައި ހަމަނުޖެހުން ހިންގައި، ސިފައިންގެ އޮފިސަރަކު މަރާލުމާ ގުޅިގެންނެވެ.

ހިއްސާ ކުރައްވާ!