އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ އިދާރާ (އެން.އެސް.އޭ) ގެ މުވައްޒަފުންގެ މެދުގައި ސިއްރު މަޢުލޫމާތު ބަދަލުކުރުމަށް ބޭނުންކުރާ އެންމެ މަތީ ފަންތީގެ ޚާއްސަ މުވާޞަލާތީ ނިޒާމު "އެން.އެސް.އޭ ނެޓް" އަށް ދިން ސައިބާ ހަމަލައަކާ ގުޅިގެން އެ ވިއުގައިގެ ޚިދުމަތްތަކަށް ބުރޫ އަރައިފިއެވެ.
މި މައްސަލަ ދިމާވުމާ ގުޅިގެން އެ އިދާރާއިން ވަނީ ވިއުގަ މަރާމާތުކުރުމުގެ މަސައްކަތް ފަށާފައެވެ. އަދި މި ޙާލަތާ ގުޅިގެން، މުވައްޒަފުން އޮފީހަށް ހާޒިރުވުމުގެ ވަގުތުތައް ވަކި އުޞޫލަކުން ބަހާލައިގެން ކުރިއަށްގެންދިއުމަށް ވަނީ ހަމަޖައްސާފައެވެ.
އެމެރިކާގެ މިހާރުގެ އަދި ކުރީގެ އިސް އޮފިޝަލުން ހާމަކުރެއްވި ގޮތުގައި، މި ޚިދުމަތް މެދުކެނޑުނު ނަމަވެސް، މިހާރު ފިލިޕީންސްގެ ދަތުރުފުޅެއްގައި އުޅުއްވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ބޭނުންވާ އަވަސް އިންޓެލިޖެންސް މަޢުލޫމާތު ފޯރުކޮށްދިމަށް އެއްވެސް ހުރަހެއް ނުއެއްއަންނާނެވެ.
ރައީސް ޓްރަމްޕް ދަތުރުކުރައްވާ "އެއަރ ފޯސް 1″ ގައި ހުންނަވައިގެން މުވާޞަލާތުކުރުމަށް ސަރުކާރުން ވަނީ އެހެނިހެން ބެކަޕް ނިޒާމުތައް ތައްޔާރަށް ބަހައްޓާފައެވެ..
ޤައުމީ ސަލާމަތާ ބެހޭ މަޖިލީހާއި ކޮންގްރެސްގެ ރިޕޯޓުތައް ދައްކާގޮތުން، "އެން.އެސް.އޭ ނެޓް" އަކީ އެންމެ މަތީ ދަރަޖައިގެ ސިއްރު މަޢުލޫމާތު ގެންގުޅޭ ނިޒާމެކެވެ. މިއީ އިންޓެލިޖެންސާ ބެހޭ އެހެން އިދާރާތަކުގައި ބޭނުންކުރާ ޖޭވިކްސް ފަދަ ޢާންމު ވިއުގަތަކާ ވަކިން ޚާއްސަ ކޮށްފައިވާ ނިޒާމެކެވެ. މި ވިއުގައަށް ވަދެވޭނީ ޚާއްސަ ހުއްދަތަކާއި ސްކްރީނިންގ މަރުޙަލާތަކެއް ފުރިހަމަކުރުމަށްފަހު ކަމަށް ވެއެވެ.






