ތާލިބާނުންގެ އެންމެ އިސް ވެރިޔާ ކާބުލްއަށް ވަޑައިގެންފި

އަފްޣާނިސްތާނުގައި ވެރިކަން ކުރަމުން އަންނަ ތާލިބާން ޖަމާޢަތުގެ އެންމެ އިސް ވެރިޔާ އަމީރުލްމުއުނިމީން ހިބަތުالله އާޚުންޒާދާ ނާދިރު ދަތުރުފުޅެއްގައި އަފްޣާނިސްތާންގެ ވެރިރަށް ކާބުލްއަށް ވަޑައިގެންފިއެވެ. ޤައުމުގެ ދެކުނުގެ ކަންދަހާރުގައި ދިރިއުޅުއްވަމުން ގެންދަވާ އާޚުންޒާދާ، ފާއިތުވި ފަސް އަހަރަށްވުރެ ގިނަ ދުވަހު ވެރިކަން ކުރައްވަމުން ގެންދަވަނީ ރިއާސީ ގަރާރުތައް ނެރުއްވައިގެންނެވެ.

ކާބުލް ޔުނިވަރސިޓީގައި ވާހަކަދައްކަވަމުން އާޚުންޒާދާ ވިދާޅުވީ، އިސްލާމީ ނިޒާމެއް ޤާއިމުވެ ވެރިކަން ތާލިބާނަށް ލިބިފައިވާ މިފަދަ ދަނޑިވަޅެއްގައި، އިސްލާމީ އިމާރާތުގެ ޙަޤީޤީ ސިފަތައް ރައްޔިތުންނަށް އަންގައިދީ ރައްޔިތުންނަށް އެހީތެރިވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. މީގެ ދިހަ އަހަރު ކުރިން ލީޑަޝިޕާ ހަވާލުވެވަޑައިގެންނެވި އަޚުންޒާދާ، ފާއިތުވި އަހަރުތަކުގައި ކާބުލްއަށް ވަޑައިގެންފައިވަނީ ވަރަށް މަދުންނެވެ.

މި ދަތުރުފުޅާ ގުޅިގެން ކާބުލްގެ ސަރަޙައްދުގައި ސަލާމަތީ ކަންކަން ވަރަށް ބޮޑަށް ވަރުގަދުކޮށްފައިވެއެވެ. އެގޮތުން ޔުނިވަރސިޓީ ސަރަޙައްދުގެ ވަށައިގެންވާ އިމާރާތްތަކުގައި ސްނައިޕަރުން ހަރަކާތްތެރިވުމުގެ އިތުރުން، ޢަސްކަރީ އުޅަނދުފަހަރާއި ޖާސޫސީ އޮފިޝަލުން ވަނީ އެ ސަރަޙައްދުގައި ފުރިހަމަ ކޮންޓްރޯލެއް ނަގާފައެވެ. އަދި މި ބައްދަލުވުމުގައި ސަރުކާރުގެ އިސް ވެރިންނާއި ދީނީ އިލްމުވެރިން ގެ އެތައް ހާސް ބަޔަކު ބައިވެރިވިއެވެ.

ހިއްސާ ކުރައްވާ!