ޣައްޒާގައި ހިންގަމުންދާ ޤަތުލުޢާންމާ ދެކޮޅަށް އަޑުއުފުލުމަކީ ވަކި ބައެއްގެ ހިތްހަމަނުޖެހުމާ ގުޅުވައިގެން ހުއްޓުވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، އެމެރިކާގެ މިޝިގަން ސްޓޭޓުން އަލަށް އިންތިޚާބުވެވަޑައިގެންނެވި ޑިމޮކްރެޓިކް ސެނެޓަރު ޢަބްދުއްސައްޔިދު، އިސްރާޢީލަށް ވިދަޅުވާ ފާޑުކިޔުންތައް ދިފާޢުކުރައްވައިފިއެވެ.
ވޮޝިންގޓަން ޑީ.ސީ. ގައި އަންގާރަ ދުވަހު ބޭއްވި "ދަ އެޓްލާންޓިކް" ސަމިޓްގައި ވާހަކަފުޅުދައްކަވަމުން އައްސައްޔިދު ވަނީ، އިސްރާޢީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަކީ "ހަނގުރާމައިގެ ކުށްވެރިއެއް" ކަމަށް ސިފަކުރައްވައި، އޭނާ ޖަވާބުދާރީކުރުވަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.
"ދަ އެޓްލާންޓިކް" ގެ ނޫސްވެރިޔާ ޖޮނަތަން ލެމިއަރއާ އެކު ކުރިއަށްދިޔަ ބަސްދީގަތުމުގައި، އިސްރާޢީލަށް ވިދާޅުވާ ފާޑުކިޔުންތަކުގެ ސަބަބުން ޔަހޫދީންނާ ދެކޮޅުވެރިކަން ނުވަތަ އެންޓިސެމިޓިޒަމްގެ ބިރު އުފެދޭ ކަމަށް ބައެއް ފަރާތްތަކުން ފާޅުކުރާ ކަންބޮޑުވުންތަކަށް ރައްދު ދެއްވަމުން، އައްސައްޔިދު ވަނީ ނުރައްކަލާއި ހިތްހަމަނުޖެހުމާ ދެމެދު އޮތް ފަރަގު ސާފުކޮށްދެއްވާފައެވެ. އެއްވެސް މީހެއްގެ ހިތުގައި ބިރުވެރިކަމެއް އުފެއްދުމަށް އެދިވަޑައިނުގަންނަވާ ކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، ރައްކާތެރިކަން ގެއްލުމާއި ހިތްހަމަނުޖެހުމަކީ މުޅިން ތަފާތު ދެ ކަމެއް ކަމަށެވެ.
"އަޅުގަނޑު މި ދައްކާ ވާހަކަތަކުން ތިބާއަށް އުނދަގޫވާ ނަމަ، އޭގެ ބަދަލުގައި ތިބާ ކަންބޮޑުވާންވީ އެހެން ބަޔަކަށް ކުރިމަތިކުރުވަމުންދާ އަނިޔާވެރިކަމާ މެދު،" އައްސައްޔިދު ވިދާޅުވިއެވެ.
ޣައްޒާގައި ހިނގަމުންދާ ލޭއޮހޮރުވުންތަކަށް އަލިއަޅުއްވާލައްވަމުން އޭނާ ވިދާޅުވީ، 70,000 އަށްވުރެ ގިނަ މީހުން މަރާލައި، އެ މީހުންގެ ގެދޮރާއި، ހޮސްޕިޓަލްތަކާއި ޔުނިވަރސިޓީތައް ސުންނާފަތިކުރަމުންދާއިރު، ބައެއްގެ ހިތްހަމަނުޖެހުމަށް ބަލައި ހަނުހުރުމަކީ ފަލަސްޠީނުގެ ރައްޔިތުންގެ ފުރާނައިގެ އަގު ދަށްކޮށްލުން ކަމަށެވެ. އަދި އެފަދަ ވިސްނުމެއް ދުވަހަކުވެސް ޤަބޫލުނުކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ސަމިޓްގައި އައްސައްޔިދު ދެއްކެވި މި ވާހަކަފުޅުތަކުގެ ވީޑިއޯ މީސް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެ، ޢާންމުންނާއި އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ފަރާތްތަކުގެ ބޮޑު ތަރުޙީބެއް ވަނީ ލިބިފައެވެ.
މީސް މީޑިއާގައި ޚިޔާލު ފާޅުކުރި ގިނަ ބަޔަކު ވަނީ އައްސައްޔިދުގެ ވާހަކަފުޅުތަކުގެ ސާފުކަމަށް ތަޢުރީފުކޮށްފައެވެ. އެ ފަރާތްތަކުން ފާހަގަކުރި ގޮތުގައި، އޭނާގެ ސްޓޭންޑް ބިނާވެފައިވަނީ ވަކި ދީނަކަށް ނުވަތަ ނަސްލަކަށް އޮތް ޢަދާވާތްތެރިކަމެއްގެ މައްޗަކަށް ނޫނެވެ؛ އޭގެ ބަދަލުގައި އެއީ އިންސާނީ ޙައްޤުތަކުގެ އަސާސީ ހަމަތަކުގެ މައްޗަށް ބިނާވެފައިވާ ނިންމުމެކެވެ.







