ވައިޓް ހައުސްގެ ޕްރެސް ބްރީފިންގ ރޫމްގައި ނޫސްވެރިންނާއެކު ބޭއްވެވި ބައްދަލުވުމެއްގައި، 2028 ވަނަ އަހަރުގެ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި އޭނާގެ ފަހުން ވެރިކަމާ ޙަވާލުވެވަޑައިގަންނަވާނެ ބޭފުޅެއްގެ ގޮތުގައި ވައިޓް ހައުސްގެ އައު ޗީފް އޮފް ސްޓާފް ސްޓީފަން މިލަރގެ ނަން ރައީސް ޑޮނަލްޑް ޓްރަމްޕް ސަމާސާ ރާގަކަށް ހުށަހަޅުއްވައިފިއެވެ. ރައީސް ޓްރަމްޕް މިފަދައިން ވިދާޅުވިއިރު، 2028 ވަނަ އަހަރުގެ ރިޕަބްލިކަން ޕާޓީގެ ރިޔާސީ ޓިކެޓަށް އެންމެ ބޮޑަށް ވާދަކުރައްވާނެ ކަމަށް ބެލެވޭ ނައިބު ރައީސް ޖޭ.ޑީ. ވެންސް އާއި ޚާރިޖީ ވަޒީރު މާކޯ ރޫބިއޯވެސް ތިއްބެވީ އޭނާގެ ދެފަރާތުގައެވެ.
ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގ އާއި ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިންއާއެކު ބޭއްވެވި މަޝްވަރާތަކުގެ މަޢުލޫމާތު ނޫސްވެރިންނާ ހިއްސާކުރެއްވުމަށްފަހު، ނޫސްވެރިންގެ ބައްދަލުވުން އިތުރަށް ކުރިއަށް ގެންދަން ބޭނުންތޯ ޓްރަމްޕް ސުވާލުކުރެއްވިއެވެ. އެއަށްފަހު، "ދުނިޔޭގެ އެންމެ ބާރުގަދަ އިންސާނާ" ގެ ގޮތުގައި ސިފަކުރައްވަމުން، ނޫސްވެރިންނާ ވާހަކަދެއްކެވުމަށް މިލަރއަށް ޓްރަމްޕް ދަޢުވަތު ދެއްވިއެވެ.
ޕޯޑިއަމްއާ ޙަވާލުވެވަޑައިގެން ދެ މިނެޓަށްވުރެ ގިނައިރު ވަންދެން ދެއްކެވި ވާހަކަފުޅުގައި، ޓްރަމްޕްގެ ދެވަނަ ދައުރުގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި ހޯއްދަވާފައިވާ ކާމިޔާބީތަކުގެ ތަފްޞީލު މިލަރ ހުށަހެޅުއްވިއެވެ. މިލަރ ވިދާޅުވި ގޮތުގައި، ފާއިތުވި ދެ އަހަރުގެ ތެރޭގައި ރައީސް ޓްރަމްޕް ހާސިލުކުރައްވާފައިވާ ކާމިޔާބީތަކަކީ އެމެރިކާގެ ތާރީޚުގައި އެހެން އެއްވެސް ރައީސަކަށް ހާސިލުކުރެވިފައި ނުވާހާ ބޮޑެތި ކާމިޔާބީތަކެކެވެ. އަދި އެ ކާމިޔާބީތައް ވަކިވަކިން ކިޔައިދޭނަމަ ހަތަރު ގަޑިއިރު ވަންދެން އެތަނުގައި ތިބެންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިލަރ ފާހަގަކުރެއްވި މައިގަނޑު ކަންތައްތަކުގެ ތެރޭގައި ސަރުކާރުގެ ގަވާއިދުތައް މަދުކުރުމާއި، ދެކުނު ބޯޑަރު އެއްކޮށް ރައްކާތެރިކުރުމާއި، އެމެރިކާގެ ތާރީޚުގައި ފުރަތަމަ ފަހަރަށް މަސްތުވާތަކެތީގެ ނެޓްވޯކްތަކާ ދެކޮޅަށް ސިފައިންގެ ބާރުގެ ބޭނުންކުރުން ހިމެނެއެވެ. މީގެއިތުރުން، އެއްގަޑިއިރުވެސް ނުވަނީސް ވެނެޒުއެލާގެ ރައީސ ްވަގަށް ނަގައި އެގައުމުގެ ތެޔޮ ފޭރިގަނެ، އެމެރިކާގެ ތެލުގެ ރިޒާވް ދެގުނަ ކުރުމާއި، މުހާޖިރުން ޤައުމުން ބޭރުކުރުމާއި، ކުށްކުރުމާއި މީހުން ބަޑި ޖަހައި މަގުމަތިން މެރުމުގެ ނިސްބަތް ތާރީޚުގައިވެސް އެންމެ ދަށް މިންވަރަށް ތިރިކުރުން އޭނާ ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، ފޮސިލް ފިއުލް އާއި ބޯޓުދެލި އުފެއްދުން ރެކޯޑު މިންވަރަކަށް އިތުރުކުރުމާއި، 1970 ގެ އަހަރުތަކަށްފަހު ފުރަތަމަ ފަހަރަށް އައު ނިއުކްލިއަރ ރިއެކްޓަރުތައް ހިންގަން ފެށުމުގެ އިތުރުން، އެމެރިކާގެ ސިފައިންނާއި ޤާނޫނު ތަންފީޒުކުރާ އިދާރާތައް އަލުން ބިނާކޮށް، ރަޝިޔާއާއި ޗައިނާއާއެކު އޮތް ގުޅުން މުޅިން އިޞްލާޙުކޮށްފައިވާ ކަމަށް މިލަރ ވިދާޅުވިއެވެ.
"އެމަނިކުފާނުގެ ޒަޢާމަތުގައި، ކުރިއަށް އޮތް ދެ އަހަރު ވެގެންދާނީ އެމެރިކާގެ ތާރީޚުގައިވެސް އަންނާނެ އެންމެ ފުރިހަމަ ދެ އަހަރަށް،" މިލަރ ވިދާޅުވިއެވެ.
މި މަހުގެ ކުރީކޮޅު ބޭއްވި އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވި ނާކާމިޔާބީތަކާ ގުޅިގެން ސޫޒީ ވައިލްސްގެ ބަދަލުގައި ޗީފް އޮފް ސްޓާފްގެ މަޤާމާ ޙަވާލުވެވަޑައިގެންނެވި މިލަރގެ ޚުޝާމަދު ކުރުމަށް ޓްރަމްޕް ވަރަށް ބޮޑަށް ގަޔާވިއެވެ. ވެންސް އާއި ރޫބިއޯއާ ދިމާލަށް އެނބުރިވަޑައިގެން، "އަހަރެމެންގެ އަތުގައި ބްރޭކިންގ ނިއުސްއެއް އެބައޮތް! އޭނާ މި ދެ މީހުންނަށްވުރެވެސް މޮޅު،" ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އަދި މިލަރ ޕޯޑިއަމުން ފައިބައިވަޑައިގަންނަވަނިކޮށް، "ރައީސްކަމަށް ވާދަކުރަން ބޭނުންތަ؟" އޭ ވިދާޅުވެ ޓްރަމްޕް ސުވާލުކުރެއްވުމުން އެތަނުގައި ތިއްބެވި ބޭފުޅުން ހިނިފުޅުވެޑުވިއެވެ.
2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ދެ ޕާޓީގެ އިސް އެއްވެސް ބޭފުޅަކު އަދި ރަސްމީކޮށް އިޢުލާން ކުރައްވާފައި ނުވި ނަމަވެސް، ދައުރުގެ މެދު ތެރޭ އިންތިޚާބު ނިމުމާއެކު ކުރިމަގުގެ ރިޔާސީ ކެންޑިޑޭޓުންނާ މެދު ސިޔާސީ މަސްރަހުގައި ވަނީ ވާހަކަތައް ދެކެވެން ފަށާފައެވެ. ރިޕަބްލިކަން ޕާޓީގެ ފަރާތުން އެންމެ އެކަށީގެންވާ ދެ ކެންޑިޑޭޓުންގެ ގޮތުގައި ގިނަ ބަޔަކު ދެކެނީ ވެންސް އާއި ރޫބިއޯ ކަމަށްވާއިރު، މިއީ ރިޔާސީ ރޭހުގައި ވާދަކުރައްވާނެ ބޭފުޅެއްގެ ގޮތުގައި މިލަރގެ ނަން ފެންމަތިވި ފުރަތަމަ ފަހަރެވެ.






