އިންޑިއާއާއި އެމެރިކާއާ ދެމެދު ސޮއިކޮށްފައިވާ މާސްޓަރ ޝިޕް ރިޕެއަރ އެގްރީމަންޓް (އެމް.އެސް.އާރް.އޭ) ގެ ދަށުން، އެމެރިކާގެ ކަނޑުގެ ސިފައިންގެ ސަޕްލައި މަނަވަރެއް ކަމަށްވާ "ޔޫ.އެސް.އެން.އެސް ވޮލީ ޝިރާ" މަރާމާތުކުރުމަށްޓަކައި އިންޑިއާގެ ޗެންނާއީ ކައިރީގައި އޮންނަ ލާސަން އެންޑް ޓޫބްރޯ (އެލް އެންޑް ޓީ) ގެ ޝިޕްޔާޑަށް ބަނދަރުކޮށްފިއެވެ. ނޮވެންބަރު 20 ވަނަ ދުވަހު މި މަނަވަރު ބަނދަރުކުރުމަކީ، އިންޑިއާގެ ބަނދަރެއްގައި އެމެރިކާގެ ކަނޑުގެ ސިފައިންގެ އުޅަނދެއް މަރާމާތުކުރާ ފަސްވަނަ ފަހަރެވެ.
އިންޑިއާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި މަނަވަރު އިންޑިއާއަށް އައުމަކީ އިންޑިއާގެ އުޅަނދުފަހަރު މަރާމާތުކުރުމުގެ ވަސީލަތްތަކާއި ފަންނީ ޤާބިލުކަމާމެދު ބައިނަލްއަޤްވާމީ ފެންވަރުގައި އިތުބާރު ބޮޑުވަމުންދާ ކަމުގެ ހެއްކެއް ކަމަށެވެ. "ޔޫ.އެސް.އެން.އެސް ވޮލީ ޝިރާ" އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބޭ އެމެރިކާގެ ސިފައިންނާއި ސަރުކާރުގެ އިދާރާތަކަށް ކަނޑުމަގުން މުދާ އުފުލުމާއި، ލޮޖިސްޓިކްސް އަދި ކަނޑުމަތީގެ ޚާއްސަ އެހީތެރިކަން ފޯރުކޮށްދޭ އެމެރިކާގެ ކަނޑުގެ ސިފައިންގެ މިލިޓަރީ ސީލިފްޓް ކޮމާންޑް (އެމް.އެސް.ސީ) ގެ ދަށުން އޮޕަރޭޓްކުރާ މަނަވަރެކެވެ.
އުޅަނދުފަހަރު މަރާމާތުކުރުމުގެ ދާއިރާއިން އިންޑިއާއާއި އެމެރިކާގެ ގުޅުން ފެށިފައިވަނީ 2022 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި އެމެރިކާގެ ކަނޑުގެ ސިފައިންގެ މަނަވަރު "ޔޫ.އެސް.އެން.އެސް ޗާލްސް ޑްރޫ" އިންޑިއާގެ ޝިޕްޔާޑެއްގައި މަރާމާތުކުރުމާ ހިސާބުންނެވެ. އޭގެ ފަހުން 2023 ވަނަ އަހަރުގެ މާރިޗު މަހު "ޔޫ.އެސް.އެން.އެސް މެތިއު ޕެރީ" އަދި ހަމަ އެ އަހަރުގެ ޖުލައި މަހު "ޔޫ.އެސް.އެން.އެސް ސެލްވަރ" ވަނީ މަރާމާތަށް އިންޑިއާއަށް ގޮސްފައެވެ. މި މަސައްކަތްތަކަށްފަހު، 2023 ވަނަ އަހަރުގެ އޭޕްރީލް މަހު އެލް އެންޑް ޓީގެ ޝިޕްޔާޑާއި އެމެރިކާގެ ކަނޑުގެ ސިފައިންނާ ދެމެދު މާސްޓަރ ޝިޕް ރިޕެއަރ އެގްރީމަންޓްގައި ރަސްމީކޮށް ސޮއިކުރެވުނެވެ. މި އެއްބަސްވުމުގެ ދަށުން އެމެރިކާގެ ކަނޑުގެ ސިފައިންގެ އުޅަނދުފަހަރުގެ ދަތުރުމަތީގެ މަރާމާތުތައް ކުރުމުގެ ފުރުޞަތު އެ ބަނދަރަށް ވަނީ ފަހިވެފައެވެ. އަދި އޭގެ ފަހުން 2024 ވަނަ އަހަރުގެ ޑިސެންބަރު މަހު "ޔޫ.އެސް.އެން.އެސް ޗާލްސް ޑްރޫ" ދެވަނަ ފަހަރަށް ގޮސް މަރާމާތުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.
"ޔޫ.އެސް.އެން.އެސް ވޮލީ ޝިރާ" އަކީ އުޅަނދުފަހަރުގެ ފަޅުވެރިން އިންޑިއާއަށް އެތެރެވުމާއި ފުރުމުގެ ކަންކަން ލުއިފަސޭހަކުރުމަށް އެކުލަވާލި އިޞްލާޙުކުރެވިފައިވާ ސްޓޭންޑަޑް އޮޕަރޭޓިންގ ޕްރޮސީޖަރ (އެސް.އޯ.ޕީ) އަށް ޢަމަލުކުރަން ފެށި ފަހުން މަރާމާތަށް އިންޑިއާއަށް އައި އެމެރިކާގެ ކަނޑުގެ ސިފައިންގެ ފުރަތަމަ މަނަވަރެވެ.
2024 ވަނަ އަހަރުގެ ޑިސެންބަރު މަހަށްފަހު އެމެރިކާގެ މަނަވަރުތައް މަރާމާތުކުރުމުގެ މަސައްކަތް އަލުން މި ފެށުނުއިރު، އިންޑިއާގެ ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ މިއީ ބައިނަލްއަޤްވާމީ އުޅަނދުފަހަރު މަރާމާތުކުރުމުގެ އޮޕަރޭޝަންތަކަށް މަގުފަހިކޮށްދީ، ކަނޑުމަތީގެ ސިނާޢީ އެއްބާރުލުން ވަރުގަދަކުރުމަށް އިންޑިއާއިން ކުރާ މަސައްކަތްތައް ހާމަކޮށްދޭ ކަމެއް ކަމަށެވެ.






