Photo by: NAU
Photo by: NAU

ޗައިނާއިން އަންނަ ރީތި ކޮންމެ އަންހެނަކީ ޖާސޫސެއް ކަމަށް މީހުން ދެކޭ: ޓްރަމްޕް

އެމެރިކާގެ ޗިޕް އުފައްދާ ކުންފުނި "އެންވީޑިއާ" ގެ ކުރީގެ ވެރިޔާ ޖެންސަން ހުއާންގްގެ ޒާތީ ގުޅުންތަކާ ގުޅިގެން ފެންމަތިވި ފަޟީޙަތުގެ މައްސަލަ، ޗައިނާގެ ރައީސް ޝީ ޖިންޕިންގއާ އެކު ބޭއްވެވި ބައްދަލުވުމުގައި މަޝްވަރާ ކުރައްވާފައި ނުވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ފޮކްސް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި، ޗައިނާގެ ރައީސާއެކު ބޭއްވެވި ބައްދަލުވުންތަކުގައި މި މައްސަލަ ހުށަހެޅުއްވިތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޓްރަމްޕް ވިދާޅުވީ، "އެ ކަމާ ގުޅޭގޮތުން އަހަރެމެން މަޝްވަރާއެއް ނުކުރަން. އަޅުގަނޑު ވަރަށް ކުރުކޮށް އެ ވާހަކައަށް އިޝާރާތް ކޮށްލާފައި ވެދާނެ، އެއީ ހިތާމަވެރި ކަމަކަށްވާތީ،" ކަމަށެވެ.

މި މައްސަލައާ ގުޅިގެން މީގެ ކުރިން ޓްރަމްޕް ދެއްވާފައިވާ ބަޔާންތަކުގައި، ހުއާންގްއާ ލޯބީގެ ގުޅުމެއް ބޭއްވި ކަމަށް ބުނާ ޗައިނާ އަންހެނަކަށް އަމާޒުކޮށްފައިވާ ޖާސޫސީ ތުހުމަތުތަކަށް އިޝާރާތް ކުރައްވައި ޓްރަމްޕް ވިދާޅުވެފައިވަނީ، "އެއީ ރީތި އަންހެނެއް، އަދި ޗައިނާއިން އަންނަ ރީތި ކޮންމެ އަންހެނަކީ ޖާސޫސެއްގެ ގޮތުގައި މީހުން ދެކެނީ،" ކަމަށެވެ. ހަމައެއާއެކު، އެ ޗައިނާ އަންހެނާއާ ހުއާންގް ބޭއްވި ގުޅުމަކީ އެމެރިކާގެ ޤައުމީ ސަލާމަތަށް އޮތް ނުރައްކަލެއްކަން ސާބިތުވާ އެއްވެސް ކަމެއް އެނގިވަޑައިގެންފައި ނުވާ ކަމަށް ވިދާޅުވެ، ޖާސޫސީ ތުހުމަތުތަކާމެދު ޓްރަމްޕް ވަނީ ޝައްކު އުފައްދަވާފައެވެ.

އިލެކްޓްރޯނިކް ޗިޕްތައް އުފެއްދުމުގައި މަޝްހޫރު އެމެރިކާގެ ކުންފުނި އެންވީޑިއާއިން، އެ ކުންފުނީގެ ބާނީ ޖެންސަން ހުއާންގް ރައީސް އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ގެ މަޤާމުން އިސްތިއުފާ ދެއްވިކަން އިޢުލާންކޮށްފައިވަނީ ނޮވެންބަރު 12 ވަނަ ދުވަހުއެވެ.

މި މައްސަލައިގެ ތެރޭގައި، 2025 ވަނަ އަހަރާ ހަމައަށް "މެގަސްޕީޑް" ކުންފުނީގެ އިސް މަޤާމުތަކެއް ފުރުއްވި ޗައިނާގެ އެލިސް ހުއާންގްއާ ޖެންސަން ހުއާންގް ބޭއްވެވި ގުޅުން ހިމެނެއެވެ. އެލިސް ހުއާންގްގެ މައްޗަށް ތުހުމަތު ކޮށްފައި ވަނީ ޗައިނާއަށް މަޢުލޫމާތު ފޯރުކޮށްދޭ ފަރާތެއްގެ ގޮތުގައި މަސައްކަތް ކުރި ކަމަށެވެ. އެހެންނަމަވެސް، މި މައްސަލައިގައި ޗައިނާގެ ޖާސޫސީ ހަރަކާތްތަކެއް ހިންގާފައިވާ ކަމަށް ކުރާ ތުހުމަތުތައް ޗައިނާގެ ޚާރިޖީ ވުޒާރާއިން ވަނީ ދޮގުކޮށްފައެވެ.

ހިއްސާ ކުރައްވާ!