އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގ އުން އަށް އޭޝިއާ ދަތުރުގައި ގުޅުއްވަން އުޅުއްވިއެވެ. ނަމަވެސް އެކަމަށް ބީރުކަންފަތެއް ދެއްވައި، އުތުރު ކޮރެއާގެ ނިއުކްލިއާ ހަތިޔާރުގެ ސްޓޮކް އިތުރުކުރަމުންދާ ކަމަށް "ދަ ވޯލް ސްޓްރީޓް ޖާނަލް" ގެ ރިޕޯޓަކުން ހާމަވެއްޖެއެވެ. ދެ ޤައުމުގެ ދެމެދުގައި ޑިޕްލޮމެޓިކް ގުޅުންތައް އަލުން ބިނާކުރުމަށް ޓްރަމްޕް ކުރެއްވި މަސައްކަތްތައް ނާކާމިޔާބުވި ކަމަށް އެ ނޫހުގައި ބުނެފައި ވެއެވެ.
ޑަބްލިއު.އެސް.ޖޭ ގެ ރިޕޯޓުގައިވާ ގޮތުން، މިދިޔަ އަހަރު ވެސް ޓްރަމްޕް ވަނީ ރަސްމީ ފޯނު ލައިންތަކާއި މުވާޞަލާތީ އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ކިމްއާ ގުޅުއްވަން މަސައްކަތް ކުރައްވާފައެވެ. ނަމަވެސް، އުތުރު ކޮރެއާގެ އެއްވެސް ފަރާތަކުން އެކަމަށް ޖަވާބެއް ދީފައެއް ނުވެއެވެ. އެއަށްފަހު، ކިމްއަށް ސިޓީއެއް ފޮނުއްވުމަށް ޓްރަމްޕް ނިންމެވިއެވެ.
މި މައްސަލައިގެ މަޢުލޫމާތު އެނގޭ ފަރާތްތަކުން ބުނާ ގޮތުގައި، ނިއުޔޯކްގެ މޭންހަޓަންގައި ހުންނަ އދ. ގެ އުތުރު ކޮރެއާގެ އޮފީސް މެދުވެރިކޮށް އެ ސިޓީ ފޮނުވުމަށް ވައިޓް ހައުސްގެ އޮފިޝަލުން ރޭވިއެވެ. އެގޮތުން، އެ އޮފީހުގެ ބޭރުގައި އެމެރިކާގެ އޮފިޝަލުންގެ ގްރޫޕަކުން މަޑުކޮށްގެން ތިއްބާ، އެތަނުން ހިނގާފައި ދިޔަ އުތުރު ކޮރެއާގެ ޑިޕްލޮމެޓަކަށް އެ ސިޓީ ޙަވާލުކުރިއެވެ. ނަމަވެސް، ފަހުން ބޭއްވި އދ. ގެ ބައްދަލުވުމެއްގައި އެ ޑިޕްލޮމެޓް ވަނީ ނުކަނޑާ އޮތް އެ ސިޓީ އެމެރިކާގެ މަންދޫބެއްގެ ކުރިމަތީގައި ބާއްވާފައެވެ.
ޓްރަމްޕްގެ ފުރަތަމަ ދައުރުގައި ދެ ލީޑަރުން ތިން ފަހަރަކު ބައްދަލުކުރެއްވި އެވެ. އެ ބައްދަލުވުންތަކުގެ މައިގަނޑު މަޤްޞަދަކީ އުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ދޫކޮށްލުމެވެ. ނަމަވެސް، މިހާރު ކިމް ގެ އެފަދަ ޝައުޤުވެރިކަމެއް ހުރިހެނެއް ހީނުވާ ކަމަށާއި، ޓްރަމްޕާ އޮތް ގުޅުން އަލުން ބިނާކުރުމަށް ވެސް ކިމް ބޭނުންފުޅުނުވާކަން ފާހަގަކުރެވެއެވެ.
ޓްރަމްޕް އޭޝިޔާއަށް ކުރެއްވި ދަތުރުފުޅުގެ ތެރޭގައި ވެސް ފަހު ވަގުތު ކިމް އާ ބައްދަލުވޭތޯ މަޝްވަރާ ކުރެވުނު ނަމަވެސް، އެމެރިކާއަށް ޤަބޫލުނުކުރެވޭ ފަދަ ޝަރުޠުތަކެއް ކިމް ހުށަހެޅުއްވި ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި މައްސަލައަށް މިދިޔަ އަހަރު ނެރުނު އެމެރިކާގެ އިންޓެލިޖެންސް ރިޕޯޓެއްގައި ވެސް ވަނީ އަލިއަޅުވާލާފައެވެ. އެ ރިޕޯޓުގައި ބުނެފައިވަނީ، "ކިމްގެ ސްޓްރެޓެޖިކް ހަތިޔާރުގެ ޕްރޮގްރާމްތައް ދޫކޮށްލުމަށް މަޝްވަރާކުރުމުގެ އެއްވެސް ނިޔަތެއް ނެތް" ކަމަށެވެ.
2019 ވަނަ އަހަރު ޓްރަމްޕާއި ކިމް އެންމެ ފަހުން ބައްދަލުކުރެއްވި ފަހުން، އުތުރު ކޮރެއާގެ ނިއުކްލިއާ ވޯހެޑްތަކުގެ އަދަދު 20 އާއި 30 އާ ދެމެދުގެ އަދަދަކުން ގާތްގަނޑަކަށް 60 އަށް އިތުރުވެފައިވާ ކަމަށް އަންދާޒާ ކުރެވެއެވެ. މީގެ އިތުރުން، އެމެރިކާއާ ހަމައަށް ފޯރާ ފަދަ ސޮލިޑް-ފިއުލް އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް (އައި.ސީ.ބީ.އެމް) ވެސް އުތުރު ކޮރެއާއިން ވަނީ އުފައްދާފައެވެ. މި މިސައިލްތަކަކީ ވެހިކަލްތަކުން ފޮނުވާލެވޭ މިސައިލްތަކަކަށް ވާތީ، މިސައިލް ފޮނުވާލުމުގެ ކުރިން ދެނެގަތުމަށް އުނދަގޫވެއެވެ.
ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ މަސްރަހުގައި އުތުރު ކޮރެއާގެ ޙަރަކާތްތަކަށް ބަލާއިރު، އެ ޤައުމުން ވަނީ ރަޝިޔާއާ ގުޅުން ބަދަހިކޮށްފައެވެ. 2022 ވަނަ އަހަރު ރަޝިޔާއިން ޔުކްރޭން އަށް ޙަމަލާދިން ފަހުން އުތުރު ކޮރެއާއިން ރަޝިޔާއަށް ތާޢީދުކުރިއިރު، އެ އަހަރުގެ ފަހުކޮޅު އުތުރު ކޮރެއާއިން ރަޝިޔާއަށް ރޮކެޓާއި އާޓިލަރީ ވަޒަން ފޮނުވަމުންދާ ކަމަށް އެމެރިކާގެ އޮފިޝަލުން ބުނެފައިވެއެވެ. އަދި ކްރިޕްޓޯކަރަންސީ ވަގަށް ނަގައިގެން އުތުރު ކޮރެއާއިން ފައިސާ ހޯދަމުންދާ ކަމަށާއި، ކްރިޕްޓޯކަރަންސީ އެކްސްޗޭންޖް ބައިނޭންސް އިން 6 ބިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ވަގަށް ނެގުމަކީ ތާރީޚުގައި ހިންގި އެންމެ ބޮޑު ކްރިޕްޓޯ ވައްކަމެވެ.
ފާއިތުވި ފެބްރުއަރީ މަހު ދެއްވި ތަޤުރީރެއްގައި ކިމް ވިދާޅުވެފައިވަނީ، އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމް އެމެރިކާއިން ޤަބޫލުކޮށްފި ނަމަ، ދެ ޤައުމުގެ ދެމެދުގައި ސުލްޙަވެރި ގުޅުމެއް އޮވެދާނެ ކަމަށެވެ. އެހެން ނޫން ނަމަ، ދެ ޤައުމުގެ މެދުގައި "ދާއިމީ ކުރިމަތިލުމެއް" އޮންނާނެ ކަމަށް އޭނާ އިންޒާރު ދެއްވިއެވެ.
މީގެ ކުރިން 2017 ވަނަ އަހަރުގެ ޖެނުއަރީ 1 ގައި އެމެރިކާއަށް ފޯރާ ފުރަތަމަ އައި.ސީ.ބީ.އެމް ޓެސްޓުކުރުމަށް ތައްޔާރުވަމުންދާ ކަމަށް ކިމް އިޢުލާނު ކުރެއްވުމުން، ޓްރަމްޕް މީސް މީޑިއާގައި ވިދާޅުވީ "އެކަމެއް ނުވާނެ" ކަމަށެވެ. 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި ރެލީއެއްގައި ކިމްއާ އޮތް ގުޅުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ "ދެ ބޭފުޅުން ލޯބީގައި ޖެހިވަޑައިގަތީ" ކަމަށެވެ.
އަދި 2019 ވަނަ އަހަރު ބޭއްވި ދެވަނަ ބައްދަލުވުމުގައި، އުތުރު ކޮރެއާގެ މައި ޔޮންގްބިޔޮން ނިއުކްލިއާ ކޮމްޕްލެކްސްގެ ބައެއް ތަންތަން ބަންދުކުރުމަށް ޓްރަމްޕް ހުށަހެޅުއްވުމުން އޭގެ ބަދަލުގައި އެ ޤައުމުގެ ވިޔަފާރިއަށް ހުރަސްއަޅާ އދ. ގެ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް އެމެރިކާގެ ކިބައިން އެދިވަޑައިގަތެވެ.






