ކެބިނެޓް ވަޒީރުން އެކަކު އަނެކަކާ ދެކޮޅަށް ވާހަކަދެއްކުން ހުއްޓާލުމަށް ބޮޑުވަޒީރު ޝަހްބާޒް ޝަރީފް އަންގަވައިފި

ޕާކިސްތާންގައި ސިޔާސީ ނުތަނަވަސްކަން އިތުރުވަމުންދާ މި ދަނޑިވަޅުގައި، ކެބިނެޓްގެ ވަޒީރުން އެކަކު އަނެކަކާ ތޮޅެ ހިތްހަމަނުޖެހުން އުފެދޭ ވާހަކަތައް ނުދެއްކުމަށް ޕާކިސްތާންގެ ބޮޑު ވަޒީރު އަންގަވައިފިއެވެ. ޝެހްބާޒް ޝަރީފް ވަނީ ޚިލާފުތައް މަޝްވަރާގެ މަތިން ހައްލުކުރުމަށް އަންގަވައިފައެވެ. އާ ޕްރޮވިންސްތައް އުފެއްދުމާ ގުޅޭގޮތުން ފެންނަ ނުފެންނަ ޚިޔާލެއް ނެގުމާ މެދު ކޯލިޝަންގެ ބައިވެރިންގެ މެދުގައި ފާއިތުވި ދުވަސްތަކުގައި ބަހުގެ ހަމަލާތައް ބަދަލުކުރަމުން ގޮސްފައި ވެއެވެ. 

ވެރިކަން ކުރާ ޕީއެމްއެލް-އެންގެ ސެނެޓަރު ރާނާ ސަނާއުﷲ ވިދާޅުވެފައިވަނީ، ދާޚިލީ ވަޒީރު މުޙްސިން ނަޤްވީ "ނާޤާބިލު ފޯރަމެއްގައި ނާޤާބިލު ވާހަކައެއް" ދެއްކެވުމުން، އާ ޕްރޮވިންސްތައް އުފެއްދުމުގެ މައްސަލަ އިތުރަށް "އޮޅުންބޮޅުން" ވެފައިވާ ކަމަށެވެ.

އިންޓަރ-ޕްރޮވިންޝަލް ކޯޑިނޭޝަންގެ ވުޒާރާ ވެސް ހިންގަވާ ސަނާއުﷲ ވަނީ، މިދިޔަ ޖުލައި މަހު އިސްލާމްއާބާދުގައި ބޭއްވި ޕާކިސްތާން އިކޮނޮމިކް ސަމިޓްގައި ވާހަކަދައްކަވަމުން ޕްރޮވިންސްތަކުގެ ބަހުސް ފެށުމަށް ދާޚިލީ ވަޒީރު ނިންމެވި ނިންމެވުމަށް ވެސް ފާޑު ވިދާޅުވެފައެވެ.

މިހާރު އޮތް ވެރިކަމުގެ "ނިޒާމު އަލުން ރީސެޓް" ކުރުމަށް ޤައުމުގައި އާ އިދާރީ ޔުނިޓުތައް އުފެއްދުމަށް ނަޤްވީ ގޮވާލެއްވުމުން ސިޔާސީ ބޮޑު ހަމަނުޖެހުމެއް އުފެދިފައިވެއެވެ. ސަނާއުﷲ މީގެ ކުރިން ދެއްކެވި ވާހަކަތަކަށް ފަހު، ނަޤްވީ ވަނީ ސަނާއުﷲގެ ނަން ވިދާޅުނުވެ މިދިޔަ ހަފުތާގައި އިންޒާރެއް ދެއްވައި، "މި ވަޒީރާ ބެހޭގޮތުން އަހަރެން ކޮމެންޓްކުރާ ދުވަހު، އޭނާއަށް ލަދުން މޫނު ދެއްކޭނެ ގޮތެއް ނޯންނާނެ" ކަމަށް ވިދާޅުވެފައެވެ.

ބޮޑުވަޒީރުގެ އޮފީހުން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ވަޒީރުންގެ ވާހަކަތައް ސަމާލުކަމަށް އައިސްފައިވާ ކަމަށާއި ސަރުކާރުގެ މުޅި ސަމާލުކަން ހުއްޓިފައިވަނީ ޢާންމުންގެ ފައިދާއަށް ހންގާ މަޝްރޫޢުތަކަށް ކަމަށް ވިދާޅުވެފައެވެ.

"ސަރުކާރުން މިދަނީ އިޤްތިޞާދީ ހަމަޖެހުމުން ދަމަހައްޓައި އިޤްތިޞާދީ ކުރިއެރުމާ ދިމާލަށް ކުރާ ދަތުރު ކުރިއަށް ގެންދަމުން،" ބޮޑުވަޒީރު ވިދާޅުވިއެވެ. މަރުކަޒީ ސަރުކާރުން އަބަދުވެސް ތަރައްޤީ އާއި ކުރިއެރުމުގެ ސިޔާސަތު ކުރިއަރުވަމުންދާ ކަމަށާއި، "މި ފުރުސަތުގައި ކެބިނެޓްގެ ހުރިހާ ވަޒީރުން ވެސް އެކަކު އަނެކަކާ ދެކޮޅަށް ސިޔާސީ ވާހަކަތައް ދެއްކެވުމުން ދުރުހެލިވެވަޑައިގަތުމަށް އަންގަން" ކަމަށް ޝަހްބާޒް ވިދާޅުވިއެވެ.

"ފެޑެރަލް ކެބިނެޓްގެ މެންބަރުންގެ މެދުގައި ހުންނަ ކަންތައްތައް ހައްލުކުރަން ޖެހޭނީ އިއްތިފާޤުވުމުގެ ތެރެއިން،" ބޮޑުވަޒީރު ވިދާޅުވިއެވެ.

ފެޑެރަލް ވަޒީރުން އެކަކު އަނެކަކާ ދެކޮޅަށް ދައްކަވާ ވާހަކަތަކުގެ ސަބަބުން ނޭދެވޭ އަސަރެއް އުފެދި، ތަރައްޤީ އާއި ކުރިއެރުމުގެ ސިޔާސަތުން ސަމާލުކަން އެހެން ދިމާލަކަށް ގެންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ފެޑެރަލް ކެބިނެޓްގެ ވަޒީރުން ރަނގަޅަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، ޢާންމު ޚިދުމަތާއި ތަރައްޤީ އާއި ކުރިއެރުމަށް ސަމާލުކަން ދީގެން ތިއްބަވަން ޖެހޭނެ ކަމަށް ޝަހްބާޒް ވިދާޅުވިއެވެ.

ސަރަހައްދީ ސަރުކާރުތަކުގެ މަންދޫބުން ވެސް އެފަދަ ވާހަކަތައް ދެއްކެވުމުން ދުރުހެލިވެ، ބިނާކުރަނިވި މަޝްވަރާ ކުރިއެރުވުމަށް އެދިވަޑައިގަތެވެ. "އެކަކު އަނެކަކާ ދެކޮޅަށް ދައްކާ ވާހަކަތައް އެއްކޮށް ހުއްޓާލަން ޖެހޭނެ. ސިޔާސީ ހަމަޖެހުން ކަށަވަރުކުރުމުގައި އެދެވޭ ދައުރެއް އަދާކުރުމަކީ އަޅުގަނޑުމެން އެންމެންގެ ޖަމާޢީ ޒިންމާއެއް،" ބޮޑުވަޒީރު ވިދާޅުވިއެވެ.

ހޯމަ ދުވަހު ޖިއޯ ނިއުސްއަށް ވާހަކަދައްކަވަމުން ސަނާއުﷲ ވިދާޅުވީ، ނަޤްވީގެ މަސައްކަތާ ގުޅޭގޮތުން އަމިއްލަ ޚިޔާލު ފާޅުކުރުމަކީ އެކުގައި މަސައްކަތްކުރާ މެންބަރެއްގެ ހައިސިއްޔަތުންނާއި ސިޔާސީ މަސައްކަތްތެރިއެއްގެ ހައިސިއްޔަތުން ލިބޭ ޙައްޤެއް ކަމަށެވެ.

ޕާކިސްތާންގައި އާ ޕްރޮވިންސްތައް އުފެއްދުމާއި، އަދި އެކަމާ މެދު ޚިޔާލު ހޯދުމަށް ހުށަހަޅާފައިވާ ރިފަރެންޑަމްއާ ދެކޮޅަށް ޕީޕީޕީގެ ޗެއަރމަން ބިލާވަލް ބުއްޓޯ ޒަރްދާރީ އަންގާރަ ދުވަހު ދެއްވި ތަޤުރީރެއްގައި ވާހަފުޅުދެއްކެވުމަށް ފަހު މި މައްސަލައަށް އަލުން ސަމާލުކަން ލިބިފައިވެއެވެ. އަދި، ޚާއްސަކޮށް ސިންދު ބާރުގެ ބޭނުންކޮށްގެން ބައިބައިކުރުމަށް ކުރާ ކޮންމެ މަސައްކަތަކުން ލޭ އޮހޮރުވުމަކަށް މަގުފަހިވެދާނެ ކަމުގެ އިންޒާރު ވެސް އޭނާ ދެއްވިއެވެ.

އެހެންނަމަވެސް، އާ ޕްރޮވިންސްތައް އުފެއްދުމާ ގުޅޭގޮތުން ޢާންމު ރައްޔިތުންގެ ޚިޔާލު ބެލުމަށް ރިފަރެންޑަމްއެއް ބޭއްވުމަކީ ޤާނޫނީ އަދި ޤާނޫނުއަސާސީގެ ވަސީލަތެއް ކަމަށް މަރުކަޒީ ސަރުކާރުން ދެކެއެވެ. ޕާލަމެންޓްރީ އެފެއާޒް މިނިސްޓަރު ތާރިޤު ފަޟްލު ޗައުދްރީ ވެސް މިދިޔަ ހަފުތާގައި ވަނީ އެ މައްސަލައިގައި ރިފަރެންޑަމްއެއް "ބާއްވާނެ" ކަމަށް ވިދާޅުވެފައެވެ. ނޮވެމްބަރު 12 ވަނަ ދުވަހު ނަޤްވީ ވަނީ ޚިލާފު އުފެދިފައިވާ މި ބަހުސް އެއްކޮށް ނިންމާލުމަށް ޢާންމު ޚިޔާލު ހޯދުމަށް ރިފަރެންޑަމްއެއް ބޭއްވުމުގެ ޚިޔާލު ހުށަހަޅުއްވާފައެވެ.

ހިއްސާ ކުރައްވާ!