އިންޑިއާ އަށް ނިސްބަތްވާ ވަގު އައިޑެންޓިޓީތައް ބޭނުންކޮށްގެން، އިންޑިއާ ސިފައިންގެ އިސް ވެރިންނާއި، ސަލާމަތީ އޮޕަރޭޝަންތަކާއި، ދީނީ އަދި ނަސްލީ ހަމަނުޖެހުންތަކާ ގުޅޭ ދޮގު މަޢުލޫމާތު ފެތުރުމަށް ޕާކިސްތާނާ ގުޅުންހުރި މީސް މީޑިއާ އެކައުންޓުތަކުގެ ވިއުގައަކުން މަސައްކަތްކުރަމުންދާ ކަމަށް އިންޑިއާގެ ސަލާމަތީ އަދި އިންޓެލިޖެންސް އިދާރާތަކުން ހޯދައިފިއެވެ. އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ވީޑިއޯތަކާއި، ޑީޕްފޭކް ބޭނުންކޮށްގެން ހަދާފައިވާ ކުރީގެ ވީޑިއޯތަކުގެ ފުޅާ ޑިޖިޓަލް ޑިސްއިންފޮމޭޝަން ކެމްޕޭނުގެ ސަބަބުން، އެތައް މިލިއަން ބަޔަކަށް ދޮގު ވާހަކަތައް ފޯރަމުންދާ ކަމަށް ތަޙުޤީޤުތަކުން ވަނީ ހާމަވެފައެވެ.
އިންޑިއާގެ އިންޓެލިޖެންސް އިދާރާތަކުގެ ތަޙުޤީޤުތަކުން އެނގޭ ގޮތުގައި، ޤައުމުގެ އެތެރޭގެ ސަލާމަތާއި، އިޖްތިމާޢީ އެއްބައިވަންތަކަމާއި، ސަރުކާރުގެ މުއައްސަސާތަކަށް ޢާންމުން ކުރާ އިތުބާރު ނަގާލުމަކީ މި ވިއުގައިން އަމާޒުކޮށްފައިވާ ކަންކަމެވެ. އެގޮތުން ޖައްމޫ އަދި ކަޝްމީރާއި، މަނީޕޫރާއި، ޕަންޖާބުގެ މައްސަލަތަކާއި، ދީނީ އަދި ނަސްލީ ޚިލާފު މައްސަލަތަކުގެ އިތުރުން އެތެރޭގެ މުޒާހަރާތަކުގެ ބޭނުން ހިފައި، ކުދިކުދި ކަންކަން ޤައުމީ ބޮޑެތި ކާރިސާތަކުގެ ގޮތުގައި ސިފަކޮށްފައި ވެއެވެ. އަދި 2022 އަދި 2024 ވަނަ އަހަރު މަދްޔަ ޕްރަދޭޝް، ޖާރްކަންޑް އަދި ޕަންޖާބު-ހަރްޔާނާ ބޯޑަރު ސަރަހައްދުގައި ހިނގާފައިވާ ހާދިސާތަކުގެ ވީޑިއޯ އާއި ފޮޓޯތައް، 2026 ވަނަ އަހަރުގެ ނޮވެމްބަރު މަހު ދޮގު ތާރީޚުތަކާއި ދޮގު ވާހަކަތަކާއެކު އަލުން ފަތުރާފައިވާ ކަމަށް ތަޙުޤީޤުތަކުން ދައްކައެވެ.

އިންޑިއާގެ ސިފައިންނާއި ޤައުމީ ސަލާމަތީ ނިޒާމުގެ އިސް ވެރިންނަކީ މި ވިއުގަގެ މައިގަނޑު އަމާޒުތަކެވެ. ނޮވެމްބަރު 17 ވަނަ ދުވަހު @annu2030 އަދި @RedDeFactoIND ގެ ނަމުގައި ހިންގާ އެކައުންޓުތަކުން، ޗީފް އޮފް ޑިފެންސް ސްޓާފް ޖެނެރަލް އަނިލް ޗައުހާންގެ އޭއައި ވީޑިއޯއެއް ފަތުރާފައިވާއިރު، އެއްގަމާއި، ވައިގެ، ކަނޑުގެ އަދި ސައިބަރ ހަނގުރާމައިގައި އިންޑިއާގެ ސިފައިންނަށް ވުރެ ޕާކިސްތާނުގެ ސިފައިން މޮޅު ކަމަށް އޭނާ ވިދާޅުވާ ކަމަށް ދޮގު ވާހަކަ ފަތުރާފައިވެއެވެ. 54 ހާހަށް އަށް ވުރެ ގިނަ ވިއުސް ލިބުނު އެ ވީޑިއޯގެ ދޮގުކަން އިންޑިއާގެ ސިފައިންގެ ފެކްޓް-ޗެކިންގ ޔުނިޓް، މިތުބަސްޓާސް އިން ވަނީ ހާމަކޮށްފައެވެ. ހަމަ އެގޮތަށް އޮކްޓޫބަރު 22 ވަނަ ދުވަހު @RedDeFacto އިން، ޤައުމީ ސަލާމަތީ މުޝީރު އަޖިތު ޑޮވާލް 2019 ވަނަ އަހަރު ދެއްކެވި ވާހަކައެއް ބަދަލުކޮށްގެން ޑީޕްފޭކް ވީޑިއޯއެއް ފެތުރިއިރު، ޕީއައިބީ ފެކްޓް ޗެކުން އެކަން ދޮގުކުރުމުގެ ކުރިން ގާތްގަނޑަކަށް 3 ލައްކަ 90 ހާސް ވިއުސް އެ ވީޑިއޯއަށް ލިބުނެވެ.
އާމީ ކޮމާންޑަރު ލެފްޓިނަންޓް ޖެނެރަލް ދީރާޖް ސޭތް އަށް އަމާޒުކޮށް އޮކްޓޫބަރު 14 އިން 16 އަށް ޕާކިސްތާނުގެ ޑިސްއިންފޮމޭޝަން އެކައުންޓުތަކުން ފެތުރި ޕޯސްޓުތަކަށް 3 ލައްކައަށް ވުރެ ގިނަ ވިއުސް ލިބުނުއިރު، އޮކްޓޫބަރު 16 ގައި އޭނާ ނޭޕާލަށް ކުރެއްވި ދަތުރުފުޅުގެ ފޮޓޯތަކާ އެހެން ފުޓޭޖުތަކެއް ގުޅުވައިގެން ވަގު ވީޑިއޯއެއް ފަތުރާފައި ވެއެވެ. އަދި އޮކްޓޫބަރު 31 ގައި އެއާ ޗީފް މާޝަލްއާ ގުޅޭގޮތުން ދޮގު ވާހަކަތަކެއް ފެތުރިއިރު، ސެޕްޓެމްބަރު 30 ގައި ސިކް ރެޖިމަންޓް މޭޖަރެއްގެ ފޮޓޯ އެހެން ޤައުމެއްގެ ވީޑިއޯތަކުގެ މައްޗަށް ލައި، މެކްސިކޯއިން އޭނާ ހައްޔަރުކުރި ކަމަށް ބުނެ ފެތުރި ޕޯސްޓަށް 6 ލައްކަ އަށް ވުރެ ގިނަ ވިއުސް ލިބުނެވެ.
މީގެ އިތުރުން، ދީނީ ހަމަނުޖެހުންތައް އުފެއްދުމަށް ވެސް މި ވިއުގައން މަސައްކަތްކުރާ ކަމަށް ރިޕޯޓުތަކުގައި ވެއެވެ. ނޮވެމްބަރު 10 ގައި @cutegirlindia21 އަދި @indiantiwari01 އިން ޣާޒީއާބާދުގައި ފަސް މިސްކިތެއް ތަޅާލައި، ނަމާދުކުރަން ތިބި މީހުންގެ ގަޔަށް ފުލުހުން ބަޑިޖެހި ކަމަށް ބުނެ ވީޑިއޯއެއް ފަތުރާފައި ވެއެވެ. އަދި ނޮވެމްބަރު 15 ގައި ކޮލްކަތާ ފުލުހުން މުސްލިމުން ނަމާދުކުރަން ތިއްބާ ބަޑިޖަހައި ފަސް މީހުން މަރާލި ކަމަށް ބުނެފައި ވެއެވެ.
ޖައްމޫ އަދި ކަޝްމީރުގައި ސިފައިންނާއި ޖައްމޫ އަދި ކަޝްމީރު ފުލުހުން ހިންގާ ޓެރަރިޒަމާ ދެކޮޅު އޮޕަރޭޝަންތަކަށް ވެސް މި ވިއުގައން އަމާޒުކޮށްފައިވެއެވެ. ނޮވެމްބަރު 11 ގައި ކުލްގާމްގައި ސިފައިންނަށް ދިން ހަމަލާއެއްގައި ސިފައިންގެ 3 މީހަކު ޒަޚަމްވި ހާދިސާއަށް ފަހު، @HinduReformer އަދި @RedDeFactoIND އިން އިންޑިއާ ސިފައިންގެ ރިޓަޔާޑް އޮފިސަރުންގެ ޑީޕްފޭކް ވީޑިއޯއެއް ފެތުރިއެވެ. އަދި އެއީ "ފޯލްސް ފްލެގް" އޮޕަރޭޝަނެއް ކަމަށް ވެސް ސިފަކުރިއެވެ. އަދި އޭގެ ދެ ދުވަސް ފަހުން @cutegirlindia21 އަދި @indiantiwari01 އިން ޓީވީ ޚަބަރެއް ގެނަސްދޭ ގޮތަށް ހަދާފައިވާ ވީޑިއޯއެއް ފަތުރައި، އެ ހަމަލާ ރޭވީ އިންޑިއާގެ އިސް ސިޔާސީ ލީޑަރުން ކަމަށް ބުނެ ދޮގު ވާހަކަތައް ފެތުރިއެވެ. ޗައިނާ-އިންޑިއާ ބޯޑަރުގެ މައްސަލަތަކާއި ބްރިކްސް އަދި ބަލޮޗިސްތާން ލިބަރޭޝަން އާމީގެ ކުރީގެ ވެރިޔާ ބަޝީރު ޒޭބް އިންޑިއާގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ކަމަށް ބުނެ ދޮގު ވާހަކަ ފަތުރާފައިވެއެވެ.
ތަޙުޤީޤުތަކުން ހާމަވި ގޮތުގައި، ޢާންމު އިންޑިއާ ރައްޔިތުންގެ ގޮތުގައި ދެއްކުމަށް ހިންދޫ ނަންތަކާއި، ކާސްޓްގެ ނިޝާންތަކާއި، އިންޑިއާގެ މީޑިއާއިން ގެނަސްދޭ ޚަބަރާ އެއްގޮތަށް ހޭންޑްލްތައް ބޭނުންކުރުން މި ކެމްޕޭނުގައި މުހިންމު ދައުރެއް އަދާކުރެއެވެ.
"އަނޫޝީ ތިވާރީ" ޕާސޮނާއާ ގުޅުންހުރި އެކައުންޓުތަކުގެ އިތުރުން @Clashfire_ ފަދަ އެކައުންޓުތައް އެކި މައްސަލަތަކުގައި އެއްފަހަރާ ހަރަކާތްތެރިވެއެވެ. އަދި @RedDeFacto އަދި @RedDeFactoIND ފަދަ އެކައުންޓުތަކުން ފަތުރާ ވީޑިއޯތައް ޕާކިސްތާނުގެ މީޑިއާތަކާއި ނިއުސް އެޖެންސީތަކުން އަލުން ގެނެސްދޭ ކަމަށްވެސް ބުނެފައި ވއެވެ.






