ޙަމާސްގެ ވެރިޔާގެ ދަރިކަލުން އަވަހާރަކޮށްލަން އިސްރާއީލުން ދިން ހަމަލާއަކުން ސަލާމަތްވެވަޑައިގެންފި

ޣައްޒާގައި ޔަހޫދީ ސިފައިން ރޭގަނޑުގެ ވަގުތެއްގައި ދިން ހަމަލާއަކުން ޙަމާސް ޖަމާޢަތުގެ ވެރިޔާ ޚަލީލް އަލްޙައްޔާގެ އެންމެ ހަގު ދަރިކަލުން، ސަލާމަތްވެވަޑައިގެންފައިވާ ކަމަށް އެ ޖަމާޢަތުން ބުނެފިއެވެ.

ޣައްޒާ ސިޓީގެ ރިމާލް އަވަށުގައި ހުންނަ އެޕާޓްމަންޓަކަށް ޔަހޫދީ ސިފައިން ދިން ހަމަލާ އަމާޒުކޮށްފައިވަނީ ޙައްޔާގެ ދިރިހުންނެވި ހަމައެކަނި ދަރިކަލުން ޢިއްޒުއްދީން އަށެވެ. މި ހަމަލާގައި ފަލަސްޠީނުގެ 6 މީހަކަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޙައްޔާގެ ދަރިކަލުންނާއި ޢާއިލާ "ޒަޔަނިސްޓް ހަމަލާއަކުން ސަލާމަތްވެވަޑައިގެންފައިވާ" ކަމަށް ޙަމާސްގެ އޮފިޝަލް ބާސިމް ނަޢީމްއާ ޙަވާލާދީ ފަލަސްޠީނުގެ މީޑިއާއިން ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް މި ހަމަލާއާ ގުޅޭގޮތުން ޔަހޫދީ ސިފައިން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ޙައްޔާގެ އެއް ބޭފުޅަކު ޝަހީދުވީ މޭ މަހު ޔަހޫދީން ދިން ހަމަލާއެއްގައެވެ. އަދި 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ޙަމާސްގެ ލީޑަރުން އަވަހާރަކޮށްލަން ދޯހާގައި އިސްރާއީލުން ހިންގި ނާކާމާބު އޮޕަރޭޝަނެއްގައި އަނެއް ދަރިކަލުން ޝަހީދުވެވަޑައިގަތެވެ. އަދި މީގެ ކުރިން 2008 އަދި 2014 ވަނަ އަހަރު ޣައްޒާއަށް ދިން ހަމަލާތަކުގައި ޙައްޔާއަށް އަމާޒުކޮށް ދިން ހަމަލާތަކުގައި އިތުރު ދެ ދަރިކަލަކު ވަނީ ޝަހީދުވެފައެވެ.

މިދިޔަ 3 ދުވަހުގެ ތެރޭގައިވެސް ޔަހޫދީން ދިން ހަމަލަތަކުގައި ފަލަސްޠީނުގެ އިސް ތިން އޮފިޝަލަކު ޝަހީދު ކޮށްފައި ވެއެވެ.

މި ހަމަލާއާ ގުޅިގެން، ޙައްޔާ ވަނީ އިހުތިޖާޖުގެ ބަޔާނެއް ނެރުއްވާފައެވެ. "ޤަތުލުކުރުމާއި ޙިޞާރުކުރުމުގެ މި އާދައަކީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ޤަބޫލުކުރެވޭނެ ކަމެއް ނޫން،" ޚަލީލުލް ޙައްޔާ ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ހިއްސާ ކުރައްވާ!