ސުރުޚީއަކާ ހެދި އިޚުލާޞްތެރި މަސައްކަތެއް ކަންދެއްކުމަކަށް!

ސަލީމަކީ، ކިޑްނީގެ ބައްޔަށް ފަރުވާހޯދަމުންދާ، އާދަވެގެން ޑައެލިސިސްގައި އުޅޭ މީހެކެވެ. އޭނާގެ ވޭނަށް ކެތް ނުކުރެވިގެން ޑޮކްޓަރަށް ދެއްކުމުން އިންޖެކްޝަނެއް ޖަހަންދީފަ ކާނެ ބޭހެއް ދިނެވެ. ކާން ދިން ބޭހަކީ ތަދުކަނޑުވަން 5 ދުވަހަށް ދިން ބޭހެކެވެ. އެބޭސް ލިބެން ހުންނަނީ ހަމައެކަނި އެސްޓިއޯ އިންނެވެ. އެތެރެ ކުރެވެނީވެސް އެފަރާތަށެވެ.

“ކުރިން ސްޓޮކް ހުރި. މުއްދަތު ހަމަވެގެން އުކާލި ފަހުން އަލުން ގެނަސްފައެއް ނުވޭ” އެސްޓިއޯ ފާމަސީގައި އަހައިލުމުން ސަލީމަށް ފާމަސިސްޓު ޖަވާބު ދިނެވެ. އެބޭސް އެއްވެސް އެހެން ފިހާރައަކުން ލިބޭކަށެއް ނެތެވެ. ދަންނަމީހެއް، ނޫނީ އަވަހަށް ހޯދައި ދޭނެ ފަރާތެއް ސަލީމަކަށް ނު ލިބުނެވެ. ބޭސް ނުލިބި، ވޭނުގައި ދުވަސްތައް ވޭތިކުރަމުން، ޔޫރަޕްގެ މޮޅު ބޭސް އަތްފޯރާފަށަސް ގެންނަ ވާހަކަ ލިޔެފައިވާ ސުރުޚީތައް އޭނާއަށް ވެގެން ދިޔައީ މަލާމާތަކަށެވެ.

ހަމައެފަދަ އެހެން ވާހަކައެކެވެ! މުނާ ބޭނުންވީ އޭނާގެ ދަރިފުޅަށް، އެޗްޕީވީ ވެކްސިން ހޯދާށެވެ. ޝީގައި އިންނެވި ޑޮކްޓަރަކަށް ދެއްކުމަށްފަހު ލިބުނު ބޭސް ސިޓީއަށް ރަށުގެ ހުރިހައި ބޭސްފިހާރައެއްގެ ހުރިހައި ފާމަސިސްޓުންގެ ފިންގާޕްރިންޓް ނެގުނު އިރުވެސް އެ ވެކްސިން ލިބޭކަމަކަށް ނުވިއެވެ. އެންމެންވެސް ބުނީ އެސްޓިއޯއަށް ދާށެވެ.

” ނެތް! …. ނުގެންގުޅެން!” ދެފަރާތަކަށް ބޯ ހޫރާލުމަށްފަހު، މާޔޫސީ ހާލަތުގައި އެސްޓީއޯ ފާމަސިސްޓު ބުނެލިއެވެ.

އެވެކްސިން ބޭރުން ގެންނަން ބަލާއިރު އަގު ބޮޑެއް ނޫނެވެ. ނަމަވެސް ފިނިކޮށްފައި ބަހައްޓައިގެން ކޮންޓޭނަރެއްގައި 3 ވެންސިން ކަރުގައި ބަނދެގެން ގެނެސްދޭނީ ވަރަށް ގާތް، ނޫނީ ތިމާގެ މީހަކު ނޫން ހެއްޔެވެ؟

ސުރުޚީތަކުން ފެނިގެން ދިޔައީ، ޔޫރަޕްގެ ކޮލިޓީ ބޭސް ރާއްޖެއަށް އެތެރެކުރަން އުޅޭ ކަމުގެ ވާހަކައެވެ.

ބޭސް ލިބުމަކީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިއެއް ކަމަށްވާ ސަސްޓެއިނަބަލް ޑިވެލޮޕްމެންޓް ގޯލްގެ 3 ވަނަ ލަނޑުދަނޑިއެވެ. މި ލަނޑުދަނޑި ޙާސިލުކުރުމަށްޓަކައި ޤައުމުގެ ބޭސް ސަޕްލައިއަށް ބޭނުންވާ ބޭސްތައް ބޭސްކޮށާރައަށް ލިބޭގޮތް ފަހިވާން ޖެހެއެވެ. އެކަމަށްޓަކައި، ޔޫއެންޑީޕީން މަސައްކަތް ކޮށްދެއެވެ. އަދި ކޯޕަންހޭގަންގައި ހުންނަ ގްލޯބަލް ހެލްތު ޕްރޮކިއޮމެންޓް ސެންޓަރ އިން، މަދުން އާމްދަނީ ލިބޭ ޤައުމުތަކަށް ބޭސްތައް ހޯދައި ދިނުމާއި ބޭހުގެ ފެންވަރު ކަށަވަރު ކުރުމަށް މަސައްކަތް ކޮށްދެއެވެ. ދިވެހި ސަރުކާރުން މިކަމާ ގުޅޭ ފަހުމުނާމާ ނޫނީ އެއްބަސްވުމުގައި ސޮއިކުރީ ފައިބެ އަހަރުގެ ޖޫންމަހުގެ ތެރޭގައެވެ.

ސުރުޚީތަކުގައި ފަވާފައިވާ ޔޫރަޕްގެ ކޮލިޓީ ބޭހުގެ ވާހަކައަކީ ނޭގުމެއްގެ ތެރޭގައި ނޫސްތަކުން އޮޅުވާލެވުނު ހަޤީޤަތެކެވެ.

ކުރީގެ ފިނޭންސް މިނިސްޓަރ ވަނީ މިކަން ސާފުކޮށްދެއްވުމުގެ ގޮތުން އޭނާ އިސްވެ ހުންނަވައިގެން މުނާސަބާގައި ނަގާފައިވާ ފޮޓޯއަކާއެކު ކަމުގެ ހަގީގަތް އެކްސްގައި ހާމަކޮށްދެއްވާފައެވެ.

ޚުލާޞާއަކީ ޔޫރަޕުން ނޫނީ، އެމެރިކާއިން ގެނައިކަމުގައިވިއަސް ގިނަ ބޭހަކީ، ދުނިޔޭގެ ބޭސްތަކަށް ބޭނުންވާ އަސާސީ މާއްދާ އުފައްދާ ޗައިނާއިން އެކުލަވާލާ އިންގްރިޑިއެންޓަކުން ދުނިޔޭގެ ފާމަސީކަމަށް މަޝްހޫރު އިންޑިއާގައި އުފައްދާފައިވާ ބޭސްތަކެވެ. އަދި އެބޭސްތަކަށް ހުއްދަ ދެނީ، އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީންނެވެ. މިނޫން ބޭހެއްނަމަ އެއީ ސިންގަޕޫރަށް ކުރާ ސިއްރު ދަތުރެއްގައި ކޮޕަރްޝަން ޑީލެއްގެ ދަށުން ކޮންމެވެސް ކުޑަ ބޭސްކުންފުންޏަކުން އެތެރެ ކޮށްފައިވާ ވަގު ބޭހެކެވެ. މިއީ ބޭސް އެތެރެކުރުމުގެ މަސައްކަތް ހަވާލުވެފައިވާ ސަރުކާރުގެ ކުންފުނީގައި އާދައިގެ މަތިން މިކަން ހިނގާ ބީދަ ކަމަށް މީހުން ބުނެއުޅެތެވެ. މިނިވަން ފަރާތަކުން އެކަން ކަށަވަރު ކުރެވިފައެއް ނުވެއެވެ.

ދިވެހި މީހާ ބޭނުން ވަނީ އޭނާއަށް ޔޫރަޕްގެ ލޭބަލް ވިއްކުމުގެ ބަދަލުގައި އޭނާއަށް ޟަރޫރަތް ޖެހޭ ހިނދު، އެ ބޭނުންވާ އަސާސީ ބޭސް ލިބޭގޮތް ހަދައި ދީފައި ބެހެއްޓުމެވެ. އަދި ދިވެހި އުޑުދަށުގައި ޑޮކްޓަރަކު ބޭހެއް ލިޔެދީފިނަމަ އެ ބޭހެއް ބަލިމީހާއަށް ހަމައަށް ގެނަސްދިނުމުގައި ކަމާބެހޭ ފަރާތަކުން އިޚުލާޞްތެރި މަސައްކަތެއް ކޮށްދިނުމެވެ.

ހިއްސާ ކުރައްވާ!