ބަންކަރިންގެ ޚިދުމަތުން ލިބެން ފަށާފައިވާ ނަފާގެ ވާހަކަ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވަނީ ވިދާޅުވެ ދެއްވާފައެވެ. ސަރުކާރުން ބަންކަރިންގެ ޚިދުމަތް ފެށިތާ މިހާރު އަށް މަސްދުވަސް ވީއެވެ. މުޅިން އަލަށް ފަށާފައިވާ މި މަސައްކަތުން އެސްޓީއޯއަށް 124 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
މީގެ ކުރިން، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވީ، ސަރުކާރުން ބަންކަރިންގެ ޚިދުމަތް ފެށީ، މަޑުމަޑުން އެ ޚިދުމަތް ތަރައްގީކޮށް، އެއިން 400 މިލިއަނެއްހައި ރުފިޔާގެ އާމްދަނީއެއް ދައުލަތަށް ވެއްދުމުގެ މަގްސަދުގައެވެ.
އެ މަސައްކަތް ޙަގީގަތަށް ވަމުންދާ ކަމުގެ މަޢުލޫމާތު ދެއްވަމުން، މިދިޔަ ހަފްތާގައި މީޑިއާއާ ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، ބަންކަރިންއިން 7 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފައިވާނެ ކަމަށެވެ. އަދި އެ އާމްދަނިއަކީ، ރާއްޖެއަށް ވެރީ ލޯ ސަލްފާ ފިއުލް އޮއިލް (ވީއެލްއެސްއެފްއޯ) ބަންކަރުކޮށްގެން ހޯދާފައިވާ ފައިސާ ކަމަށެވެ.
އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ނަސަންދުރާ ހޮޓަލުގައި ވާހަކަދައްކަވަމުން ޝިމާދު ވިދާޅުވީ، މާލެ ސަރަހައްދުގައި ބަންކަރިންގެ ޚިދުމަތް ވަރަށް ރަނގަޅު ކަމަށެވެ.
"މީގެން އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ އަޅުގަނޑުމެންނަށް ބައިނަލްއަގުވާމީ ބޮޑެތި ޝިޕިން ލައިނާތަކުގެ ކޮންފިޑެންސް ލިބިފައިވާކަން." އެކަން ވާދަވެރި ގޮތަކަށް ކުރިއަށް ގެންދިއުމަށް ރަނގަޅު ކުރަން ޖެހޭ ކަންކަން ހުރިކަމަށް ޝިމާދު ވިދާޅުވިއެވެ.

ބަންކަރިންގެ ޚިދުމަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ 19 ސެޕްޓެމްބަރު ގައެވެ. ނެދަރލެންޑްސްގެ "ވިޓޯލް"އާ ގުޅިގެން ފެށި ބަންކަރިންގެ ޚިދުމަތުގެ ފުރަތަމަ ދެ މަސްތެރޭގައިވެސް ދޮޅު މިލިއަން ޑޮލަރު ލިބުނެވެ.
އޯފްޝޯ ޚިދުމަތެއްގެ ގޮތުގައި 2 ބޯޓެއް ބޭނުންކޮށްގެން އެސްޓީއޯއިން ބަންކަރިންގެ ޚިދުމަތް ފަށާފައި ވަނީ އިހަވަންދިއްޕޮޅުގަ އެވެ.




