ވިޔަފާރި ކުރާ ތަންތަނުގައި ވިއްކަން ބަހައްޓާފައި ހުންނަ މުދަލުގައި އަގު ނުޖަހައި ހުންނަނަމަ އެފަދަ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވުޒާރާއިން އިންޒާރު ދީފިއެވެ.
އިގްތިސާދީ ވުޒާރާއިން ކުރި އިއުލާނެއްގައި ބަޔާންކޮށްފައިވަނީ، މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނުގެ 16 ވަނަ މާއްދާގެ ދަށުން، ވިއްކަން ބަހައްޓާ މުދަލުގެ އަގަކީ ކޮބައިކަން މުދާ ގަންނަ ފަރާތަށް ސާފުކޮށް އެނގޭގޮތަށް ބަހައްޓަންޖެހޭނެ ކަމަށެވެ. މިއީ އާންމު ރައްޔިތުންނާއި ގަންނަ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކުރުމަށްޓަކައި ގާނޫނީ ގޮތުން ވިޔަފާރިވެރިންގެ މައްޗަށް ލާޒިމުކުރާ ކަމެކެވެ.
އެ މުއައްސަސާއިން ވަނީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މުދަލުގައި އަގު ޖަހާފައިވާ ކަމަށް ބެލެވޭނެ ހާއްސަ މިންގަނޑުތަކެއް އާންމުކޮށްފައެވެ. އެގޮތުން މުދަލުގެ އަގު ސީދާ އެ މުދަލެއްގައި ލިޔެ، ޕްރިންޓްކޮށް ނުވަތަ ހަރުކޮށްފައި ހުންނަންޖެހޭނެއެވެ. ނޫންނަމަ، މުދާ ބަހައްޓާފައި ހުރި ތަނެއްގައި މުދަލުގެ އަގު ސާފުކޮށް ލިޔެ ނުވަތަ ހަރުކޮށްފައި ހުރުމާއެކު، އެއީ ކޮން މުދަލެއްގެ އަގެއްކަން ކަސްޓަމަރުންނަށް އޮޅުންނުފިލާނެ ގޮތަށް އެނގެން ހުންނަންޖެހޭނެ ކަމަށް އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވުޒާރާއިން މައުލޫމާތު ދެއެވެ.
ގާނޫނުގައި ބަޔާންކުރާ މި މިންގަނޑުތަކާ އެއްގޮތަށް ވިޔަފާރިވެރިން އަމަލުކުރޭތޯ ބެލުމުގެ ގޮތުން، މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނުގެ 66 ވަނަ މާއްދާގެ ދަށުން ފިހާރަތަކާއި ވިޔަފާރި ކުރާ ތަންތަން އިންސްޕެކްޓްކޮށް މޮނިޓަރ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
އަދި ގާނޫނާ ޚިލާފަށް އަގު ނުޖަހައި މުދާ ވިއްކާ ފަރާތްތަކާމެދު ގާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އިގްތިސާދީ ވުޒާރާއިން ފަސްޖެހުމެއްނެތި އަޅަމުން ގެންދާނެ ކަމަށްވެސް އެ އިއުލާނުގައި ވަނީ ތަކުރާރުކޮށް އިންޒާރު ދީފައެވެ.




