ބާޒާރުގައި ފިޔާގެ އަގު އުފެލުނަސް އެސްޓީއޯއިން ކުރީގެ އަގުގައި ފިޔާ ލިބޭނެ

އާންމު ބާޒާރުގައި ފިޔާ ވިއްކާ އަގަށް ބަދަލުތަކެއް އައިސް އަގު ބޮޑުވަމުންދިޔަ ނަމަވެސް، އެސްޓީއޯއިން މިހާރުވެސް ވިއްކަމުންދާ ހެޔޮ އަގުގައި ފިޔާ ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

އެސްޓީއޯގެ އޮފިޝަލަކު މަޢުލޫމާތު ދެއްވި ގޮތުގައި، އެ ކުންފުނީގެ ފިހާރަތަކުން ފިޔާ ހޯސޭލް އަދި ރީޓެއިލްކޮށްވެސް ކުރީގެ އަގުގައި ލިބޭނެއެވެ. ހުލުމާލޭގައި ފިޔާ ކިލޯއެއް 35 ރުފިޔައިން 45 ރުފިޔާއަށް އަރާފައި ވެއެވެ. ނަމަވެސް މާލޭގައި އުޅެނީ ބައެއް ހިސާބުގައި 25 ރ އަށެވެ. ނަމަވެސް، އެސްޓީއޯއިން ފިޔާ ކިލޯއެއް ވިއްކަމުންދަނީ 13 ރުފިޔާއަށެވެ.

އެސްޓީއޯއިން ބުނީ ފިޔާގެ އެކަށީގެންވާ ސްޓޮކެއް އެބަހުރި ކަމަށާއި، ބާޒާރުގެ ބޭނުމަށް ބަލައި އިތުރަށް ފިޔާ އެތެރެކުރަން ޖެހިއްޖެ ހާލަތެއްގައި، ކުރިއެކޭވެސް އެއްގޮތަށް ފިޔާ އެތެރެކުރުމުގެ ފުރިހަމަ ޤާބިލުކަން އެބަހުރި ކަމަށެވެ. އެހެންކަމުން ފިޔާ ލިބުމުގައި އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެ ކަމުގެ ޔަޤީންކަން އެސްޓީއޯއިން ދެއެވެ.

ހިއްސާ ކުރައްވާ!