އެސްޓީއޯއިން ރަމަޟާން މަހަށް ތައްޔާރުވެއްޖެ: ބާޒާރު ތިޔާގިވާނެ

މިއަހަރުގެ ރަމަޟާން މަހަށް ބޭނުންވާ މުދާ ފަސޭހަކަމާއެކު ލިބޭނެ ގޮތް ހަމަޖެއްސުމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވަނީ ފުރިހަމައަށް ތައްޔާރުވެފައެވެ. މިކަން އެސްޓީއޯއިން ވަނީ ޔަގީން ކޮށްދީފައެވެ.

އެސްޓީއޯއިން ބުނެފައި ވަނީ، ކުރީ އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ރަމަޟާން މަހަށް ބޭނުންވާ މުދާ ފަސޭހަކަމާއެކު ލިބޭނެ ގޮތް ހަމަޖެއްސުމަށް ޚާއްޞަ ސަމާލުކަމެއް ދީގެން މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި މީގެ ކުރިން ލިބިފައިވާ ތަޖުރިބާތަކުގެ އަލީގައި، މިއަހަރު އާންމު ފަރުދުންނާއި ވިޔަފާރިވެރިންނަށް ފަހި ގޮތްތަކެއް ހޯދައިދިނުމަށް ރާވާފައިވާ ކަމަށްވެސް އެފަރާތުން ފާހަގަކުރެ އެވެ.

ރަމަޟާން މަހަށް ޚާއްޞަކޮށްގެން އެސްޓީއޯއިން ވަނީ ހަތަރު ކެޓަގަރީއަކަށް ބަހާލައިގެން ކާބޯތަކެތި އެތެރެކުރުމަށް ތައްޔާރުވެފައެވެ. މިގޮތުން އަސާސީ ކާބޯތަކެތީގެ ތެރޭގައި ހިމެނޭ ފިޔާ، ބިސް، އަލުވި، ކާށި އަދި ކަދުރު އެތެރެކުރުމަށް ހަމަޖެހިފައިވާއިރު، ތާޒާ ތަރުކާރީއާއި މޭވާ، ތައްޔާރީ ކާނާ އަދި ކެއްކުމަށް ބޭނުންކުރާ ތަކެތިވެސް އެތެރެކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެސްޓީއޯއިން އިތުރަށް މަޢުލޫމާތުދޭ ގޮތުގައި، މާކެޓްގެ އަގުތަކަށް އަންނަ ބަދަލުތައް ގަވާއިދުން ބަލަމުންގެންގޮސް، އަގު މައްޗަށްދާ ތަކެތި ފާހަގަކޮށް، އެކަމަށް އަވަސް ހައްލެއް ގެނައުމަށް މަސައްކަތްކުރާނެ އެވެ. މިގޮތުން މިހާރު ބާޒާރުގައި ކާށްޓެއްގެ އަގު 10 ރުފިޔާއާއި 25 ރުފިޔާއާ ދެމެދުގައި ހުރިނަމަވެސް، ރޯދައަށް ޚާއްޞަކޮށްގެން އިންޑިއާއިން އެތެރެކުރި ކާށި ވިއްކުމަށް ހަމަޖެހިފައިވަނީ 5 ރުފިޔާއަށް ކަމަށް އެސްޓީއޯއިން ހާމަކުރިއެވެ.

އަދި މާދަމާއިން ފެށިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސް މެދުވެރިކޮށް ކާށި އަދި ލުނބޯ ވިއްކަން ފަށާނެކަމަށްވެސް އެސްޓީއޯއިން ބުނެއެވެ.

މި އިންތިޒާމުތަކުގެ ސަބަބުން ރަމަޟާން މަހު އަގުތައް މަތިނުވެ އެއްވަރެއްގައި ހިފެހެއްޓޭނެކަމަށް އުންމީދު ކުރެވެއެވެ.

 

ހިއްސާ ކުރައްވާ!