ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން އެސްޓީއޯއިން ވަނީ ފިޔާ ކިލޯއެއް 16 ރުފިޔާގެ އަގުގައި ވިއްކަން ފެށިއެވެ. މީގެ އިތުރުން 25 ކިލޯގެ ބަސްތާއެއް 350 ރުފިޔާއަށް ލިބެން ހުންނާނެ ކަމަށާއި، 10 ބަސްތާއަށް ވުރެ ގިނައިން ގަންނަ ފަރާތްތަކަށް ބަސްތާއެއް 340 ރުފިޔާއަށް ލިބޭނެ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދީފައިވެއެވެ.
މި އަގުތަކުގައި އެސްޓީއޯއިން މިހާރު ވަނީ ފިޔާ ވިއްކަން ފަށައިފައެވެ. ނަމަވެސް މާރުކޭޓުގައި މިވަގުތު ފިޔާ ކިލޯއެއް ވިއްކަމުން ދަނީ 25 އާއި 30 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ.
މިއަހަރުގެ ތެރޭގައި އަގުތައް ހިފެހެއްޓުމުގެ މަޤްޞަދުގައި އެސްޓީއޯއިން ވަނީ އާންމުކޮށް ބޭނުންކުރާ ކާބޯތަކެތި އިމްޕޯޓްކޮށް ވިއްކަން ފަށާފައެވެ. އަދި މި ތަކެތި ފަސޭހަކަމާއެކު ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ޔަގީންކަން ދީފައިވެއެވެ. މީގެ އިތުރުން، އެސްޓީއޯއިން ވަނީ ކާށި އަދި ލުނބޯ ވެސް އަތްފޯރާ އަގެއްގައި ވިއްކަން ފަށާފައެވެ.



