އެހީ: ދުނިޔޭގެ އެހެން ޤައުމުތަކަށްވުރެ ގިނަ، ނަމަވެސް އެމެރިކާގެ ޖީޑީޕީގެ ނިސްބަތުން ދަށް

އެމެރިކާ އެކްސްޓަރނަލް އެފެއާޒް ކައުންސިލުން އިއްޔެ ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ، އެމެރިކާއިން އެހެން ޤައުމުތަކަށްވުރެ ގިނައިން ބޭރު ގައުމުތަކަށް އެހީ ދޭ ދޭ ކަމަށާއި، ނަމަވެސް އެމެރިކާއަކީ ޖީޑީޕީގެ ނިސްބަތުން މަދުން އެހީދޭ ޤައުމެއް ކަމަށެވެ.

ޖީޑީޕީގެ ނިސްބަތުން އެހީދޭ ގައުމުތަކުގެ ތެރޭން، 2020 ވަނަ އަހަރު އެމެރިކާ އޮތީ މުއްސަނދި ޤައުމުތަކުގެ ލިސްޓުގެ އެންމެ ފުލުގައެވެ.

އޯއީސީޑީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 2023 ވަނަ އަހަރު ޖީޑީޕީގެ 1.09 އިންސައްތަ ބޭރުގެ އެހީއަށް ހޭދަކޮށް ނޯވޭ އޮތީ ލިސްޓުގެ އެއްވަނައިގައެވެ. އަދި އެމެރިކާ އޮތީ 0.24 އިންސައްތަ ހޭދަކޮށްގެން މާފަހަތުގައެވެ.

ބްރޫކިންގްސް އިންސްޓިޓިއުޝަންގެ ރިޕޯޓެއްގައިވާ ގޮތުން، ފާއިތުވި އަހަރުތަކުގައި އެމެރިކާއިން ބޭރުގެ އެހީއަށް ކުރާ ޚަރަދު ވަނީ ޖީޑީޕީގެ ގާތްގަނޑަކަށް 0.33 އިންސައްތައަށް އަރާފައެވެ. މިއީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ޔޫރަޕް އަލުން ބިނާކުރުމުގެ މާޝަލް ޕްލޭނާއެކު 1950 ގެ އަހަރުތަކުގައި އެމެރިކާގެ ޖީޑީޕީގެ 3 އިންސައްތައަށް އެރި ބޭރުގެ އެހީގެ މިންވަރާ އަޅާބަލާއިރު ވަރަށް ބޮޑު ތަފާތެކެވެ.

ނަމަވެސް، 2023 ވަނަ އަހަރުގެ މާލީ އަހަރު އެމެރިކާއިން ބޭރުގެ އެހީއަށް  ޖުމްލަ 72 ބިލިއަން ޑޮލަރު ހޭދަ ކުރިއެވެ. މިއީ 2024 ވަނަ އަހަރު އދ.އިން ހޭދަކުރި ހުރިހާ އިންސާނީ އެހީގެ ގާތްގަނޑަކަށް 42 އިންސައްތައެވެ.

އެމެރިކާއިން ދޭ އެހީ 130 ގައުމަކަށް ލިބެއެވެ. އޭގެ ތެރޭގައި ކާނާއިން ފެށިގެން އިޒްރޭލާއި ތައިވާނަށް ދޭ އަސްކަރީ އެހީ ހިމެނެއެވެ. އަދި 10 ހާހެއްހައި މުވައްޒަފުން މި މަސައްކަތުގައި ހަރަކާތްތެރި ކުރުވައެވެ.

އެމެރިކާގެ ޚާރިޖީ އެހީއަކީ އެމެރިކާއިން ޤައުމުތަކުގައި ހިންގާ އެޖެންޑާ ހިންގުމަށް ހޭދަކުޜާ ފައިސާއެވެ.

މިކަމުން ދައްކުވައިދެނީ އެމެރިކާއިން ދޭ އެހީގެ މިންވަރު ދުނިޔޭގެ އެހެން ޤައުމުތަކަށްވުރެ މަތިކަމެވެ.

އެހެންނަމަވެސް، ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ބޭރުގެ އެހިއާ ދެކޮޅަށް ވާހަކަ ދައްކަވާފައެވެ. ޓްރަމްޕް ވަނީ ބޭރުގެ އެހީތައް 90 ދުވަހަށް ހުއްޓާލާނެ ކަމަށް އިއުލާން ކުރައްވައި، އެމެރިކާއިން އެހީ ދެނީ އެމެރިކާގެ ސިޔާސަތާ ފުށުއަރާ ކަންކަމަށް ކަމަށް ވިދާޅުވެފައެވެ.

އެމރިކާއިން ބޭރުގެ އެހީދޭ އިދާރާ ޔޫއެސް އެއިޑްގެ އޮފީސްތައް ވަނީ ބަންދުކޮށްފައެވެ. ވެބްސައިޓްވެސް ވަނީ ބަންދުކޮށްފައެވެ. އެމެރިކާގެ ޚާރިޖީ އެހީ މިވަގުތު ދެނީ އިޒްރޭލާއި މިސްރަށް އެކަންޏެވެ.

ހިއްސާ ކުރައްވާ!