މޮޅު ޑީލެއް ލިބޭނަމަ ވިލާއިން ކާޑެއްދޫ ދޫކޮށްލަފާނެ

ވިލާކުންފުނިން ހިންގާ ކާޑެއްދޫ އެއަރޕޯޓުގެ އާބާތުރަ ފިލުވައި ތަރައްޤީއަށް މަސައްކަތް ނުކުރާ ކަމުގެ ޝަކުވާ ރައްޔިތުންގެ މަޖިލީހާ ހަމައަށް ފޯރައިފިއެވެ. މި މައްސަލާގައި މަޖިލިސް ކޮމިޓީގައި ވާހަކަ ދައްކަވަމުން ވިލާ ކުންފުނީގެ ބާނީ ޤާސިމް އިބްރާހީމް ވިދާޅުވީ މޮޅު ގޮތެއް ވާން އޮތްނަމަ، ވިލާއިން ކާޑެއްދޫ އެއަރޕޯޓު ދޫކޮށްލަން ތައްޔާރަށް އޮތް ކަމަށެވެ.

ކާޑެއްދޫ އެއަރޕޯޓް ސަރުކާރަށް ދޫކޮށްލުމާމެދު ވިލާ ކުންފުނިން ޖަދަލު ކުރުމަށް ބޭނުން ނުވާކަމަށް ވިލާ ކުންފުނީގެ ޗެއަރމަން ޤާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ. ޤާސިމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކާޑެއްދޫ އެއަރޕޯޓު ފެށި އިރު ހަދާފައިވާ ގޮތަށް މިއަދާހަމައށް އެއާޕޯޓަށް އިތުރު ތަރައްގީއެއް އައިސްފައެއް ނުވެއެވެ. ގާސިމްގެ ވިލާގެ ބެލުމުގެ ދަށުގައި އެއާޕޯޓު ހުރި އިރު އަދިވެސް އެއަރޕޯޓުގައި މުދާ ބަހައްޓަން ބޭނުން ކުރަނީ ކުރީ ޒަމާނުގައި ސިމެންތިން ހަދާފައިވާ އަށިތަކެވެ. އަދި ފަތުރުވެރިންނަށް ބޭނުންވާ  ވަސީލަތްތައް ގާއިމްވެފައި ނެތުމުން، އެ ސަރަހައްދުގައި ފަތުރުވެރިކަމުގެ ޚިދުމަތް ދޭ ފަރާތްތަކުން ޝަކުވާ ކުރަމުން ދެއެވެ. ގދ. ސަރަހައްދަކީ ފަތުރުވެރިންގެ މަގްބޫލު ސަރަހައްދެކެވެ.

މި ބައްދަލުވުމަކީ ކާޑެއްދޫ އެއާޕޯޓާ ގުޅޭގޮތުން ސިވިލް އޭވިއޭޝަން އޮތޯރިޓީން މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީއަށް ފޮނުވާފައިވާ ސިޓީއަކާ ގުޅިގެން ބޭއްވުނު ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ވިލާ އެއަރގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޤާސިމް ވިދާޅުވި ގޮތުގައި ކާޑެއްދޫ އެއާޕޯޓު ހިންގަމުން ދަނީ ބޮޑު ޚަރަދެއް ކޮށްގެންނެވެ. އަދި އެއާޕޯޓްގައި ހުރި ބައެއް މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ގާސިމަކީ އަބަދުވެސް މޮޅު ގޮތް ބޭނުންފުޅުވާ  ވިޔަފާރި ވެރިއެކެވެ. އިތުރު މޮޅު ޑީލެއް ލިބޭނަމަ ގާސިމް ހުންނެވީ ކާޑެއްދޫ އެއަރޕޯޓު ސަރުކާރަށް ދޫކޮށްލާ ގޮތަށެވެ.
"ސަރުކާރުން ވަކި ގޮތެއް ބޭނުންފުޅުވެގެން މިވެނިހެން އެވެނިހެން ވިދާޅުވާން ވެއްޖިއްޔާ އަޅުގަނޑުމެން މި ތިބީ ރީޒަނަބަލް ގޮތެއް ވަންޏާ، އަޅުގަނޑުމެންނަށް ވެސް ގެއްލުމެއް ނުވަންޏާ އެތަން ދޫކޮށްލާ ގޮތަށް. އަޅުގަނޑުމެން ޖަދަލު ކުރުމެއް ނެތް." ޤާސިމް ވިދާޅުވިއެވެ.

މަސްލަހަތު ފުށުއަރާފައިވާ ކަމަށް ބެލެވޭ ގޮތަކަށް، ރައްޔިތުންގެ މަޖިލީހުގައި މި ބައްދަލުވުމުގައި ގާސިމް ބައިވެރިވެވަޑައިގަތީ، ވިލާކުންފުނީގެ މަސްލަހަތު ހިމާޔަތް ކޮށް ވަކާލާތު ކުރައްވާށެވެ. މިހިނދު ގާސިމަކީ ރައްޔިތުން އެމަޖިލީހުގައި ރައްޔިތުންގެ މަސްލަހަތަށް ވަކާލާތު ކުރުމަށް މުސާދީގެން ބަހައްޓާފައިވާ ރައްޔިތުންގެ މަންދޫބެކެވެ.
ކާޑެއްދޫ އެއަރޕޯޓް ތަރައްޤީ ކުރުމަށް ކުރީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒާއެކު ދެފަހަރަކު ވާހަކަ ދެކެވުނު ނަމަވެސް، ދުނިޔޭގެ އިޤްތިޞާދީ ޙާލަތަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން އެއަރޕޯޓް ތަރައްޤީ ކުރުމަށް ފައިސާ ހޯދުމުގައި ދަތިތަކެއް ކުރިމަތިވެފައިވާކަން ޤާސިމް ފާހަގަ ކުރެއްވިއެވެ. ނަމަވެސް، އެކުންފުނިން ތިބީ އެއަރޕޯޓް ތަރައްޤީ ކުރުމުގެ ވިސްނުމުގައި ކަމަށާއި އެ މަސައްކަތަށް ބޭނުންވާ މެޝިނަރީޒް ވިލާ ކުންފުނީގައި ހުރިކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

އެހެންނަމަވެސް، ކާޑެއްދޫ އެއަރޕޯޓް ތަރައްޤީވެގެން ދިއުމަކީ ހުވަދޫ ރައްޔިތުންގެ ބޮޑު އުއްމީދެއް ކަމަށާއި، ވިލާ ކުންފުނީގެ އަތުން އެއަރޕޯޓް އަތުލައިގެން ނަމަވެސް އެއަރޕޯޓް ތަރައްޤީ ކުރަންޖެހޭ ކަމަށް ތިނަދޫ އުތުރު ދުތުރު ދާއިރާގެ ޕީއެންސީ މެންބަރު ސައުދުﷲ ހިލްމީ ވަނީ ވިދާޅުވެފައެވެ.

ހިއްސާ ކުރައްވާ!