މުލީ އެއާޕޯޓަށް މޯލްޑިވިއަން ދަތުރުތައް ފަށަނީ: 35 މިނިޓުގެ ދަތުރަށް 1377 ރުފިޔާ

މުލަކު އަތޮޅު މުލީގައި ތަރައްޤީކޮށްފައިވާ އައު އެއާޕޯޓަށް މޯލްޑިވިއަން އެއަރލައިންގެ ދަތުރުތައް މި މަހުގެ 17 ވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ. މާލެއާއި މުލީއާ ދެމެދު ކުރާ މި ދަތުރަށް 35 މިނިޓު ހޭދަވާނެ ކަމަށް މޯލްޑިވިއަނުން މަޢުލޫމާތު ދީފައިވެއެވެ.

މި ދަތުރުތަކަށް މިހާރު ވަނީ ސީޓު ބުކްކުރުމުގެ ފުރުޞަތު ހުޅުވާލާފައެވެ. އެއްކޮޅު ދަތުރެއްގެ އަގަކީ 1،377 ރުފިޔާއެވެ. މީގެ އިތުރުން، އަމިއްލަ އެއަރލައިންތަކަށްވެސް މުލީ އެއާޕޯޓަށް ދަތުރުތައް ފެށުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

މުލީގައި އެއާޕޯޓު ތަރައްޤީކުރަން ފެށީ 2021 ވަނަ އަހަރުއެވެ. މި މަޝްރޫޢު ތަންފީޒުކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ. މި މަޝްރޫޢުގެ އަގަކީ 221.7 މިލިއަން ރުފިޔާއެވެ.

އެއާޕޯޓު ތަރައްޤީކުރުމަށްޓަކައި 14 ހެކްޓަރުގެ ބިން ހިއްކާފައިވެއެވެ. އަދި 1،812 މީޓަރުގެ ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްވެސް ވަނީ ކޮށްފައެވެ. މީގެ އިތުރުން، 1،200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެއް ވަނީ ހަދާފައެވެ. އަދި ޓެކްސީވޭއަކާއި އޭޕްރަން އަދި ޓާމިނަލްވެސް ވަނީ ޤާއިމުކޮށްފައެވެ.

މި އި އެއާޕޯޓު ހުޅުވުމާއެކު، މުލަކު އަތޮޅުގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ޚިދުމަތް ފަސޭހަކަމާއެކު ލިބި، އަތޮޅުގެ އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިވެގެންދާނެ އެވެ.

ހިއްސާ ކުރައްވާ!