ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ޖުލައި މަހުގެ ނިޔަލަށް ނިންމަނީ

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށް ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރ އަހްމަދު މުބީން ވިދާޅުވެއްޖެއެވެ. ޕީއެސްއެމް ނިއުސްއަށް ދެއްވި މަޢުލޫމާތުގައި މުބީން ވިދާޅުވީ މިހާތަނަށް މުޅި މަޝްރޫޢުގެ 83 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.

މުބީން ވިދާޅުވި ގޮތުގައި އެއާޕޯޓްގެ ރަންވޭއާއި އޭޕްރަން އަދި އެއާޕޯޓާއި ގުޅޭ މަގުގެ މަސައްކަތާ އެމްއެންޑީއެފް ބްލޮކްގެ ހުރިހާ މަސައްކަތްތައް ވަނީ ނިމިފައެވެ. އަދި ފްލައިޓަށް އެރުމަށް ބޭނުންކުރާ އޭރޯ ބްރިޖް ވެސް ހަރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރު، ފިއުލް ފާމް، ހެނގަރު، ކާގޯއާއި އެރައިވަލް ޖެޓީގެ ގިނަ މަސައްކަތްތައް ވެސް ނިމިފައިވާ ކަމަށް މުބީން ފާހަގަކުރެއްވިއެވެ.

ހަނިމާދޫ އެއާޕޯޓްގައި ތަރައްގީކުރާ ޕަސެންޖަރ ޓާމިނަލަކީ އެ އެއާޕޯޓްގެ އެންމެ މުހިންމު ސްޓްރަކްޗަރު ކަމަށް މުބީން ވިދާޅުވިއެވެ. މަޑިއެއްގެ ސިފައިގައި ތަރައްގީ ކުރަމުން އަންނަ މި ޓާމިނަލްގެ 72 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އޭނާ ހާމަކުރެއްވިއެވެ.

މި އެއާޕޯޓަކީ އެއަރބަސް A320 އާއި ބޯއިންގ 737 ސައިޒުގެ ބޯޓުފަހަރަށް ޚިދުމަތް ދެވޭނެ އެއާޕޯޓެކެވެ. އަދި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ފެންވަރުގެ އެއާޕޯޓެއް ކަމަށްވެސް މުބީން ވިދާޅުވިއެވެ. އެ އެއާޕޯޓްގެ ރަންވޭއަކީ 2464 މީޓަރު ދިގު ރަންވޭއެކެވެ.

ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީގައި ސީ ޕްލޭން ޓާމިނަލެއް ވެސް ތަރައްގީ ކުރާނެ އެވެ.

މި އެއާޕޯޓް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށީ 2022 ވަނަ އަހަރުގެ އޮކްޓޫބަރުމަހުއެވެ. މި މަޝްރޫޢުގެ މަސައްކަތް ކުރަނީ އިންޑިޔާގެ ޖޭއެމްސީ ކުންފުނިންނެވެ. މިއީ 136.6 މިލިއަން ޑޮލަރުގެ މަޝްރޫޢުއެކެވެ.

ހިއްސާ ކުރައްވާ!