އަންހެން ކުދިން ޅަފަތުގައި މެރުމަކީ އަދިވެސް އާދައެއް

އަންހެން ކުދިންނާ މެދު ޖާހިލީ ޒަމާނުގައި ކަން ކުރަމުން އައި ސަގާފަތަކީ އަދިވެސް ޕާކިސްތާންގައި އަށަގެންފައިވާ ސަގާފަތެކެވެ. މުޖުތަމައުގައި އިސްކަން ދެނީ ފިރިހެން ކުދިންނަށެވެ. އެހެންވެ، މުހައްލިލުން ސިފަ ކުރަނީ، ފިރިހެންވަންތަ ސަގާފަތްތަކުގެ ތެރެއަށް ޕާކިސްތާން ޣަރަގުވެފައިވާ ކަމަށެވެ.

ވިހޭތަނުން އަންހެން ކުދިން މަރާލުމަކީ މަދުން ނަމަވެސް އުޅޭ މައްސަލައެކެވެ. މިގޮން ޖެހުން އަށަގެންފައިވާ މިންވަރު ހާމަވަނީ، ހިލޭ ސާބަހަށް މަސައްކަތް ކުރާ އެދީ ފައުންޑޭޝަނުގެ ތަފަސްހިސާބުންނެވެ. އެ ފައުންޑޭޝަނުން ބުނަނީ، 2017 ވަނަ އަހަރު މުޅި ޕާކިސްތާންގައި ކުނިކޮށިތަކަށް މަރާލައި އެއްލާފައިވާ 355 ތުއްތު ކުދިން ހޯދައިފައިވާ ކަމަށެވެ. އޭގެ %99 އަކީ އަންހެން ކުދިންނެވެ.

އަދި 2018 ވަނަ އަހަރުގެ އެޕްރީލް މަހާހަމައަށް ކަރާޗީގައި އެކަނިވެސް 72 ކުދިން ވަޅުލާފައިވާ ކަމަށް ރިޕޯޓްކޮށްފައި ވެއެވެ.

ޗިއްޕާ ވެލްފެއަރ އެސޯސިއޭޝަނުން ބުނަނީ ކަރާޗީގައި 2018ގައި 93 ކުދިން މަރލާފައިވާ ކަމަށެވެ. އަދި 2018 ވަނަ އަހަރު 23 ކުދިން މަރާލާފައިވާ ކަމަށެވެ.

ފިރިހެން ކުދިންނަށް އިސްކަން ދެނީ އެކުދިން އާމްދަނީ ހޯދާނެކަމަށް ބަލާފައެވެ. އަދި އަންހެން ކުދިން ދޫކޮށްލަނީ، އެކުދިންގެ ކައިވެންޏަށް ޑައުރީ ދޭން ޖެހޭތިއާއި ކައިވެނީގެ ޚަރަދުތައް ބޮޑު ވުމުންނެވެ.

ފަގީރުކަމަކީވެސް އަންހެން ކުދިން މަރާލުމަށް ސަބަބެކެވެ. އަދި ބަފައަކާއި ނުލައި އުފަންވާ ކުދިންވެސް މަރާލެވެއެވެ. އޭގެ އިތުރުން ޝަރަފަށްޓަކައި ޝައްކެއްގެ މައްޗަށް ބިނާ ކޮށްވެސް އަންހެނުން މަރާލެވެއެވެ.

ޕާކިސްތާންގައި މި ކަންކަމާ ދެކޮޅަށް ގާނޫނުތައް ފާސްކޮށްފައި އެބަހުއްޓެވެ.

އަންހެން ކުއްޖަކު މަރާލައިގެން ކަރާޗީގައި ފައިލްކޮށްފައި ވަނީ 2017 ވަނަ އަހަރު އެންމެ މައްސަލައެކެވެ.

މީހުން މަރާލަން ބޭނުންވާ ކުދިންނާއި ދޫކޮށްލަން ބޭނުންވާ ކުދިންނާ ހަވާލުވުމަށް އީދީ ފައުންޑޭޝަނުން ވަނީ އީދީ ކްރެޑްލް އުފައްދާފައެވެ. 2017 ވަނަ އަހަރު އެ ފައުންޑޭޝަނުން 14 ކުދިން ސަލމަތް ކުރިއެވެ.12 ކުދިންނަކީ އަންހެން ކުދިންނެވެ.

މިއިންސާނީ ކާރިސާ ހައްލުކުރުމަށް ޕާކިސްތާންގައި ހޭލުންތެރިކަން އިތުރު ކުރުމަށް ތަޖުރިބާކާރުން ބާރުއަޅައެވެ.

ހިއްސާ ކުރައްވާ!