އިންޑިއާގެ އާޓިލަރީ ޒަމާނީކުރުމުގެ މަސައްކަތް ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތުމަށްފަހު، އަލުން ކުރިއަށް ގެންދިއުމަށް މުހިންމު ފިޔަވަޅެއް އަޅައިފިއެވެ. އިންޑިއާގެ ކެބިނެޓް ކޮމިޓީ އޮން ސެކިއުރިޓީ (ސީސީއެސް) އިން ވަނީ އާޓިލަރީ ޒަމާނީކުރުމަށް 850 މިލިއަން ޑޮލަރުގެ ބަޖެޓެއް ކަނޑައަޅާފައެވެ.
މި ބަޖެޓްގެ ދަށުން، 307 އެޑްވާންސްޑް ޓޯޑް އާޓިލަރީ ގަން ސިސްޓަމް (އޭޓީއޭޖީއެސް) އާއި 327 ޓޯވިން ވެހިކަލް ގަތުމަށް ވަނީ ނިންމާފައިވެއެވެ. މި ނިންމުން ނިންމި ބައްދަލުވުމުގެ ރިއާސަތުގައި އިންނެވީ އިންޑިއާގެ ބޮޑުވަޒީރެވެ.
މި ކޮންޓްރެކްޓްގައި ސޮއިކުރުމަށް ހަމަޖެހިފައިވަނީ އަންނަ ހަފްތާގައެވެ. މި މަސައްކަތް ކުރިއަށް ގެންދާނީ ބާރަތު ފޯޖްގެ 60 އިންސއްތައާއި ޓާޓާ އެޑްވާންސްޑް ސިސްޓަމްސްގެ 40 ޕަސެންޓް ގުޅިގެންނެވެ. މި ޕްރޮޖެކްޓްގެ ޑެލިވަރީ މުއްދަތަކީ ތިން އަހަރެވެ.
މި ޑީލްގެ ދަށުން ގަންނަ 155އެމްއެމް/52 ކެލިބަރުގެ ބަޑިތަކަކީ 45-48 ކިލޯމީޓަރުގެ ރޭންޖެއް ލިބިފައިވާ ބަޑިތަކެކެވެ. މި ބަޑިތައް އުފައްދާފައިވަނީ 2013 ވަނަ އަހަރުން ފެށިގެން ޑިފެންސް ރިސަރޗް އެންޑް ޑިވެލޮޕްމަންޓް އޯގަނައިޒޭޝަން (ޑީއާރުޑީއޯ) އިންނެވެ. މިހާރު މި ބަޑިތަކަކީ އެކްސްޕޯޓް ޑީލްތައް ހޯދާފައިވާ ބަޑިތަކެއް ކަމަށް ބެލެވެއެވެ.
އިންޑިއާ ސިފައިންގެ ފީލްޑް އާޓިލަރީ ރޭޝަނަލައިޒޭޝަން ޕްލޭން (އެފްއޭއާރުޕީ) ގެ ދަށުން 2027 ވަނަ އަހަރުގެ ނިޔަލަށް 155 އެމްއެމްގެ 2،800 ބަޑި ހޯދުމަށް ވަނީ ރޭވިފައެވެ. ނަމަވެސް، މި ޕްލޭން ވަނީ ލަސް ކުރެވިފައެވެ. 2023 ވަނަ އަހަރުގެ ކޮމްޕްޓްރޯލަރ އެންޑް އޯޑިޓަރ ޖެނެރަލްގެ ރިޕޯޓުން މި މަސައްކަތް އަވަސްކުރުމަށް ބާރުއަޅާފައިވެއެވެ.
އިންޑިއާގެ އާޓިލަރީ ޒަމާނީކުރުމުގެ މަސައްކަތް ލަސްވެފައިވަނީ މާޒީގައި ބޭރުގެ ވިޔަފާރިވެރިން ބައިވެރިވާ ކޮރަޕްޝަންގެ މައްސަލަތަކުގެ ސަބަބުންނެވެ. މީގެ ތެރޭގައި 1980 ގެ އަހަރުތަކުގެ ބޮފޯސް ރިޝްވަތުގެ މައްސަލަ ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން، ޑެނެލް އާއި ސިންގަޕޫރު ޓެކްނޮލޮޖީ ފަދަ ކުންފުނިތައް ބްލެކްލިސްޓް ކުރުމުގެ ސަބަބުން ދިހަވަރަކަށް އަހަރު ވަންދެން އިމްޕޯޓު ކުރުން އޮތީ ހުއްޓާލާފާއެވެ.



