ފޯޅަވަހި އޮންނަނީ، އީރާނުގެ ދެކުނު އައްސޭރިފަށުން ގާތްގަނޑަކަށް 3،900 ކިލޯމީޓަރު (2،400 މޭލު) ދުރުގައެވެ. ފޯޅަވައްސަކީ އެމެރިކާ-ޔޫކޭގެ ސްޓްރެޓެޖިކް އަސްކަރީ މަރުކަޒެވެ.
ތެހެރާނުގައި އަސްކަރީ ޕެރޭޑެއްގައި އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް ކޯޕްސްގެ އިސް ކޮމާންޑަރަކު ވިދާޅުވެފައި ވަނީ އީރާނަށް ހަމަލައެއް ދީފިނަމަ އީރާނަށްވެސް ފޯޅަވައްސަށް ހަމަލަ ދެވިދާނެ ކަމަށެވެ.
މިހާތަނަށް އެމެރިކާއިން ދީފައިވާ ހަމަލަތަކުގައި އެމެރިކާއަށް އެދެވޭ މިންރަކަށް އެއްވެސް ފަރާތަކުން ގެއްލުން ދީފައެއް ނުވެއެވެ. ނަމަވެސް އީރާނުން އަމާޒު ހިފާފައި ވަނީ އެ ވިސްނުން ބަދަލުކޮށް އީރާނަށް ހަމަލަ ދީފިނަމަ އެމެރިކާ ހިތު ޖެހޭ މިންވަރަށް ގެއްލުން ދޭށެވެ.
"އަޅުގަނޑުމެންގެ ދިފާއީ ގާބިލްކަން މިހާރު އިންޑިއާ ކަނޑު ހުރަސްކޮށް ވެސް ހަމަލަ ދެވޭ ވަރަށް ފުޅާވެފައި ވަނީ،" އަލަށް ތަރައްގީކުރި މިސައިލް ސިސްޓަމްތަކާއި ޑްރޯން ޓެކްނޮލޮޖީގެ ސަބަބުން އީރާނުގެ ހަމަލާދޭ ސަރަހައްދު ވަރަށް ބޮޑަށް ފުޅާވެފައިވާ ކަމަށް ކޮމާންޑަރު ވިދާޅުވި އެވެ. "މި ސަރަހައްދުގައި އެމެރިކާގެ އެއްވެސް އަސްކަރީ އެސެޓެއް އަޅުގަނޑުމެންގެ އަތްފޯރާފަށުން ބޭރުގައި ނެތް" އީރާނުން ޔަގީންކަން ދެއެވެ.
އެމެރިކާއިން އުދުވާނީ ހަމަލައެއް ދީފިނަމަ ހުރުމުޒު ކަނޑުއޮޅީގައި އަދި ރެޑްސީގައިވެސް އެމެރިކާ މަނަވަރުތަކަށް ނުރައްކާ ވާނެއެވެ. އަދި ގަލްފް ސަރަހައްދުގައި އެމެރިކާއަށް ވާގިވާ ގައުމުތަކުގައި ހަދާފައިވާ މަރުކަޒުތަކަށްވެސް ހަމަލަ ދިނުމުގެ ހައްގު އީރާނަށް ލިބިގެންވާނެއެވެ.
އީރާނުން ފޯޅަވައްސަށް ހަމަލަ ދިނުމަށް ބޭނުން ކުރާނީ ބެލެސްޓިކް މިސައިލެވެ. އީރާނުގެ ބެލެސްޓިކް މިސައިލް ފޯޅަވައްސަށް ފޯރުމަށްޓަކައި އޭގައި އުފުލާ ގޮވާތަކެތީގެ ބަރުދަން ލުއި ކުރަން ޖެހޭނެއެވެ.
ލަފާ ކުރެވޭ ގޮތުގައި ފޯލަވައްސަށް ހަމަލަ ދިނުމަށް އީރާނުން ބޭނުން ކުރާނީ ޚުއްރަމްޝަހަރު މިސައިލް ޕްރޮގްރާމްގައި އަޕްގްރޭޑް ކޮށްފައިވާ މިސައިލްތަކާއި ޝާހިދު-136ބީ ކަމިކާޒޭ ޑްރޯން ތަކެވެ.
އޭގެ އިތުރުން ކަނޑުމަގުން ހަމަލަ ދިނުމަށް އީރާނުން ބޭނުން ކުރާނީ ދާދި ފަހުން ޚިދުމަތަށް ނެރެފައިވާ ޝާހިދު މަހުދާވީ ޑްރޯން އުފުލާ މަނަވަރެވެ. އެއްގަމު މަގަށް ވުރެން ބޮޑަށް ކަނޑުގައި މަނަވަރުތައް ބޭނުންކޮށްގެން ހަމަލައެއް ދީފިނަމަ އީރާނަށް ކާމިޔާބު ވާނެ ކަމަށް ބެލެވެއެވެ.
ޔުކްރެއިން ހަނގުރާމައިގައި ރަޝިޔާ ރުއްސުމަށްފަހު އެމެރިކާއިން ވަނީ އީރާނަށް ހަމަލަ ދޭން ހިތު ނިޔަތް ގަނެފައެވެ. ފާއިތުވި ހަފްތާތަކުގައި އެމެރިކާއިން ވަނީ ޑިއޭގޯ ގާސިއާއަށް އިތުރު އެސެޓްތަކެއް ފޮނުވާލާފަ އެވެ.
ހުޅަނގު މީޑިއާއާއި އެމެރިކާއާއި އިޒްރޭލު މީޑިއާގައި މީހުންގެ ސަޕޯޓު ހޯދުމަށް ދައްކާ ވާހަކަތަކުގައި އީރާނުގެ ހަމަލަ ދިނުމުގެ ގާބިލުކަން ކުޑަ ކުރުމަށް އެކިކަހަލަ ދޮގު މައުލޫމާތުވެސް ފަތުރަމުން ގެންދެއެވެ.
އީރާނަށް ހަމަލަ ދިނުމަށް ޕާކިސްތާންގެ ވައިގެ ސަރަހައްދު ބޭނުން ކޮށްގެން ނުވާނެ ކަމަށް ބުނެފައި ވަނީ ޕާކިސްތާން ސަރުކާރުން އެކަންޏެވެ.
އީރާނަށް ހަމަލަ ދީފިނަމަ، އެމެރިކާއިން ކުރިމަތިލާނީ މީގެ ކުރިން ދުވަހަކުވެސް ކުރިމަތި ނުލާފަދަ ރައްދަކަށެވެ. މިއީ އެމެރިކާގެ ބާރުގެ ޓެސްޓަކަށް ވާނެއެވެ.





