މިއަދު ވާހަކަ ދައްކާނެ އެންމެ މުހިންމު ގައުމަކީ އެމެރިކާއެވެ. މިއަދު އެމެރިކާއިން ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކާނީ އެހީގެ ގާފިލާތައް ޣައްޒާއަށް ވެއްދުމަށް އިޒްރޭލުން ދެކޮޅު ހަދާތީ އެކަމާ ބެހޭ ގޮތުންނެވެ. އެވާހަކައަށް ފައްކާ ކުރުމަށް މިދިޔަ ދުވަސްތަކުގައި ޓްރަމްޕް ވަނީ ޣައްޒާއަށް އެހީ ވެއްދުމަށް ބާރުއަޅައި ބަޔާންތަކެއް ދީފައެވެ.
އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސްގައި މިހާރު ހިނގަމުންދާ އަޑުއެހުންތަކަކީ، ފަލަސްޠީނުގެ ބިން ހިފާފައިވާ ޔަހޫދީ އިސްތިއުމާރީ ބާރެއްގެ ހައިސިއްޔަތުން އިޒްރޭލުން ބައިނަލްއަޤްވާމީ ގާނޫނުގެ ދަށުން ފުރިހަމަ ކުރަން ޖެހޭ ޒިންމާތައް ފުރިހަމަ ނުކުރާތީ ދެކުނު އެފްރިކާއިން ހުށަހެޅި ދައުވާއާ ގުޅިގެން ލަސްލަހުން ކުރިއަށް ގެންދާ ޝަރީއަތެކެވެ.
ޣައްޒާއަށް އެހީ ވެއްދުން މަނާކޮށް ޔަހޫދީން ޣައްޒާ މީހުން ބަނޑަށް ޖައްސާތާ މިހާރު 50 ދުވަސްވީއެވެ.
މިއަޑުއެހުންތަކަކީ، އިސްތިއުމާރީ ބާރެއްގެ ހައިސިއްޔަތުން އިޒްރޭލުގެ ޒިންމާތަކާ ބެހޭ ގޮތުންނާއި؛ ރެފިއުޖީންނަށް އެހީވާ އުންރުވާއަށް އިޒްރޭލުން އަދާކުރަން ޖެހޭ ޒިންމާތަކާ ޚިލާފު ވުމުން ކުރިއަށް ގެންދާ ޝަރީއަތެކެވެ.
މޭ މަހުގެ 2 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ 5 ދުވަހުގެ ޝަރީއަތުގައި 40 ގައުމަކާއި ބައިނަލްއަގްވާމީ 4 އިދާރާއަކުން ޒަޔަނިސްޓު އިޒްރޭލާ ދެކޮޅަށް ވަކާލާތު ކުރާނެއެވެ.
ގައުމުތަކުން ބުނީ ކީކޭ؟
ދެކުނު އެފްރިކާއިން ފާހަގަ ކޮށްފައި ވަނީ، އިޒްރޭލުން ޣައްޒާ ހިސާރުކޮށް އިންސާނީ އެހީތަކަށް ގަސްތުގައި ހުރަސް އަޅާ ކަމަށާއި؛ ފަލަސްތީނުގެ މީހުން ނައްތާލުމަށް ޝަރުތުތައް ކަނޑައަޅައިގެން ޖެނޮސައިޑް ކޮންވެންޝަނާ ދެކޮޅަށް ކުރާ ކަންކަން ކުރާ ކަމަށާއި؛ ހިސާރަކޮށް އެހީގެ ސާމާނު ވެއްދިޔަ ނުދޭ ކަމަށާއި؛ ބަނޑަށް ޖައްސައި، ސިއްހީ ފަރުވާގެ ސާމާނު ވެއްދިޔަ ނުދޭ ކަމަށާއި؛ އުމްރާނީ ވަސީލަތްތައް ހަލާކުކޮށްލާ ކަމަށާއި؛ އިސްތިއުމާރީ ބާރެއްގެ ގޮތުން ޖެނީވާ މުއާހަދާގެ ދަށުން އަދާކުރަން ޖެހޭ ޒިންމާތައް ފުރިހަމަ ކުރުމަށް އިޒްރޭލުން ދެކޮޅު ހަދާ ކަމަށެވެ. އަދި އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން ޖެނުއަރީ 2024 ގައި ނެރެފައިވާ އަމުރަށްވެސް އިޒްރޭލުން ތަބާނުވާކަމަށާއި؛ އެހީގެ ސާމާނުތައް ވެއްދުމަށް ޓަކައި ބައިނަލްއަގްވާމީ ގޮތުން އަވަސް ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށެވެ.
ދެކުނު އެފްރިކާއަށް ފަހު، ދެވަނަ ދުވަހު ފަލަސްޠީނުގެ ވަކީލުންވެސް ވާހަކަ ދެއްކިއެވެ. ފަލަސްޠީނުގެ ވަކީލުން ކަމަށްވާ އައްމާރު ހިޖާޒީއާއި ޕައުލް ރެއިކާ ވިދާޅުވީ ޣައްޒާއަކީ ނިމުމެއް ނެތް މަރުގެ ދަންތުރައެއް ކަމަށެވެ. އަދި ޣައްޒާގެ ހާލަތު ނިމުމަކަށް ނައަންނަނީނަމަ، ހުޅަނގު އައްސޭރީގައިވެސް އިޒްރޭލުން ކަންކުރާނީ އެފަދައިން ކަމަށެވެ. އަދި އިޒްރޭލުން ހިންގަނީ ޖެނޮސައިޑް ކަމަށް ދެ ވަކީލުންވެސް ވިދާޅުވިއެވެ.
އަލްޖީރިއާއިން ވަކާލާތު ކުރަމުން ބުނެފައި ވަނީ އިޒްރޭލުން ޣައްޒާގައި އދގެ 408 މުވައްޒަފުން މަރާލާފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެހީދޭން އުޅޭ އުންރުވާގެ 300 ސްޓާފުން ހިމެނޭ ކަމަށެވެ.
ބެލްޖިއަމްއިން ވަކާލާތު ކުރަމުން ފާހަގަ ކުރީ އުންރުވާއަށް ޒަޔަނިސްޓުންގެ ސަރުކާރުން ހުރަސްއަޅާ މައްސަލައެވެ.
ސައޫދީ އަރަބިއްޔާއިންވެސް ވާހަކަ ދެއްކިއެވެ. ސައޫދީންގެ ވަކާލާތު ކުރުމުގައި ނަސްލު ނައްތާލުމުގެ ވަހަކައެއްވެސް އަދި "ޖެނޮސައިޑް" ބަސް ވެސް ބޭނުންކޮށްފައެއް ނުވެއެވެ. ނަމަވެސް އިޒްރޭލުން އެހީގެ ސާމާނު ވެއްދިޔަ ނުދޭތީ ޝަކުވާ ކުރިއެވެ. އަދި އެހީގެ ތަކެތި ވެއްދިޔަ ދޭނެ ނަމަ ހާލަތު މިހާރަށް ވުރެން ތަފާތުވަނެ ކަމަށް ބުނެ، ޑިޕްލޮމެޓިކް ބަހުރުވައެއް އިޚުތިޔާރުކުރިކަން ފާހަގަ ކުރެވެއެވެ.
އދ.ގެ ފަރާތުން ވަކާލާތު ކުރައްވަނީ ގާނޫނީ ވަކީލު އެލިނަރ ހަމަރސްކޯލްޑް އެވެ. ފުރަތަމަ ދުވަހުވެސް އަދި ދެވަނަ ދުވަހުވެސް އޭނާގެ ވަކާލާތު ކުރެއްވުމުގައި އިސްތިއުމާރީ ބާރެއްގެ ގޮތުން އިޒްރޭލުން އަދާކުރަން ޖެހޭ ޒިންމާތަކަށް ވާހަކަ ދެއްކެވިއެވެ.
އަރަބި ލީގު ޖަމުއިއްޔާއާއި މުސްލިމު ގައުމުތަކުގެ އޯއައިސީ ޖަމުއިއްޔާއިން ވަކާލާތު ކޮށްފައި ވަނީ ފަލަސްޠީނުގެ ޒާތީ މިނިވަންކަމާއި ސިޔާދަތު ލިބެން ޖެހޭނެ ކަމަށް ބުނެއެވެ.
ޔަހޫދުންގެ ދައުލަތުން ބުނީ ކީކޭ؟
ފަލަސްޠީނުގެ ބިމުގައި އިންދާފައިވާ ޒަޔަނިސްޓު ޔަހޫދުންގެ ދައުލަތުން އަޑުއެހުމަށް ހާޒިރެއް ނުވެއެވެ. އެއީ ޒަޔަނިސްޓުން ދުނިޔޭގެ ލަދަށް މި ޝަރީއަތްތަކުގައި އަބަދުވެސް ގެންގުޅޭ އުސޫލެވެ. ޔަހޫދުންގެ ނަސްލު ނައްތާލާ ޒަޔަނިސްޓު ސަރުކާރުން ވަނީ 38 ސަފްހާގެ ލިޔުމެއް ކޯޓަށް ހުށަހަޅާފައެވެ. އެ ލިޔުމުގައި ބުނެފައި ވަނީ ޔަހޫދީން "އެއްވެސް ތިން ވަނަ ފަރާތަކަށް އަދާކުރަން ޖެހޭ ޒިންމާއެއް ނޯންނާނެ ކަމަށެވެ." ޝަރީޢަތްތައް ހިނގަމުން ދިޔައިރު ޖެނޮސައިޑް ހިންގާ ޒަޔަނިސްޓު ޔަހޫދީންގެ ޚާރިޖީ ވަޒީރު ގީޑޮން ސާރް ވަނީ އިޒްރޭލުގައި މީޑިއާއަށް ބަޔާނެއް ދީފައެވެ. މި ޝަރީއަތްތައް އޭނާ ސިފަކޮށްފައި ވަނީ "ޗަރްކޭހެއް" ގެ ގޮތުގައެވެ. އާންމު ޔަހޫދީ އުސޫލުން އޭނާ ބުނީ މިއީ އިޒްރޭލަށް އަމިއްލަ ނަފްސުގެ ދިފާއުގައި ފިޔަވަޅު އެޅުމަށް ހުރަސް އެޅުމަށް ކުރާ ކަމެއް ކަމަށެވެ.
ކޮން ކަމަކަށް ވާހަކަ ދެކެވެނީ:
މި ޝަރީއަތުގައި ބަހުސް ކުރެވި އަލިއަޅުވާލެވޭ މުހިންމު ނުކުތާތަކަކީ؛
ބައިނަލްއަގްވާމީ ގާނޫނުގައި އިސްތިއުމާރީ ބާރެއްގެ ޒިންމާއާއި އެޒިންމާތަކުގެ ދަށުން ފެނާއި ކާނާއާއި ބޭސްފަރުވާގެ ސާމާނުތައް ރައްޔިތުންނަށް ލިއްބައި ނުދިނުމާއި؛
ފަލަސްޠީނުގެ ރެފިއުޖީންނާއި ބެހޭ އިދރާ އުންރުވާގެ ދައުރާއި ލިބިގެންވާ ޙިމާޔަތާއި؛
ޒާތީ މިނިވަންކަމާއި ޖުލައި 2024ގައި އެކޯޓުން ފާސްކޮށްފައިވާ ޙުކުމުގެ އަލީގައި އިޒްރޭލުގެ އިސްތިއުމާރު ކުރުމަކީ ގާނޫނާ ޚިލާފް އަމަލެއް ކަމަށާއި؛
އިންސާނީ ކާރިސާއެއް ކުރިމަތި ކުރުވުމަކީ ހަނގުރާމާއިގެ ޖަރީމާއެއް ކަމަށް ކަނޑައެޅުމެވެ. ދެކުނު އެފްރިކާއިން ދަނީ މި ނުކުތާއަށް ބާރުއަޅަމުންނެވެ.
އަލި މަގެއް ފެންނާނެތަ؟
މި އަޑުއެހުންތަކަށް ފަހު އަވަހަކަށް ޙުކުމެއް އަންނާނެ ކަމަށް ބަލައިގެން ނުވާނެއެވެ. އަދި ކޮންމެ ފަދަ ގޮތަކަށް ހުކުމް އައިނަމަވެސް މިހރު އޮތް ހާލަތަކަށް ބަދަލެއްވެސް ނާންނާނެއެވެ. އެއީ؛ އިޒްރޭލަކީ މި ކޯޓުގެ ނިންމުން ބަލައިގަންނަ ފަރާތެއް ނޫނެވެ. އަދި އިޒްރޭލުގެ ނަސްލުސާފުކޮށްލުމާއި ހަނގުރާމައިގެ ޖަރީމާތަކަށް ދީލަތިކަމާއެކު އެމެރިކާއާއި ޔޫރަޕުން ހަތިޔާރު ދެމުން ދިއުމެވެ؛ އަދި، އަރަބިން، ފަހަތު ސީޓުގައި ކުޅިބަލަން ތިބުމެވެ.
2024ގެ ޖުލައި މަހުވެސް މި ކޯޓުން ވަނީ އިޒްރޭލުން ފަލަސްޠީނުގެ ބިންތައް ހިފައިގެން އުޅެނީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ ހުކުމް ކޮށްފައެވެ. އެހުކުމަށް އިޒްރޭލުން ތަބާވެފައެއް ނުވެއެވެ.
ހުކުމުން ކުރާނެ ފައިދާއަކީ؛ އިޒްރޭލު ދުނިޔޭގެ މީހުންގެ ކުރިމަތީގައި އިތުރަށް ފަޟީހަތް ވުމެވެ. އަދި ބައިނަލްއަގްވާމީ އެހީ ދިނުގެ ސިޔާސަތު އެކުލަވާލުމުގައި އަމަލު ކުރާނެ މިންގަނޑުތަކެއް ކަނޑައެޅިގެން ދިއުމެވެ.






