އިލިނޮއިގައި އުމުރުން 6 އަހަރުގެ ފަލަސްތީނު ކުއްޖަކު މަރާލި 73 އަހަރުގެ މީހާއަށް 53 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.
އަޤްޟާޠޫފާންގައި ހަމާސްއިން އިޒްރޭލަށް ހަމަލަ ދިންތާ ދުވަސްތަކެއް ފަހުން، ނަސްލީ ނަފްރަތުގެ ހަމަލާއެއްގައި 6 އަހަރުގެ ފަލަސްތީނު ދަރިކޮޅުގެ އެމެރިކާ ކުއްޖަކު މަރާލި އެވެ.
މި ޖަރީމާ ހިންގި 73 އަހަރުގެ ޖޯސެފް ޗުބާ އަށް މި ހުކުމް އިއްވީ 6 އަހަރުގެ އަލްފައްޔޫމީ މަރާލުމާއި އޭނާގެ މަންމަ ހަނާން ޝާހީންއަށް ވަޅިން ހަމަލަ ދިނުމުންނެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ ޗުބާ މި ހަމަލާ ދިނީ "މުސްލިމުންނަށް ނަފްރަތު" ކުރުމާއި މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ކަމަށެވެ.
ހުކުމް އިއްވުމަށްފަހު، ކޯޓު ރޫމްގެ ބޭރުގައި އެކުއްޖާގެ ކާފަ މަހުމޫދު ޔޫސުފް ނޫސްވެރިންނަށް ބުނެފައި ވަނީ އެއްވެސް ހުކުމަކީ ހަމަހަމަ ހުކުމަކަށް ނުވާނެ ކަމަށާއި ޗުބާއަށް ލިބޭ ކޮންމެ އަދަބަކީ އާއިލާގެ ވޭނާއި އަޅާބަލާއިރު ކުޑަ މިންވަރެއް ކަމަށެވެ.
ޗުބާ ވަނީ ހުކުމް އިއްވުމުގެ އަޑުއެހުމަށް ކޯޓަށް ހާޒިރުވުމަށް އިންކާރު ކޮށްފައެވެ. އަދި އޭނާ ވަނީ ޝަރީއަތުގައި ބަޔާނެއް ދިނުމަށް ވެސް އިންކާރުކޮށްފައިވެއެވެ.
މި ހާދިސާ ހިނގާފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހު، ޝިކާގޯގެ ބޭރުން 40 މޭލު ދުރުގައި އޮންނަ ޕްލޭންފީލްޑް ސަރަހައްދުގައެވެ.
ޗުބާ ވަނީ ކުއްޖާގެ މަންމައަށް ވަޅިން 26 ހަމަލަ ދީފައެވެ. އޭނާ ބޭނުންކޮށްފައި ވަނީ ސިފައިން ބޭނުންކުރާ ވައްތަރުގެ ވަޅިއެކެވެ.
ޗޫބާ ހައްޔަރު ކުރުމުން އޭނާގެ އަންހެނުން ވަނީ އޭނާގެ ގާތުން ވަރިވެފައެވެ. އަދި އެ މީހާއަކީ މެދުއިރުމަތީގެ މީހުންނަށް ނަފްރަތު ކުރާ މީހެއް ކަމަށާއި އެހެންވެ އޭނާއާ އިނދެގެން އުޅެން ބޭނުން ނުވާކަމަށް ބުންޏެވެ.






