އަންހެން އޮފިސަރުން ކުރިއަށް ނެރެފި

ޕަހަލްގާމްގައި ހިނގި ހަމަލާގައި 26 އާންމު ރައްޔިތުން މަރުވުމާ ގުޅިގެން، ޕާކިސްތާނާއި ޕާކިސްތާނުގެ ބާރުގެ ދަށުގައިވާ ކަޝްމީރުގައި ހުރި 9 ޓެރަރިސްޓް ކޭމްޕަކަށް އަމާޒުކޮށް ހިންގި ހަމަލާ "އޮޕަރޭޝަން ސިންދޫރު" އާ ބެހޭގޮތުން އިންޑިއާގެ ސިފައިންނަށް މަޢުލޫމާތު ދެއްވާފައި ވަނީ ސިފައިންގެ އަންހެން އޮފިސަރުންނެވެ.

އެއީ ކާނަލް ސަފިއްޔާ ޤުރައިޝީ އަދި ވިންގ ކޮމާންޑަރ ވިޔޯމިކާ ސިންގއެވެ. އެ ދެ އޮފިސަރުންނާއެކު ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ ބައިވެރިވެ ވަޑައިގެންނެވިއެވެ. ދެ އޮފިސަރުންވެސް ވަނީ ޕްރެޒެންޓޭޝަން ހުށަހަޅުއްވާފައެވެ. މިއީ ސިފައިންގެ ތެރޭގައި އޮންނަ ހަމަހަމަކަން ދައްކުވައިދޭ ކަމެކެވެ.

ސިގްނަލްސްގެ ކޯޕްސްގެ ކާނަލް ޤުރައިޝީ، އޮޕަރޭޝަން ސިންދޫގެ ހަމަލާތަކުގެ ތަފްސީލު ކިޔައިދެއްވިއެވެ. މިއީ ޓެރަރިޒަމްގެ ޝިކާރައަކަށްވީ މީހުންނަށް އިންސާފު ހޯދައިދިނުމަށް ކުރެވުނު ކަމެކެވެ. އިތުބާރުހުރި އިންޓެލިޖެންސް ބޭނުންކޮށްގެން، ލަޝްކަރޭ ޠައްޔިބާ އަދި ޖައިޝޭ މުޙައްމަދާ ގުޅުންހުރި ކޭމްޕުތައް، އާންމު ރައްޔިތުންނަށް ގެއްލުމެއް ނުލިބޭގޮތަށް ނައްތާލެވުނު ކަމަށް ކިޔައި ދިނެވެ.

ކާނަލް ސަފިއްޔާ ޤުރައިޝީ މި އޮޕަރޭޝަން ކާމިޔާބުވިކަން ކަށަވަރުކޮށްދޭ މެޕްތަކާއި ވީޑިއޯ ފުޓޭޖް ދައްކުވައި ދެއްވިއެވެ. 2016 ގައި، ޤުރައިޝީއަކީ "އެކްސަރސައިޒް ފޯސް 18″ ގައި އިންޑިއާ އާމީގެ ކޮންޓިންޖެންޓެއް ލީޑް ކުރުވި ފުރަތަމަ އަންހެން އޮފިސަރެވެ. މިއީ ގިނަ ޤައުމުތަކުގެ ބައިވެރިވުމާއެކު ކުރިއަށް ގެންދެވުނު ތަމްރީނެކެވެ.

މި ބްރީފިންގގައި އިންޑިއާގެ ސިފައިންގެ ތެރޭގައި އަންހެނުންގެ ދައުރު އިތުރުވަމުންދާކަން ފާހަގަކުރެވުނެވެ. ޤުރައިޝީ އަދި ސިންގއަކީ ލީޑަރޝިޕާއި އެއްބައިވަންތަކަމުގެ ނަމޫނާއެވެ. އާމީ، ނޭވީ އަދި އެއަރ ފޯސްގެ ބައިވެރިވުމާއެކު 25 މިނެޓުގެ ތެރޭގައި ނިންމާލެވުނު އޮޕަރޭޝަން ސިންދޫރު ވަނީ "މިންކުރެވިގެން އަދި ފުޅާ ކުރުމަކާ ނުލައި" ހިންގުނު އޮޕަރޭޝަނެއްގެ ގޮތުގައި ސިފަކުރެވިފައެވެ.

ހިއްސާ ކުރައްވާ!