އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޤްޗީ ވަނީ އިންޑިޔާ އާއި ޕާކިސްތާނުގެ ދެމެދުގައި އުފެދިފައިވާ ހަމަނުޖެހުންތައް ކުޑަކުރުމަށާއި ދެކުނު އޭޝިޔާގައި އަމާންކަން ޤާއިމުކުރުމަށް އެހީތެރިވުމަށް އެ ޤައުމުގެ ތައްޔާރުކަން ފާޅުކުރައްވައިފިއެވެ. އިންޑިއާގެ ރައީސް ޑްރުޕަޑީ މުރުމުއާ އެކު ބޭއްވުނު ބައްދަލުވުމެއްގައި، އަރަޤްޗީ ވަނީ ހުރިހާ ބާވަތެއްގެ ޓެރަރިޒަމަށް އީރާނުން ދެކޮޅުހަދާކަން ފާހަގަކުރައްވަމުން، އޭޕްރީލް 22 ވަނަ ދުވަހު އިންޑިޔާގެ ކަޝްމީރުގެ ޕަހަލްގާމްގައި ހިނގި ޓެރަރިސްޓް ހަމަލާއެއްގައި ގިނަ ބަޔަކު މަރުވެދިޔަ ހާދިސާ އީރާނުން ކުށްވެރިކޮށް އިންޑިއާއަށް ހަމްދަރްދީވާ ކަމަށް ވިދާޅުވެފައެވެ.
ދެކުނު އޭޝިޔާގައި ސުލްޙަ އާއި ހަމަޖެހުން ޤާއިމުވުމަށް އީރާނުން ވަރަށް ބޭނުންވާކަމަށް އަރަޤްޗީ ވިދާޅުވިއެވެ.
އިންޑިޔާ އާއި ޕާކިސްތާނުގެ ދެމެދުގައި އުފެދިފައިވާ ހަމަނުޖެހުންތައް ކުޑަކުރުމަށާއި ދެކުނު އޭޝިޔާގައި އަމާންކަން ޤާއިމުކުރުމަށް އެހީތެރިވުމަށް އީރާނުން ތައްޔާރަށް ހުރިކަމަށް އޭނާ ވިދާޅުވިއެވެ. އިންޑިޔާގެ ރައީސް ވަނީ އީރާނުގެ ހެޔޮބަސްތަކަށް ތަޢުރީފުކުރައްވާފައެވެ. އަދި އިންޑިޔާ އާއި އީރާނުގެ ގުޅުމަކީ ވަރުގަދަ ޘަޤާފީ އަދި ތާރީޚީ ބިންގަލެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަމަށާއި، މިދިޔަ 75 އަހަރުގެ ތެރޭގައި މި ގުޅުން އަބަދުވެސް ކުރިއަރަމުން އައިސްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
އޭޕްރީލް 26 ވަނަ ދުވަހު އީރާނުގެ ދެކުނުގައި އޮންނަ ޝަހީދު ރަޖާއީ ބަނދަރުގައި ހިނގި ގޮވުމުގައި މަރުވެދިޔަ މީހުންނަށް މުރުމު ވަނީ ހަމްދަރުދީ ފާޅުކުރައްވާފައެވެ.






