މުސްލިމުން ބިނާ ކުރަން އުޅޭ ހައުސިންގ ޕްރޮޖެކްޓަކަށް އެމެރިކާ ސަރުކާރުން ދަނޑި ބާނައިފިއެވެ. އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްއިން ވަނީ ޓެކްސާސްގެ ޖޮސެފީން ސިޓީގައި އީސްޓް ޕްލާނޯ އިސްލާމިކް ސެންޓަރ (އެޕިކް) އިން ހިންގާ މުސްލިމުންގެ "އެޕިކް ސިޓީ" ގެ މަޝްރޫޢުގެ މަދަނީ ޙައްޤުތަކުގެ ތަޙުޤީޤެއް ފަށާފައެވެ. 402 އޭކަރުގެ މި މަޝްރޫޢަކީ މިސްކިތަކާއި، އިސްލާމީ މަދަރުސާއަކާއި، 1000 އަށްވުރެ ގިނަ ގެ ހިމެނޭ "ދިރުންހުރި، އެކުވެރި މުޖުތަމަޢުއެއް" ގެ ގޮތުގައި ތަޞައްވުރުކުރެވިފައިވާ މަޝްރޫޢެކެވެ.
މި މަޝްރޫޢާ ގުޅޭގޮތުން ޓެކްސާސްގެ ގަވަރނަރު ގްރެގް އެބޮޓް އަދި ސެނެޓަރު ޖޯން ކޯނިން ފަދަ އިސް ވެރިން ވަނީ ސުވާލު އުފައްދާފައެވެ. އެމެރިކާގައި ޔަހޫދީންނާއި ނަސާރާއިން ވެސް އެމީހުންގެ އަމިއްލަ މިފަދަ ހައުސިންގ ޕްރޮޖެކްޓްތައް ހިންގައެވެ، ނަމަވެސް މި ފަހަރު މުސްލިމުން މިފަދަ ކަމސައްކަތެއް ފެށުމުން ވަނީ އެކަމާ ދެކޮޅު ހަދާފައެވެ.
ދެކޮޅު ހަދާ ޒަޔަނިސްޓުންގެ ސަޕޯޓަރުން ބުނާ ގޮތުގައި މި މަޝްރޫޢުގެ ސަބަބުން ޔަހޫދީންނާއި ކްރިސްޓިއަނުންގެ މައްޗަށް މުސްލިމުންނަށް ބާރު ލިބި ތަފާތުކުރަން ފުރުސަތު ލިބޭނެއެވެ. އަދި އެފަރާތްތަކުގެ ޤާނޫނީ ޙައްޤުތަކަށް އުނިކަން އަތުވެދާނެ ކަމަށެވެ.
ކޯނިން ވަނީ އެޓަރނީ ޖެނެރަލް ޕާމް ބޮންޑީއަށް މި މައްސަލަ ތަޙުޤީޤުކުރުމަށް ގޮވާލާފައެވެ. އެގޮތުން އޭނާ ފާހަގަކޮށްފައިވަނީ "ދީނީ ތަފާތުކުރުން" އަދި އިސްލާމީ ޝަރީޢަތް ތަންފީޒުކުރުމުގެ ފުރުސަތު އޮތް ކަމަށެވެ. އަދި މުސްލިމުންނަށް އެކަމަށް ފުރުސަތު ދެވިގެން ނުވާނެ ކަމަށެވެ.
އެޕިކްގެ ވަކީލު ޑޭން ކޮގްޑެލް ބުނާ ގޮތުގައި މިއީ އެއްވެސް އަސާސެއް ނެތް ދަޢުވާތަކެއް ކަމަށެވެ.
މި މައްސަލައިގައި އެމެރިކަގެ މުސްލިމުންގެ ކައުންސިލް އޮން އެމެރިކަން-އިސްލާމިކް ރިލޭޝަންސް (ކެއަރ) އިން ބުނާ ގޮތުގައި މި ތަޙުޤީޤަކީ މުސްލިމުންނާ ދެކޮޅަށް ގެންގުޅޭ ތަޢައްޞުބުގެ އަމަލުތަކުގެ ނަތީޖާއެކެވެ. އެ ފަރާތުން ފާހަގަކުރާ ގޮތުގައި ސިނަގޯގުތަކާއި ޗާޗުތަކުގެ ވަށައިގެން ތަރައްޤީކުރެވޭ މިފަދަ ޔަހޫދީ އަދި ކްރިސްޓިއަން އާބާދީ އާއި ބަސްތީ މުޖުތަމަޢުތަކާ ދެކޮޅަށް މިފަދަ އިޢުތިރާޟުތަކެއް ކޮށްފައެއް ނުވެއެވެ.
ކެއަރއިން ޓެކްސާސްގެ އިސް ވެރިންގެ މައްޗަށް ތުށް ތުހުމަތުކުރަނީ "ޒޯނިންގގެ މަގްސަދު ބޭނުންކޮށްގެން ފުރައްސާރަ" ކުރުމާއި މުސްލިމުންގެ ޙައްޤުތަކަށް އަރައިގަތުމުގެ ތުހުމަތެވެ. އެޓަރނީ ޖެނެރަލް ކެން ޕެކްސްޓަން އާއި އެހެން ފަރާތްތަކުން އެޕިކްގެ ޙަރަކާތްތަކާ ގުޅޭގޮތުން ގިނަ ތަޙުޤީޤުތަކެއް ކުރިއަށް ގެންގޮސްފައިވާކަން ކެއަރއިން ފާހަގަކުރެއެވެ. އޭގެ ތެރޭގައި ޤާނޫނާ ޚިލާފަށް އެފަރާތްތަކުން ގިނަކަންކަން ކޮށްފައިވާ ކަމަށް ބުނެއެވެ.





