ޤަތަރުގެ އަމީރުގެ ޝާހީ މަތިންދާބޯޓަކީ އެ ބޯޓުގެ އެތެރެ ދުށް މީހުން ސިފަ ކުރާގޮތުގައި ވައިގެ ތެރޭގައި ގަނޑުވަރެކެވެ. ޓްރަމްޕް ދުއްވަން ބޭނުންކުރާ އެމެރިކާގެ އެއާފޯސް ވަން އަކީ އެ ގަނޑުވަރު ބޯޓާ އަޅާ ބަލާއިރު އެއްޗެއް ނޫނެވެ.
ޓްރަމްޕް ދުއްވާ އެއާފޯސް ވަން އަކީ 30 އަހަރަށް ވުރެން ގިނަ ދުވަސްވެފައިޥާ ބޯޓެކެވެ. އޭގެ ދެ ބޯޓު އޮވެއެވެ. އެކަތި އަބަދު އޮންނަނީ މަރާމާތުގައެވެ. ޓްރަމްޕްގެ ބޭނުމަށް ދުއްވާ ބޯޓަކީވެސް ބައުވެ ޕެޗް އަޅާފައިވާ ބޯޓެކެވެ.
ޓްރަމްޕްގެ ކުރީ ދައުރުގައި އުފައްދަން ބޮއިން ކުންފުންޏާ ހަވާލު ކުރި ބޯޓު އަދި ނިމޭނެ ކަމަށް ލަފާ ކުރެވެނީ 2027 ގައެވެ. އެކަމަކުވެސް އެ ބޯޓު ޤަތަރުގެ އަމީރުގެ ބޯޓާ އެއް ފެންވަރުގެ ބޯޓެއް ކަމުގައި ނުވާނެއެވެ.
ޓްރަމްޕް ބޭނުންވީ އެއާފޯސް ވަން ގެ ބަދަލުގައި ވަގުތީ ގޮތުން ދުއްވާނެ ބޯޓެއް ހޯދާށެވެ. އެކަން ޓްރަމްޕްގެ އައުވާނުންނަށް އެންގިއެވެ. އެއިން އެކަކަކީ މެދުއިރުމަތީގެ ކަންކަމުގައި އަތްގާތްކޮށްދޭ ރިއަލްއެސްޓޭޓްގެ ވިޔަފާރީގައި އުޅޭ ނިއުޔޯކުގެ ޔަހޫދީއެއް ކަމަށްވާ ސްޓީވް ވިޓްކޯފް އެވެ.
ވިޓްކޯފް އަކީ ޤަތަރުގެ އަމީރާ ފޯނުން ގުޅައި ވާހަކަ ދެއްކޭ ވަރުގެ ޕަވަރު ހުރި މީހެކެވެ. ޓްރަމްޕް ބޯޓެއް ބޭނުން ވެގެން އުޅޭކަމުގެ ވާހަކަ ވިޓްކޯފު ކިޔައި ދިނީ ޤަތަރުގެ އަމީރަށެވެ. އަމީރު ވިދާޅުވީ އޭނާގެ "ވައިގެތެރޭގެ ގަނޑުވަރު" ޓްރަމްޕަށް ދެއްވިދާނެ ކަމަށެވެ. ކިހާވަރަކަށްތޯ ވިޓްކޯފް އަހާލުމުން އަމީރު ވިދާޅުވީ، ހިލޭ ގެންދާށެވެ! ޓްރަމްޕަށް ހިލޭ އެއާފޯސް ވަންއެއް ލިބުނީއެވެ. ފޮޓޯއިން ވައިގެ ތެރޭންމި ފެންނަނީ އެ ބޯޓެއް.
ޓްރަމްޕަކީ ރަނުން ޖަރީކޮށްފައިވާ ސާމާނަށާއި މަތީފެންވަރުގެ ސާމާނަށް ޝައުވެރިކަން ހުންނަ އިންސާނެކެވެ. ޓްރަމްޕް އެދުނީ އަމީރުގެ ވައިގެ ތެރޭ ގަނޑު ބަލާލާށެވެ. އެ ބޯޓު ފްލޮރިޑާއަށް ޓްރަމްޕަށް ދައްކާލަން ފޮނުވުމުން ވަރަށް ގަޔާ ވެއްޖެއެވެ. އަދި އެވަރުގެ އެއްޗެއް ހިލޭ ލިބޭތީ އެއަށް ވުރެން ގަޔާވިއެވެ.
ޓްރަމްޕް ނިންމީ އޭނާގެ ދައުރުގައި މި ބޯޓު އޭނާގެ ރިއާސީ އުދުހޭ ބޯޓުގެ ގޮތުގައި ބޭނުން ކުރުމަށްފަހު އޭނާގެ ވެރިކަމުގެ ދައުރު ނިމުމުން އޭނާގެ ރިއާސީ މިއުޒިއަމާއި ލައިބްރަރީގައި މީހުންނަށް ދައްކާލަން އެ ބޯޓު ބާއްވާށެވެ.
މި ބޯޓު މިހާރު ވަނީ ޓެކްސަސްގެ ސެން ބަރނަރޑް އެއާޕޯޓުގައި ބާއްވައިގެން ޓްރަމްޕް ކަހަލަ ދޮށީ އުމުރުގެ މީހަކާ ގުޅޭ ގޮތަށް ފާޚާނާއާއި ނިދާ ކޮޓަރި ބަދަލު ކުރުމަށް މަރާމާތުގެ މަސައްކަތް ފަށާފައެވެ.
"އުޑުމަތީގައި ގަނޑުވަރެއް" ކަމަށްވާ ބޮއިން 747-8 ބޯޓު ޓްރަމްޕަށް ހިލޭ ލިބޭތީވެ ވާދަވެރިން ދަނީ ޒާތްޒާތަށް ވާހަކަ ދައްކަމުންނެވެ. ޓްރަމްޕް އެއަށްވުރެން މާބޮޑަށްވެސް ހަން ބޯކަން ޔަގީނެވެ.





