ރިޔާސީ ކޮމިޝަނުން ރައުދާ ސުވާލުކޮށްފި

ފުލުހުންގެ ބަންދުގައި ހުރި ރައުދު އަހުމަދު ޛިލާލާ ރިޔާސީ ކޮމިޝަނުން މިއަދު ބައްދަލުކޮށް ސުވާލުކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ ރިޔާސީ ކޮމިޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައެވެ. ރައުދު ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު، ހ. ފެންޓެނޯއީ  ޖެހިގެން ހުރި ގުދަނެއްގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައާ ގުޅިގެންނެވެ.

ރައދު ހުރީ ފުލުހުންގެ ބަންދުގައެވެ. ރައުދުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފުރަތަމަ ފަސް ދުވަހަށް ބަންދުކުރިއެވެ. އޭގެ ފަހުން، 10 ދުވަސް އަދި މިދިޔަ ހޮނިހިރު ދުވަހު އިތުރު 10 ދުވަހަށް ބަންދު މުއްދަތު އިތުރުކޮށްފައި ވެއެވެ.

ހާދިސާގައި އަނިޔާވި ހައްވާ ޔުމްނު ރަޝީދަށް ފުރަތަމަ އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށްފަހު، މިހާރު ފަރުވާ ދެމުންދަނީ މެލޭޝިއާގެ ހޮސްޕިޓަލެއްގައެވެ. ޔުމްނުގެ އާއިލާއިން ބުނެފައިވަނީ އޭނާ އިމާރާތުގެ މަތިން ފުންމާލީ ނޫން ކަމަށާއި، އެއީ ބަޔަކު ކުރި ކަމެއް ކަމަށެވެ.

މި ހާދިސާ ހިނގި ރޭ ޔުމްނު ފެންޓެނޯއީއަށް ދިޔައީ ހ. މީނާޒު ގޭގެ ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު ދިން ދައުވަތަކަށެވެ. ޔައްސާރަކީ މި މައްސަލައާ ގުޅިގެން ފުލުހުން ފުރުން މަނާކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނޭ ފަރާތެކެވެ.

ހިއްސާ ކުރައްވާ!