ފޮރިން މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލް މިއަދު ކުވެއިތަށް ވަޑައިގަތުމުން ކުވެއިތުގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޢަލީ އަލްޔަޙްޔާ ވަނީ މިނިސްޓަށް ހޫނު މަރުހަބާއެއް ވިދާޅުވެފައެވެ. މިނިސްޓަރ ޑރ. ޚަލީލުގެ މިދަތުރުފުޅަކީ، ކުވެއިތު މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޢަލީ އަލްޔަޙްޔާގެ ދަޢުވަތަކަށް ކުވެއިތަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި، ފޮރިން މިނިސްޓަރ ޑރ. ޚަލީލް ވަނީ ކުވެއިތުގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޢަލީ އަލްޔަޙުޔާ އާއެކު ރަސްމީ މަޝްވަރާތައް ބާއްވަވާނެއެވެ. އަދި ދިވެހިރާއްޖެއާއި ކުވެއިތާ ދެމެދު އޮންނަ ދިގު މުއްދަތުގެ ގާތް އުޚުއްވަތްތެރި ގުޅުން ބަދަހި ކުރެއްވުމަށް މަޝްވަރާތައް ބާއްވަވާނެއެވެ.
ރާއްޖެއާއި ކުވެއިތުގެ ގުޅުމަކީ އެއް ޤައުމުން އަނެއް ޤައުމަށް އިޙްތިރާމްކުރުމާއި އިސްލާމީ ސަގާފީ ތަރިކައިގެ މައްޗަށް ބިނާވެފައިވާ ގުޅުމެކެވެ. އަދި މީގެ އިތުރުން ދެ ޤައުމުގެ މެދުގައި ކުރިމަގުގައި އިތުރު އެއްބާރުލުން ދެވިދާނެ ދާއިރާތަކާ ބެހޭ ގޮތުންވެސް މިނިސްޓަރ މަޝްވަރާ ކުރައްވާނެއެވެ.
މި ދަތުރުފުޅުގައި، މިނިސްޓަރ ޑރ. ޚަލީލް ކުވެއިތުގެ މިނިސްޓަރ އޮފް ކޮމާސް އެންޑް އިންޑަސްޓްރީ، މިނިސްޓަރ ފޮރ އިންވެސްޓްމަންޓް، މިނިސްޓަރ އޮފް ފައިނޭންސް އަދި ކުވެއިތުގެ ދައުލަތުގެ ކުރިއަށް ތިއްބެވި އެހެނިހެން އިސް ބޭފުޅުންނާ ބައްދަލުކުރައްވާ، ދެ ޤައުމުގެ މެދުގައި ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއިން އިތުރު އެއްބާރުލުން ހޯއްދެވުމަށާއި އިޤްތިޞާދީ ގުޅުން ބަދަހިކުރެއްވުމުގެ ފުރުޞަތުތަކާ ބެހޭ ގޮތުންވެސް މަޝްވަރާ ކުރައްވާނެއެވެ.
ކުވެއިތަކީ ޒަމާނުއްސުރެން، ދިވެހިރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެކެވެ. ކުވެއިތުން ވަނީ އަހަރުތަކެއް ވަންދެން ދިވެހިރާއްޖެއަށް ދީލަތިކަމާއެކު އެހީތެރިކަމާއި އެއްބާރުލުން ދެއްވާފައެވެ. އެގޮތުން، އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަކުރުމަށް ކުވެއިތު ފަންޑް ފޮރ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓުން ދެއްވާފައިވާ އެހީއާއި، 2024 ވަނަ އަހަރު ކުޑަ ރަށްރަށުގެ ހަސްފަތާލް ތަރައްޤީކުރުމުގެ މަޝްރޫޢަށް ލޯނު ފެސިލިޓީގެ ދަށުން ދެއްވާފައިވާ އެހީތެރިކަމެވެ.
މިނިސްޓަރުގެ އަރިހު މި ދަތުރުފުޅުގައި މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ ޚަދީޖާ ނަޖީހާވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.




