އެރިކާ ރައީސް ޓްރަމްޕަށް ސައޫދީން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. ރިޔާޟްގެ ކިންގް ޚާލިދު އެއާޕޯޓުން ޓްރަމްޕަށް މަރުޙަބާ ވިދާޅުވީ ވަލީ ޢަހުދު މުހައްމަދު ބިން ސަލްމާން އެވެ.
ރައީސް ޓްރަމްޕް ސައުދީ އަރަބިއްޔާއަށް ކުރެއްވާ ދަތުރުފުޅާ ދިމާކޮށް ރިޔާމްގެ މަގުތަކުތައް ޒީނަތްތެރި ކޮށްފައި ވަނީ ސައޫދީ އެމެރިކާގެ ދިދަތަކުންނެވެ. ސައުދީ މިޑިއާއިން ވެސް ވަނީ ޚާއްސަ ކަވަރޭޖެއް ފަށާފައެވެ. މިއީ ސައުދީން ދެކޭ ގޮތުގައި އެގައުމަށް ޒިޔާރަތް ކުރާ އެންމެ މުހިންމު ވީއައިޕީއެވެ.
މީޑިއާއިން ވަނީ ދެގައުމުގެ ގުޅުމާ ބެހޭ ގޮތުން ޚާއްސަ ކަވަރޭޖެއް ދީ ދެ ގައުމުގެ ދެމެދު ވިޔަފާރި މުއާމަލާތާ ގުޅޭ ޑޭޓާ ހާމަކޮށްފައެވެ.
- ސައުދީ އަރަބިއްޔާއިން އެމެރިކާގައި 75 ބިލިއަން ޑޮލަރު އިންވެސްޓް ކޮށްފައި ވެއެވެ.
- އެމެރިކާއިން ސައުދީގައި 54 ބިލިއަން ޑޮލަރު އިންވެސްޓް ކޮށްފައި ވެއެވެ.
- ސައޫދީން ވަނީ 2024 ވަނަ އަހަރު 12.8 ބިލިއަން ޑޮލަރުގެ މުދާ އެމެރިކާއަށް އެކްސްޕޯޓު ކޮށްފައެވެ.
- އެމެރިކާއިން ސައޫދީއަށް 19.7 ބިލިއަން ޑޮލަރުގެ މުދާ ސައޫދީއަށް އެކްސްޕޯޓުކޮށްފައި ވެއެވެ.
- ސައޫދީގައި އޮޕަރޭޓް ކުރާ އެމެރިކާ ކުންފުނިތަކުން 80 މީހުންނަށް ވަޒީފާ ދީފައި ވެއެވެ. އެއިން 44 ހާސް މީހުންނަކީ ސައޫދީ މީހުންނެވެ.
- އެމެރިކާގެ 1266 ކުންފުނިން ސައޫދީގައި ވިޔަފާރިކުރުމަށް ހުއްދަ ނަގާފައި ވެއެވެ.
ސައޫދީއަށް ޓްރަމްޕް ކުރައްވާ ދަތުރުފުޅު ބަލާފައި ވަނީ އިގްތިސާދީ ޑިޕްލޮމެސީގެ މުހިންމު ދަތރުފުޅެއްގެ ގޮތުގައެވެ. މި ދަތުރުފުޅުގައި ޤަތަރާއި ޔޫއޭއީއަށްވެސް ޓްރަމްޕް ވަޑައިގަންނަވާނެއެވެ. އަދި ޔުކްރެއިންގެ ސުލްހައަށް ޕޫޓިންއާއި ޒެލެންސްކީ އިސްތަންބޫލްގައި ބައްދަލު ކުރައްވާނަމަ ޓްރަމްޕް އިސްތަންބޫލަށްވެސް ބުރާސްފަތި ދުވަހު ވަޑައިގަންނަވާނެއެވެ.
ޓްރަމްޕްގެ ދަތުރުފުޅުގައި އެންމެ ބޮޑަށް މީޑިއާއިން ފާރަވެރި ވަނީ ޓްރަމްޕް ފަލަސްޠީނާ ބެހޭ ގޮތުން އިއުލާން ކުރައްވަފާނެ ސިޔާސަތަކަށެވެ.



