ރާއްޖޭގައި އިންސާނީ ވަގުފާރީގެ ޖަރީމާ މޫލާފައިވާ މިންވަރު އެނގެނީ އުމުރުން 34 އަހަރުގެ ބަންގްލަދޭޝްގެ ޝަހާދަތު ހުސައިންގެ، ފުލުހުން ހާމަ ކުރި ވަނަވަރުންނެވެ. އޮފީސް ބޯއިއެކެވެ. ދިރިއުޅުނީ 18 ހާސް ރުފިޔާގެ ދެ ކޮޓަރީގެ އެޕާޓްމެންޓެއްގައެވެ. މިއީ މަނީލޯންޑާ ކުރުމަށް ވުރެން ބޮޑު މައްސަލައެކެވެ. 2014 ން ފެށިގެން ރާއްޖޭގައި އުޅެފައިޥާ މީހަކަށް މިވަރުގެ އޮޕަރޭޝަނެއް ހިންނޭގީ އެތެރެއިންނާއި މަސްއޫލުވެރި ބަޔަކު އަތް ގާތްކޮށްދީގެންނެވެ.
ޝަހާދަތުގެ ޖަރީމާގެ ވަނަވަރާއެކު ފުލުހުން ހާމަކޮށްފައިވާ މުހިންމު މާއުލޫމާތުން އެނގެނީ ސަރުކާރުގެ އެކްސްޕެޓް ވިއުގައިގެ ތެރޭން އޭނާ ހިންގާފައިވާ މުއާމަލާތްތަކަކީ އޮފީސް ބޯއި ޝަހާދަތަށް ހިންނޭ ވަރަށް ވުރެން ބޮޑު ކަމެއް ކަމަށެވެ.
3ހާސް ޑޮލަރު މުސާރައަށް ލިބޭކަމަށް ބުނެފައިވާ ޝަހާދަތު ވަނީ އެކްސްޕެޓް ސިސްޓަމްގެ ތެރޭން އެއް މިލިއަން ރުފިޔާ އަނބުރާފައެވެ. އަދި ބޭންކުގައި 8 މިލިއަން ރުފިޔާ އަނބުރާފައެވެ. ދިވެއްސަކު 10 ރުފިޔާ ޖަމާކުރިއަސް ގައުމީ ބެންކު އޮފް މޯލްޑިވްސްއިން އެ ފައިސާ ހޯދިގޮތް ޔަގީން ކުރަން ބޭނުންވާއިރު ޝަހާދަތުގެ މި ޖަރީމާ ބެންކަށް ނޭނގި ދިޔައީ ބެންކުގެ ދައުރެއް ނެތި ތޯ ސުއާލު އުފެދެއެވެ. އަދި ހަމައެގޮތަށް އެކްސްޕެޓް ސިސްޓަމްގައި މިކަން ފްލެގް ނުވީ އެތާނގައި ތިބި މީހުންނަށް ވާނުވާ ނޭނގިގެން ބާވައެވެ؟
ޥޝަހާދަތު ގެނައި ބިދޭސިންނަށް ވަޒީފާ ދިން، ޝަހާދަތުގެ ކަސްޓަމަރުންނާއި ފަސޭހައިން އެމީހުންގެ ވާކްޕާމިޓް ހައްދައިިން މަސްއޫލުވެރިންނަކީވެސް ސުއާލުން ރެކެވޭނެ ބައެއް ނޫންކަން ޔަގީނެވެ!
މި މައްސަލައިގައި ދިވެހި ފަރުދުންނާއި އަދި އިމިގްރޭޝަން މުވައްޒަފުން ޝާމިލްވާކަން ފުލުހުން ވަނީ ކަށަވަރު ކޮށްދީފައެވެ. މިއީ އިންސާނީ ވަގުފާރީގެ ޖަރީމާތައް ދައުލަތުގައި ތެރޭގައި މޫލާފައިވާ މިންވަރު އަންގައިދޭ ހެއްކެކެވެ. ޝަހާދަތުގެ ފޯނުން ފެނުނު ލިއެކިއުންތަކުންނާއި، ޗެޓްލޮގުތަކުން ފުލުހުންނަށް ލިބިފައިވާ މައުލޫމާތަށް ބަލައި އެކަން ވަކި މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ފުލުހުން ނިންމި ނިންމުމަކީ އިންސާނީ ވަގުފާރީގެ މައްސަލައަށް ދޭ ސީރިއަސްކަން ހާމަވާ ކަމެކެވެ.
ފުލުހުން މި މައސަލައިގެ ތަޙުގީގު ކުރިއަށް ގެންދިޔަ ގޮތުގެ މައުލޫމާތު ދެމުން ގިނަ ބަޔަކާ ސުއާލުކޮށް ބަޔާން ނަގާފައިވާ ކަމަށް ބުންޏެވެ. އަދި ފޯނާއި އިލެކްޓްރިކް ސާމާނުތަކުން ހެކި ހޯދިކަމަށް ބުނެއެވެ.
ޝަހާދަތުގެ އަތުން ފެނުނު ފޯނާއި ލެޕްޓޮޕުން ފެނުނު ތަކެތި އަދި މުއާމަލާތުގެ ވަނަވަރު:
- އެކި ކުންފުނީގެ ރަޖިސްޓްރީއާއި ލޯގޯ، ސްޓޭމްޕާއި ވޯކް ޕާމިޓް ކޯޓާ ނެގުމަށް ބޭނުންވާ ޑޮކިއުމެންޓުތައް.
- ބިދޭސީންގެ ޕާސްޕޯޓުގެ އިތުރުން ދިވެހި އައިޑީކާޑުތައް
- އެކްސްޕެޓް ސިސްޓަމުގައިވެސް އޭނާ ގިނަ އެކައުންޓުތަކެއް ހުޅުވާފައިވުން.
- އަމިއްލަ ފަރުދުންގެ ވިޔަފާރިތަކުގެ ނަމުގައި 153 އެކައުންޓް
- ބޭރު ކުންފުނިތަކުގެ ނަމުގައި 7 އެކައުންޓް
- ކުންފުނިތަކުގެ ނަމުގައި 283 އެކައުންޓް
- އަމިއްލަ ފަރާތްތަކުގެ ނަންނަމުގައި 126 އެކައުންޓް،
- އަދި ޕާޓްނާޝިޕްގެ ނަމުގައި އެކްސްޕެޓް ސިސްޓަމްގައި ރިލޭޝަން ގާއިމްކޮށްފައިވާ 5 އެކައުންޓް
- 2019 އިން ފެށިގެން ޝަހާދަތުގެ ބޭންކް އެކައުންޓުތަކަށް 8 މިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާ ޖަމާކޮށް ދައުރުކޮށްފައިވުން.
- ބިދޭސީންގެ ޑިޕޮސިޓް ފައިސާ ދެއްކުމަށް އެކްސްޕެޓް ޕޯޓަލްގެ ތެރެއިން 1 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކާފައިވުން.
- 2014 ވަނަ އަހަރުން ފެށިގެން 4 ވޯކް ޕާމިޓުގައި ރާއްޖޭގައި އުޅެމުން އައިސްފައިވުން.
- 2019 ވަނަ އަހަރު ބޭންކް އޮފް މޯލްޑިވްސްގައި އޭނާގެ ނަމުގައި 6 އެކައުންޓެއް ހުޅުވި
- ދިވެހި ރުފިޔާގެ ތިން އެކައުންޓު އަދި ޔޫއެސް ޑޮލަރުގެ 3 އެކައުންޓު


