ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ވަނީ ޣައްޒާގެ ހާލަތަކީ ބަލައިގަނެވޭނެ ހާލަތެއް ނޫން ކަމަށާއި އަދި އެއީ ހުއްޓުވަން ޖެހޭ ބިރުވެރި އިންސާނީ ކާރިސާއެއް ކަމަށް ސިފަ ކުރައްވާފައެވެ.
މީގެ އިތުރުން އދ.ގައި ހުންނަވާ އިނގިރޭސި ސަފީރު އިއްޔެ ވިދާޅުވީ ޣައްޒާ މީހުން ބަނޑަށް ޖެހެމުންދާއިރު ކާނާ ލޮރި ލޮރީގައި ހުރެގެން ކުނިވަމުންދާ ކަމަށެވެ.
ފްރާންސްގެ ޓީވީ ޗެނަލް ޓީއެފް1 އަށް ދިން އިންޓަވިއުއެއްގައި، އެމަޖެންސީ ޑޮކްޓަރަކު ޣައްޒާގެ ހިތާމަވެރި ހާލަތު ސިފަކޮށްދިން ވީޑިއޯއެއް ބެއްލެވުމަށް ފަހު މެކްރޮން ވިދާޅުވީ "ފެނެއް ނެތް، ބޭހެއް ނެތް، ޒަޚަމްވި މީހުން ނެރެވޭކަށެއް ނެތް. އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ކުރަމުންދާ ކަމަކީ ލަދުވެތި ކަމެއް" ކަމަށެވެ.
އޭނާ ގޮވާލެއްވީ އިޒްރޭލަށް ޕްރެޝަރު ކުރުމަށާއި ޔޫރަޕިއަން ޔޫނިއަންއާ އެކު އިޒްރޭލުން ހަދާފައިވާ އެއްބަސްވުންތައް އަލުން ބެލުމަށެވެ.
ނަތަންޔާހޫ އާއި އިޒްރޭލުން ކަންކުރަމުންދާ ގޮތް ސިފަ ކުރެއްވުމަށް "ނަސްލު ނައްތާލުން" މި ލަފުޒު ބޭނުންކުރުމާ ބެހޭ ގޮތުން ނޫސްވެރިޔާ ގިލްސް ބޯލޯ ސުވާލު ދެންނެވުމުން މެކްރޮން ވިދާޅުވީ އެފަދަ ލަފްޒުތައް ބޭނުން ކުރާނީ އޭގެ މަގާމުގައި މުއައްރިޚުން ކަމަށެވެ. އަދި އެއީ ސިޔާސީ މީހުންގެ ދައުރެއް ނޫން ކަމަށެވެ.
އދ.ގައި ހުންނަވާ ފްރާންސްގެ ސަފީރު ޖެރޯމް ބޮނަފޮންޓް ވަނީ ޣައްޒާގައި އިޒްރޭލުން ހިންގާ އޮޕަރޭޝަންތައް އިތުރުކުރުމަށް ރާވާފައިވާ މައްސަލަ ކުށްވެރިކުރައްވައި އިޒްރޭލުން ހުށަހަޅާ އެހީ ބެހުމުގެ ނިޒާމާ ދެކޮޅު ހައްދަވާ ކަމަށާއި ޣައްޒާގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި އެހީ ދިނުމުގެ މަސައްކަތްތެރިންގެ ހަރަކާތްތަކަށް ޒަޔަނިސްޓުން އަޅާފައިވާ ހުރަސްތައް ވަގުތުން ނައްތާލުމަށް ގޮވާލައްވާފައެވެ.





