އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވަނީ ޑޮނަލްޑް ޓްރަމްޕަށް ދުވަހަކުވެސް އީރާނަށް ބިރު ދައްކައިގެން މޮޅެއް ނުލިބޭނެ ކަމަށެވެ.
މިއަދު ކަރްމަންޝާގައި އިލްމީ ބޭފުޅުންނާ ބައްދަލުކުރައްވަމުން، ޕެޒެކްޝިއަން ވިދާޅުވީ، ޓްރަމްޕް ހުވަފެން ދެކެނީ ކަމަށެވެ.
"ޓްރަމްޕް އަޅުގަނޑުމެންގެ މި ސަރަހައްދަށް އައިސް، އިންޒާރުދީ، އޭނާގެ އެދުންތަކަށް ފުރޮޅާލާނެ ކަމަށް ހީކޮށް އީރާން ފަހަތަށް ޖެހިދާނެ ކަމަށް ހީކުރާނަމަ އެއީ ކުށްހީއެއް. އަޅުގަނޑުމެންގެ އިއްޒަތުއްނަފްސަށް އުނިކަމެއް އަންނަ ފަދަ ކަމެއް ދުވަހަކުވެސް ނުކުރާނަން. އީރާނު ކޮންމެ މީހެއްގެ ގައިގައިވެސް ދައރުވާނީ އެފަދަ ލޭ،" ކަރްމަންޝާ ޕްރޮވިންސްގައި ބޭއްވި ޖަލްސާއެއްގައި އެކަޑަމިކް ފަރާތްތަކާ ވާހަކަ ދައްކަވަމުން ޕެޒެޝްކިއަން ވިދާޅުވި އެވެ.
ޕެޒެޝްކިއަން ވިދާޅުވީ އީރާނުގެ ރައްޔިތުންގެ ހިތްވަރު ބަލިކޮށްލައި ގައުމުގެ ތެރޭގައި ބައިބައިވުން އުފެއްދުމަށް ޓްރަމްޕް އުއްމީދު ކުރައްވާ ކަމަށެވެ. "އޭނާއަށް ލަނޑުދަނޑި ހާސިލް ކުރެވޭނީ ހަމައެކަނި ހުވަފެނުގައި. އީރާނުން ކުރިއެރުން ކުރިއަށް ގެންދާނީ އެމެރިކާއިން ދޭ ޑީލަކާ ނުލައި ނުވަތަ އެއްބަސްވުމަކާ ނުލައި." އީރާންގެ ރައީސް ވިދާޅުވިއެވެ.
އަދި އީރާނުން "ޓެރަރިޒަމަށް ތާއީދުކުރާ" ކަމަށް ޓްރަމްޕް ވިދާޅުވުމުން އީރާންގެ ރައީސް ވިދާޅުވީ، 2010 ގެ އަހަރުތަކުގެ ތެރޭގައި ދާއީޝް ޓެރަރިސްޓުންނަށް ހިތްވަރު ދީ ހެދީވެސް އެމެރިކާއިން ކަމަށެވެ. އަދި އީރާންގެ ކޮމާންޑަރެއް ކަމަށްވާ ޖެނެރަލް ޤާސިމް ސުލައިމާނީ އަވަހާރަކޮށްލުމަށް އަމުރު ކުރީކޮން ޓެރަރިސްޓެއް ތޯ ޕެޒެކްޝިއަން ޓްރަމްޕަށް ސުއާލު ދެންނެވިއެވެ.
"ފާއިތުވި 47 އަހަރު އީރާނުގެ މީހުންގެގައިގައި ކަސްތޮޅު އަޅުވައިގެން ގެންގުޅެން ތިޔަބޭފުޅުން މަސައްކަތް ކުރެއްވި. އަޅުގަނޑުމެން މިތިބީ އެތައް ހާސް އަހަރެއް ވަންދެން މި ފަސްގަނޑުގައި ސާބިތުވެ ތިބެފައި. ކުރިއަށް އޮތް އަހަރުތަކުގައި ވެސް އެއްބައެއްގެ ގޮތުގައި އެގޮތަށް ދެމިތިބޭނަން." އީރާންގެ ރައީސް ވިދާޅުވިއެވެ.
ޕެޒެޝްކިއަން އީރާނުގެ ރައީސްގެ މަގާމާ ހަވާލުވެވަޑައިގަތީ 2024 ވަނަ އަހަރުގެ ހޫނު މޫސުމުގެ ތެރޭގަ އެވެ.






