ޔޫކްރޭންގައި ހިނގަމުންދާ ހަނގުރާމައާއި އަދި ވިޔަފާރިއާ ބެހޭ މަޝްވަރާތައް ކުރެއްވުމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މާދަމާ ހެނދުނު 10 ޖަހާއިރު ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ ފޯނުން ވާހަކަ ދައްކަވާނެ ކަމަށް ވައިޓުހައުސްއިން ބުނެފިއެވެ.
ޓްރަމްޕް ވެސް ޓްރޫތް ސޯޝަލް ޕްލެޓްފޯމް މެދުވެރިކޮށް ވިދާޅުވީ، ޕޫޓިންއާ އެކު ކުރައްވާ މަޝްވަރާތަކުގައި ކޮންމެ ހަފްތާއަކު ގާތްގަނޑަކަށް 5،000 ޔޫކްރޭނާއި ރަޝިޔާ ސިފައިންގެ ފުރާނަ ގެއްލިގެންދާ "ލޭއޮހޮރުވުން" ނިންމެވުމަށް ވާހަކަ ދައްކަވާނެ ކަމަށެވެ.

އެއަށްފަހު ޔޫކްރޭންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީއާ، އަދި އޭގެ ފަހުން ނޭޓޯގެ މެމްބަރުންނާ ވެސް ފޯނުން ވާހަކަ ދައްކަވާނެކަން އެމެރިކާގެ ރައީސް ވަނީ ވިދާޅުވެފައެވެ.
ޓްރަމްޕް ވިދާޅުވީ ހޯމަ ދުވަހަކީ އުފެއްދުންތެރި ދުވަހަކަށް ވެގެންދާނެ ކަމަށާއި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ބާއްވައި ރަޝިޔާ އާއި ޔޫކްރޭނާ ދެމެދު ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވްއާ ހަވާލާދީ ރަޝިޔާގެ ނޫސް އެޖެންސީތަކުން ބުނެފައި ވަނީ ޕޫޓިން އާއި ޓްރަމްޕާ ދެމެދު ވާހަކަ ދެއްކުމަށް މޮސްކޯއިންވެސް ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.







