އިޒްރޭލުން ހިންގަމުން ގެންދަނީ "ނަސްލު ނައްތާލުމުގެ ޙަމަލަތަކެއް": ރައީސުލްޖުމްހޫރިއްޔާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ޣައްޒާގައި އިޒްރޭލުން ހިންގަމުން ގެންދަނީ "ނަސްލު ނައްތާލުމުގެ ޙަމަލަތަކެއް" ކަމަށް ސިފަ ކުރައްވަމުން، ކުށެއް ނެތް ފަލަސްޠީނުގެ ރައްޔިތުންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް، ކުށްވެރިކުރައްވައި އެ ހަމަލާތައް ހުއްޓާލުމަށް ގޮވާލައްވާފައެވެ.

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އިޒްރޭލުގެ ޙަމަލާތައް ވަގުތުން ހުއްޓާލުމަށާއި ބައިނަލްއަޤްވާމީ ފަރާތްތަކުން، ޣައްޒާގެ ރައްޔިތުން ޙިމާޔަތް ކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ، ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން މަދަނީން ހިމާޔަތްކުރުމަށް ދިވެހި ސަރުކާރުން އަބަދުވެސް ގޮވާލަމުންދާ ގޮވާލުން މިއަދުވެސް ތަކުރާރު ކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ފަލަސްޠީނުގެ ރައްޔިތުންގެ ހައްޤުގައި އިޒްރޭލުން ދެމުންދާ އުދުވާނީ ޢަމަލުތަކަށް، އިޒްރޭލު ޖަވާބުދާރީކުރުވުމުގެ މުހިންމުކަންވެސް ފާހަގަކުރައްވާފައެވެ.

ދިވެހިރާއްޖޭގެ އެންމެ އިސް ޑިޕްލޮމެޓުގެ ޙައިސިއްޔަތުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިނަލްއަޤްވާމީ މެހުފިލުގައި ތަކުރާރުކޮށް، ފަލަސްޠީނާއި ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި ވާހަކަފުޅު ދައްކަވާފައެވެ. އަދި މިއަދު އެމަނިކުފާނު ދެއްވި ބަޔާނަކީ އެމަނިކުފާނުގެ ސަރުކާރު ފަލަސްޠީނުގެ މައްސަލާގައި ސާބިތުކަމާއެކު ދެމިއޮތް ކަމުގެ ބަޔާނެކެވެ.

ފަލަސްޠީނުގެ ޙައްޤަށް ތާއީދުކޮށް ވަކާލާތު ކުރުމަކީ، ރާއްޖޭގެ ޚާރިޖީ ސިޔާސަތުގައި، ފުންކޮށް ބިންވަޅު ނެގިފައިވާ މައުޤިފެކެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު، އދގެ އާންމު މަޖިލީހުގައި ދެއްވި ތަޤްރީރުގައިވެސް ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި ސާބިތުކަމާއެކު، ވާހަކަފުޅު ދައްކަވާފައެވެ. އެ ވާހަކަފުޅުގައިވެސް ރައީސުލްޖުމްހުރިއްޔާ ވަނީ ފަލަސްޠީނު ރައްޔިތުން ޙިމާޔަތްކޮށް ދީ، އެމީހުންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް ގޮވާލައްވާފައެވެ.

މަޤާމާއި ހަވާލުވެ ވަޑައިގަތް ފަހުން، ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހި އިސްލާމީ ޝަޚުޞިއްޔަތާ ގުޅޭ ގޮތަށް، ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު އިސްލާމީ އަގުތަކާއި ބައިނަލްއަޤްވާމީ އިންސާފީ ޤިޔަމްތަކާ އެއްހަމަ ކުރުމަށް މަސައްކަތް ކުރައްވާފައެވެ.

ހިއްސާ ކުރައްވާ!