ކޮޅުނބު އެއާޕޯޓުގައި އީގޭޓް ސިސްޓަމް ބަހައްޓަނީ

ޖަޕާނު ސަރުކާރުން އިންޓަރނޭޝަނަލް އޯގަނައިޒޭޝަން ފޮރ މައިގްރޭޝަން (އައި.އޯ.އެމް) މެދުވެރިކޮށް ސްރީލަންކާއަށް ދޭ 8.6 މިލިއަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީގެ ދަށުން ތަންފީޒުކުރެވޭ އިލެކްޓްރޯނިކް ގޭޓް (އީ-ގޭޓް) ނިޒާމު ސިސްޓަމް ބެހެއްޓުމުގެ މަސައްކަތް އަވަށް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

ސްރީލަންކާގެ ސިވިލް އެވިއޭޝަން އާއި ބަނދަރުތަކާއި މަދަނީ ވައިގެ ދަތުރުފަތުރުގެ މިނިސްޓްރީތަކުން ވަނީ ޖަޕާނުގެ އެދުމަށް، ޚާއްޞަ ކޮމިޓީއެއް އެކުލަވާލާފައެވެ. ކޮޅުނބުގައި އީގޭޓް ސިސްޓަމް ބެހެއްޓުމަކީ، 2022 ވަނަ އަހަރު ފަށާފައިވާ މަޝްރޫއެކެވެ.

މި މަޝްރޫޢުގެ މަޤްޞަދަކީ ބަންޑަރަނާޔަކަ ބައިނަލްއަޤްވާމީ ވައިގެ ބަނދަރާއި ކޮލޮމްބޯ ބަނދަރުގެ ސަރަޙައްދީ ބެލެހެއްޓުން ޒަމާނީކޮށް، ކޮރަޕްޝަން ގެ އަމަލުރައް ހުއްޓުވައި، ފަސިންޖަރުންގެ ކަންކަން ހަލުވިކަމާއި ޞިއްޙީ ރައްކާތެރިކަމާއެކު ނިންމައި ދިނުމެވެ.

ސްރީލަންކާގެ ވަޒީރުންނާއި މަސްއޫލުވެރިންނާއެކު ޖަޕާނުގެ އެކްޓިން ޗީފް އޮފް ސްޓާފް ކަމޯޝިޑާ ނައޯކީ އާއި އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ މައިގްރޭޝަންގެ ހެޑް އޮފް މިޝަން ކްރިސްޓީން ޕާކޯ ވަނީ އިއްޔެ މަސައްކަތް ދާގޮތް ބައްލަވާލައްވާފައެވެ. އެ ކޮމިޓީން ވަނީ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ގޮތް މުރާޖަޢާކޮށް، ޓެކްނިކަލް ކަންކަން ވިލަރެސްކުރުމުގެ ގޮންޖެހުންތަކަށް އަލިއަޅުވާލައި ކުރިއަށް އޮތް ދުވަސްތަކުގައި މަސައްކަތް ގެންދާގެ ގޮތާ މެދު ބަހުސްކޮށްފައެވެ. މިހާރުގެ އަމާޒަކީ، 2026 ވަނަ އަހަރަށް މަޝްރޫޢު ނިންމުމެވެ.

މި ޕްރޮޖެކްޓްގެ މަސައްކަތް ނިމޭއިރު، ސްރީލަންކާގެ ވައިގެ ބަނދަރާއި އެއްގަމު ބަނދަރުގައި މޫނު ދެނެގަތުމުގެ ފޭޝަލް ރިކޮގްނިޝަން ޓެކްނޮލޮޖީ ފަދަ ބަޔޯމެޓްރިކް ޓެކްނޮލޮޖީ ހިމަނާފައި ވާނެއެވެ. އަދި އީ-ގޭޓް ނިޒާމުން އިމިގްރޭޝަންގެ މަސައްކަތް ހަލުވިކޮށް، މަޑުކޮށްގެން ތިބެންޖެހޭ ވަގުތު މަދުކޮށް، ސަލާމަތީ ކަންކަން ހަރުދަނާކޮށްފައި ވާނެއެވެ.

ސްރީލަންކާގެ އިގްތިސާދީ ހީނަރުކަމަށްފަހު، އެޤައުމުގެ އިޤްތިޞާދު ދަނީ އާރާސްތުވަމުންނެވެ. އަދި ފަތުރުވެރިކަން ކުރިއެރުވުމަށް ކަނޑައަޅާފައިޥާ ލަނޑުދަނޑިތަކަށް ވާސިލު ވެވޭނެ ކަމަށް ސަރުކާރުން ބުނެއެވެ.

ހިއްސާ ކުރައްވާ!