ދުންފަތް ކޮންޓްރޯލު ކުރެއްވުމުން ރައީސުލްޖުމްހޫރިއްޔާއަށް ޑަބްލިއުއެޗްއޯގެ ޚާއްސަ އެވޯޑެއް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދުންފަތުގެ އިސްތިޢުމާލު ކުރުން ކޮންޓްރޯލް ކުރެއްވުމަށް ކުރައްވާފައިވާ އިސްތިސްނާ މަސައްކަތްތަކަށްޓަކައި ވޯލްޑް ނޯ ޓޮބެކޯ ޑޭ 2025 ގެ މުނާސަބާގައި، ދުނިޔޭގެ ސިއްޙަތު ޖަމުއިއްޔާގެ ޑިރެކްޓަރ ޖެނެރަލްގެ ޚާއްޞަ އިނާމު ލިބިވަޑައިގެން ދުނިޔޭގެ ސަމާލުކަން ހޯއްދަވައިފިއެވެ.

މިއަދު ޑަބްލިއު.އެޗް.އޯ އިން އިޢުލާނުކުރި މި އިނާމަކީ ދުންފަތުގެ އިސްތިޢުމާލު ކުރުން ކޮންޓްރޯލުކޮށް، ޢާންމު ޞިއްޙަތު ކުރިއެރުވުމުގައި ރައީސުލްޖުމްހޫރިއްޔާ އަދާކުރެއްވި މުހިންމު ދައުރު ފާހަގަކޮށް، އަދި ރައްޔިތުންގެ ދުޅަހެޔޮކަމަށް އެޅުއްވި ފިޔަވަޅުތަކަށް އެމަނިކުފާނަށް އަރުވާ ޚާއްސަ އެވޯޑެކެވެ.

ދިވެހިރާއްޖެއަކީ ޢާންމު ޞިއްޙަތުގެ ގޮންޖެހުންތަކާ ކުރިމަތިލަމުންދާ ޤައުމެކެވެ. ދުންފަތުގެ އިސްތިޢުމާލަކީ ރާއްޖޭގައި އާންމު ސިއްޙަތުގެ ދާއިރާއިން އެންމެ ކަންބޮޑުވާ ކަމެވެ.

ޑަބްލިއު.އެޗް.އޯ ގެ އަންދާޒާތަކުން ދައްކާ ގޮތުގައި 2022 ގައި ދިވެހިރާއްޖޭގެ އާބާދީގެ 26.6  އިންސައްތަ ބޮޑެތި މީހުންނަކީ ދުންފަތުގެ އިސްތިޢުމާލު ކުރާ މީހުންނެވެ. މި ތަފާސްހިސާބުން ދިވެހިރާއްޖެ ހިމެނެނީ ދެކުނު އޭޝިއާ ސަރަޙައްދުގައި ދުންފަތުގެ އިސްތިޢުމާލު އެންމެ ގިނައިން ކުރާ ޤައުމުތަކުގެ ތެރޭގައެވެ. މި ސަރަޙައްދުގައި ދުންފަތާ ގުޅުންހުރި ބަލިތަކުން އަހަރަކު 3.1 މިލިއަން މީހުން މަރުވެއެވެ. ރައީސް މުޢިއްޒުގެ ސަރުކާރުން މި ހާލަތާ ކުރިމަތިލުމަށް ހިތްވަރުގަދަ މުހިންމު ތިން ފިޔަވަޅެއް އަޅުއްވާފައި ވެއެވެ. އެއީ ވޭޕް ކޮންޓްރޯލު ކުރުމާއި، ދުންފަތަށް ނަގާ ޓެކްސް ބޮޑު ކުރުމާއި ޖެނެރޭޝަން ބޭން އެވެ.

ހިއްސާ ކުރައްވާ!